ގައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއާޕާސަންގެ މަގާމަށް ކަށިމާ އަހުމަދު ޝާކިރު އައްޔަންކުރައްވައިފި އެވެ.

ރައީސް މުއިއްޒު އެ މަގާމަށް ކަށިމާ ޝާކިރު މިއަދު ޢައްޔަންކުރެއްވީ، ކޮމިޓީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަނީސާ އަޙްމަދު، ސިއްހީ ސަބަބުތަކަކަށްޓަކައި އިސްތިއުފާ ހުށަހެޅުއްވުމާ ގުޅިގެންނެވެ.

އަނީސާ އަޙްމަދުގެ އިސްތިއުފާ ގަބޫލުފުޅުކުރައްވައި، އެ ކަމަނާއަށް ރައީސް ފޮނުއްވި ސިޓީފުޅުގައި، ގައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ދިގު މުއްދަތެއްގައި ތެދުވެރިކަމާއި އިހްލާސްތެރިކަމާ އެކުގައި ކޮށްދެއްވި އަގުހުރި ހިދުމަތްތަކަށްޓަކައި އެ ކަމަނާއަށް ޝުކުރު އަދާކުރައްވާފައިވެ އެވެ.

މި ބަދަލުގެ އިތުރުން، ގައުމީ އިނާމާބެހޭ ކޮމިޓީގެ މެންބަރު ކަމުގައި ހުންނެވި މާފަންނު މަޚްމާވިލާ އިބްރާހީމް އިސްމާއީލް އަލީ، މިނިސްޓަރު އޮފް ސްޓޭޓް ފޯ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ކަމުގެ މަގާމަށް މިދިޔަ އަހަރުގެ ޑިސެމްބަރު 14 ގައި ޢައްޔަން ކުރެއްވުމާ ގުޅިގެން، އިބްރާހީމް އިސްމާއީލްގެ ބަދަލުގައި، އެކޮމިޓީގެ މެންބަރު ކަމަށް ރައީސް ވަނީ ބޭފުޅަކު ޢައްޔަންކުރައްވައިފަ އެވެ. އެ ބޭފުޅަކީ، މައްޗަންގޮޅި ވިލުވެލި ބަދުރުއްނަޞީރެވެ.