"ކޮންމެ ދުވަހަކު، އިރު އޮއްސެން ކައިރި ވީމާ، ރަށުގެ މެދުތެރޭގައި ހުންނަ އެންމެ ދިގު ރުކަށް ރަށު އޮފީހުގެ ޕިޔޯނު ސަންގެއް ހިފައިގެން އަރާނެ އެވެ. އޭނާ ކުރަން ޖެހޭ ކަމަކީ އިރު ފެނު ޖެހޭތޯ ބެލުމެވެ. އިރު އޮއްސިއްޖެކަން މުޅިން އޭނާއަށް ޔަގީންވުމުން، ރުކު ކުރީގައި އޮވެފައި އޭނާ ސަންގު ފުމެ އެވެ. އެހިސާބުން ރަށު އެންމެން ރޯދް ވީއްލާނެ އެވެ. މަސް ދުވަސް ވަންދެން ކޮންމެ ދުވަހަކު، އިރު އޮއްސޭ ވަގުތު އެފަކީރު އަރާ އޮންނަން ޖެހެނީ ރުކު ކުރީގަ އެވެ." މިއީ އާދަމް ނަސީރު އިބްރާހީމް، އޭނާގެ ޅަފަތުގެ ދުވަސްވަރުގެ އާދަކާދަ އޮތް ގޮތް ކަމުގައި ވިދާޅުވެ، "ދިވެހީންނާއި، ދިވެހި ސަންގު" ސުރުޚީގައި ލިއުއްވި ލިޔުއްވުމެއްގައި، ރޯދަ ވީއްލަން ސަންގު ފުމޭ ގޮތް ސިފަ ކުރައްވާފައި އޮތް ގޮތެވެ.

ރޯދަ މަހުގެ ކޮންމެ ދުވަހަކު ވެސް ރޯދަ ވީއްލަނީ ބަންގި ގޮވުމުންނެވެ. ބަންގި ގޮވާ އަޑު އެހުމަށްޓަކައި ޓީވީ އާއި ރޭޑިއޯގެ އިތުރުން ކައިރި ކައިރީގައި ހުންނަ މިސްކިތްތަކުގެ ތާޅަފިލިތަކަށް ކަނުލާ އަހަން ތިބެވެ އެވެ. އެހެން ނަމަވެސް އެފަދަ ވަސީލަތެއް ނެތް ޒަމާނުގައި އިރު އޮއްސިއްޖެ ކަމާއި ރޯދަ ވީއްލަން ވެއްޖެކަން އިއުލާން ކުރުމަށް ރާއްޖޭގައި އެންމެ އާންމުކޮށް ބޭނުންކޮށް އުޅުނީ ސަންގު ކަމީ ތާރީޚީ ވާހަކަތަކުން އޮޅުމެއް ނެތި އެނގޭ ކަމެކެވެ.

ރާއްޖޭގައި ރޯދަ މަހު އިރުއޮއްސިއްޖެކަން އިއުލާންކުރުމަށްޓަކައި ސަންގު ފުމޭ ފަދައިން، އިސްލާމީ ގިނަ ގައުމުތަކެއްގައި އިރު އޮއްސުނުކަން އިއުލާންކުރުމަށްޓަކައި ސަރުކާރުގެ ކަމާ ބެހޭ ފަރާތުން ބަޑި ޖަހައި އުޅުނެވެ. ތާރީޚީ ގޮތުން ބަލާއިރު މި ބަޑި ޖެހުން ފެށިފައި ވަނީ މިސްރުންނެވެ. 15 ވަނަ ގަރުނުގެ ތެރޭގައި މަމްލޫކު ދަރިކޮޅުގެ ރަސްކަލަކަށް ހަދިޔާއެއްގެ ގޮތުގައި ލިބިވަޑައިގެންނެވި ބޮޑު ބަޑިއެއް ޓެސްޓް ކޮށްލެއްވުމަށްޓަކައި ގޮއްވާލެވުނު ވަގުތު ދިމާވީ ރޯދަމަހެއްގެ ފުރަތަމަ ދުވަހެއްގެ އިރު އޮއްސުނު ވަގުތާ އެވެ. އެހެންކަމުން މިސްރުގެ ރައްޔިތުން ހީކުރީ، އެއީ އިރު އޮއްސިއްޖެކަން އިއުލާން ކުރުމުގެ ގޮތުން އިއްވާލި އަޑެއް ކަމަށެވެ.

ރަސްގެފާނަށް އެކަން އެނގިވަޑައިގެންނެވުމުން ރޯދަ މަހުގެ ކޮންމެ ދުވަހެއްގެ އިރު އޮއްސޭ ވަގުތު ބޮޑު ބަޑި ގޮއްވާލަން އަމުރު ކުރެއްވި އެވެ. މިކަން މިސްރުން، ސީރިއާއަށާއި ބަޣުދާދަށާއި މޮރޮކޯއަށް ފުޅާވެ، ފަހުން މުޅި އަރަބި ކަރައާއި އެފްރިކާގެ މުސްލިމު ގައުމުތަކުގައި ސަގާފަތަކަށް ވެގެން ދިޔަ އެވެ.

