ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރި ގޮތާ މެދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދައުލަތާ ސުވާލުތަކެއް އަމާޒު ކުރައްވައިފި އެވެ.

ޔާމީންގެ އެކައުންޓްތައް ފްރީޒްކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު މިދިޔަ އަހަރު ހައި ކޯޓުން ބާތިލް ކުރުމުން އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް އިސްތިއުނާފްކޮށް، މައްސަލާގެ އަޑުއެހުމެއް މިއަދު ބޭއްވި އެވެ. ހައި ކޯޓުން އެ އަމުރު ބާތިލްކުރީ ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބަޔާންކުރާ ސަވައިލް ކުރުމުގެ އަމުރެއް ހޯދުމެއް ނެތި އެކައުންޓް ފްރީޒް ކުރުމުގެ އަމުރެއް ނެރެފައިވާތީ އެވެ.

ފަނޑިޔާރުންގެ ސުވާލުތައް އަމާޒުވީ ތުހުމަތު ކުރެވޭ އެއް މިލިއަން ޑޮލަރުގެ މުއާމަލާތަކާ ގުޅިގެން ކަމަށް ބުނެ ޔާމީންގެ ހުރިހާ އެކައުންޓެއް ފްރީޒް ކޮށްފައިވާތީ އެވެ. ތުހުމަތު ކުރެވޭ ފައިސާގެ އަދަދު ދެނެގަނެވިފައި އޮއްވާ އެގޮތަށް އަމަލު ކުރީ ކީއްވެގެންތޯ ސުވާލު ކުރުމުން އެ ސުވާލުގެ ޖަވާބު ދިނީ އެ މައްސަލަ ތަހުގީގުކުރި ފުލުހުންގެ ޓީމުގެ ބޭފުޅެކެވެ. އޭނާ ބުނިގޮތުގައި އެއް މިލިއަން ޑޮލަރުގެ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް ޔާމީނަށް މުސާރައާ ނުބައްދަލު އާމްދަނީ ލިބިވަޑައިގަތް ކަމަށް ބެލެވޭތީ އެގޮތަށް އެދުނީ އެވެ.

އަމުރަށް އެދުނު ލިޔުންތަކުގައި މުސާރައާ ނުބައްދަލު އާމްދަނީގެ ތުހުމަތެއް ހިމަނާފައި ނެތުމުން ފަނޑިޔާރު ހުސްނުއްސުއޫދު އެ ފުލުސް މީހާއާ ދިމާލަށް ވިދާޅުވީ ހިތަށް އަންނަހާ ވާހަކައެއް ވިދާޅުނުވުމަށެވެ. އަދި ތުހުމަތު ކުރެވޭ ފައިސާގެ އަދަދާއި އެގޮތަށް ގަބޫލު ކުރެވުނު އެކަށީގެންވާ ސަބަބެއް އޮތްކަން ސާފުކޮށް ދިނުމަށް ދެން އޮންނަ އަޑުއެހުމަކަށް ތައްޔާރުވާން އެ ފުލުސް މީހާ އާއި ދައުލަތުގެ ވަކީލުންނަށް ސުއޫދު އެންގެވި އެވެ.

މާފުށީ ޖަލުގައި ހުންނަވައިގެން އޮންލައިންކޮށް އެ އަޑުއެހުމުގައި ބައިވެރިވެ ވަޑައިގަތް ޔާމީން ވިދާޅުވީ އާމްދަނީއާ ނުބައްދަލު މުއްސަނދި ކަމެއް ލިބިވަޑައިގަތް ކަމުގެ ތުހުމަތެއް އެމަނިކުފާނުގެ މައްޗަށް ފުލުހުންކޮށް، ސުވާލެއް ކޮށްފައި ނެތް ކަމަށެވެ. އެމަނިކުފާނަކީ ގެ ކުއްޔަށް ދެއްވައިގެން ވެސް އާމްދަނީ ލިބިވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި އާމްދަނީ ލިބިވަޑައިގަންނަވާ ހަމައެކަނި މަގަކީ އެމަނިކުފާނުގެ މުސާރަ ކަމަށް ގަބޫލު ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެ، ވިދާޅުވީ ފައިސާ ގެންގުޅުމަކީ ކުށެއް ކަމަށް ބަޔާންކުރާ ގާނޫނީ ހަމައެއް ނެތް ކަމަށެވެ. އަދި އެމަނިކުފާނަކީ ސިޔާސީ މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވި އެވެ.

އެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގެ ކުރީގެ ބެންޗުން ނިންމާލާފައި ވިޔަސް، ބެންޗް ބަދަލުވުމުން އިތުރު އަޑުއެހުމެއް އަދި ބާއްވާނެ އެވެ. ފަނޑިޔާރު ސުއޫދުގެ އިތުރުން ބެންޗުގައި ތިއްބެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.