ވެރިކަމުގެ މިހާ ކުރީކޮޅު ކަންކަން ދިޔައީ ދުނިޔޭގެ އެއްވެސް ގައުމަކުން ފެނިގެންދާ ގޮތަކަށް ނޫން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ރޭ ފުވަމުއްލަކު ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލިސް ތެރެއިން އެމަނިކުފާނު އަޒުލުކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް ރައްދު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ މިއީ ވެރިކަމުގެ މިހާކުރިން އެއްވެސް ގައުމަކުން ފެނިގެންދާ މަންޒަރެއް ނޫން ކަމަށެވެ.

"ވެރިކަމުގެ ފުރަތަމަ 100 ދުވަސް ނުވަތަ ހަފްތާ 14ގެ މައްސަކަތް މިދިޔައީ، ތިޔަ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ވެސް ފެނިވަޑައިގަންނަވާނެ އެންމެ ފަސޭހަ ގޮތަކަށް ނޫން. އަޅުގަނޑު އެކްސްޕެކްޓެއް ވެސް ނުކުރަން ފަސޭހަވާނެ ކަމަކަށް މަޖިލިސް ތެރެއިން،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މަޖިލީހުގައި ސަރުކާރަށް ތާއީދު ކުރައްވާ މަދު މެންބަރުން ތިބުމުން ސަރުކާރަށް ފަސޭހަ ވާނެކަން ގަބޫލުނުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އެ މަނިކުފާނާ ދެކޮޅަށް ވެރިކަމުގެ މިހާ ކުރީކޮޅު ކަންކަން މި ދިޔައީ "މިއީ ދުނިޔޭގެ އެއްވެސް ތާކު ކަންކަން ދާ ގޮތަކަށް ނޫން" ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މި ސަރުކާރަށް އަގުލަބިއްޔަތު ބޭނުން ވަނީ މިސަބަބުތަކާ ހެދި ކަމަށެވެ. އަދި ސަރުކާރުން ގެންނަ ބޭނުންވާ ތަރައްގީ ގެނެވޭނީ މަޖިލިސް ލިބިގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ، މަޖިލިސް ތެރެއިން ގޮންޖެހުންތައް ކުރިމަތިވި ނަމެވެސް މިދިޔަ 14 ހަފްތާތެރޭގައި ސަރުކާރުން ވަރަށް ގިނަ ކަންކަން ކުރެވޭތޯ މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި ބައެއް ކަންކަން ހާސިލް ވެސް ވެފައިވާ ކަމަށް ވިދާޅުވި އެވެ.