ރޯދަ ވީއްލާ ގަޑީގައި އެކަން އިއުލާންކުރުމުގެ ގޮތުން ސަންގު ފުމޭ ފަދައިން ހާރު ކެއުމަށްޓަކައި އެއްގެއިން އަނެއް ގެއަށް ގޮވައި، އަވަށްޓެރިން ހޭލެއްވުމަކީ ވެސް ދިވެހިން ރޯދަ މަހު ކޮށް އުޅުނު ކަމެކެވެ. ރޭޑިއޯއެއް، ޓޯވީއެއް، ސޯނާ ގަޑިއެއް، ނެތް އެ ޒަމާނުގައި ހާރުކާން ގަވައިދުން ހޭލުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެހެންކަމުން ހާރު ކެއުމަށް ހޭލެވުމާ އެކު އަވަށްޓެރި ގޭގޭގެ މީހުންނަށް ގޮވައި ހޭލެއްވުމަކީ ކުރީ ޒަމާނުގައި ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ބައެއް ރަށް ރަށުގައި މިކަމަށް ޚާއްސަ މީހުން ވެސް ތިބޭ ކަމަށްވެ އެވެ. އެމީހުންގެ ޒިންމާއަކީ ހަވާލުވެފައި އޮންނަ ހިސާބެއްގެ އެންމެން ވެސް ހާރުކާން ހޭލިތޯ ބަލައި، ހޭ ނުލެވޭ ގޭގެއަށް ގޮވުމެވެ.

ރާއްޖެއެކޭ އެއްފަދައިން ހާރުކާން ގޮވުމަކީ އިސްލާމީ ހުރިހާ ގައުމެއްގައި ވެސް ކުރީ ޒަމާނުގައި ކޮށް އުޅުނު ކަމެކެވެ. ކުރީ ޒަމާނުގައި މުސްލިމް ބައެއް ގައުމުތަކުގައި ހާރު ކެއުމަށް މީހުން ހޭލެއްވުމަށް އެކަމަށް ޚާއްސަ ގުރޫޕްތަކެއްގެ މީހުން ތިބެ އެވެ. ބައެއް ގައުމުތަކުގައި އެމީހުން ހިނގާނީ ބެރުދުންމާރި ތާޅަފިލި ފަދަ މިއުޒިކީ އާލާތްތަކުގެ ބޭނުން ކޮށްގެން މީހުން ހޭ ލައްވަމުންނެވެ. ތާރީޚި ގޮތުން މިކަން ވެސް ފެށިފައި އޮތް ކަމަށް ވަނީ މިސްރުންނެވެ.

ހަތް ވަނަ ގަރުނުގެ ތެރޭގައި މިސްރުގެ ގަވަރަނަރު އެ ގައުމުގެ މަގުމައްޗަށް މީހުން ފޮނުވައި، ހާރު ކާ ގަޑި ޖެހިއްޖެކަން އިއުލާން ކުރެއްވަމުން ގެންދެވި އެވެ. އެހިސާބުން އެކި ޝަހަރުތަކަށް އެކަން ފެތުރުނު ކަމަށްވެ އެވެ. މޮރޮކޯގައި ހާރު ކެއުމަށް ގޮވާ މީހުން ކޮންމެ ގެއެއްގެ ދޮރުގައި ވަކިން ޓަކި ޖަހައި، ގޮވައި ހަދަ އެވެ. ސީރިޔާގައި ވަކި ތަކުބީރެއް އެކަމަށް ޚާއްސަކޮށް ގޮވަމުން މަގުތަކުގައި ހިނގުން އޮތެވެ.

ރޯދަ މަހަކީ މުސްލިމުންނަށް ޚާއްސަ މަހަކަށް ވާފަދައިން އެމަހުގެ އާދަކާދަތައް ވެސް އެހެން ހުރިހާ މަހަކާ ތަފާތެވެ. ރޯދަ ވީއްލުމާއި ހާރު ކެއުމަކީ ރޯދަހިފުމުގެ އެންމެ މުހިންމު ދެކަން ކަމުން، އެކަންކަމާ މާގުޅޭ ތާރީޚީ، ސަގާފީ، މުހިންމު އާދަކާދަތަކެއް ހުރެ އެވެ. ޒަމާނާއެކު އެކަން ކަމަށް ބަދަލު އަޔަސް އެކަމަސް ދެވޭ ސަމާލުކަމަކަށް އުނިކަމެއް ނާދެ އެވެ.