އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބުގެ ބަދަލުގައި، އެ ކޮމިޝަންގެ އެސްޖީގެ މަގާމުގައި ހުންނެވި ހަސަން ޒަކަރިއްޔާ އައްޔަންކުރަން މަޖިލީހަށް ފޮނުވައިފި އެވެ.

ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް މިއަދު ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ ހަބީބުގެ މެންބަރު ކަމުގެ ދައުރު އަންނަ މަހު 13 އަށް ހަމަވާތީ އެ މަގާމަށް ކުރިމަތިލުމަށް އާންމުކޮށް އިއުލާން ކުރުމަށް ފަހު އިޖާބަ ދެއްވި ބޭފުޅުންގެ ނަންތައް ފޮނުވާފައިވާ ކަމަށެވެ.

އޭގެ ތެރެއިން ރައީސް ހުށަހަޅުއްވާފައިވާ ނަމަކީ 2021 ވަނަ އަހަރުން ފެށިގެން އީސީގެ އެސްޖީގެ މަގާމް އަދާކުރަމުން އަންނަ ޒަކަރިއްޔާ އެވެ.

ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ފޮނުވައިފަ އެވެ.

އީސީގެ އެސްޖީގެ މަގާމަށް ޒަކަރިއްޔާ ހަމަޖެއްސީ 18 ޖޫން 2021 ގަ އެވެ.

އީސީގެ މެންބަރު ކަމުގެ ދައުރަކީ ފަސް އަހަރެވެ.

ހަބީބު މިހާރު އަދާކުރައްވަމުން އެ ގެންދަވަނީ އޭނާގެ ދެވަނަ ދައުރެވެ. އޭގެ ކުރިން ވެސް އޭނާ އަކީ އީސީގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.