ރައްޔިތުންގެ މަޖިލިސް މެންބަރުންގެ އަދަދު ގުނާ ގޮތަށް ބަދަލު ގެންނަން މަޖިލީހުން ފާސްކޮށްފައިވާ ގޮތް ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮއްވައި، އެ މާއްދާތައް ގަވާއިދުން ނަގައި، ބަދަލުތަކަކާއެކު އެ ވާހަކަތައް އެހެން މާއްދާއެއްގައި ހިމަނަން އެމްޑީޕީގެ އަގުލަބިއްޔަތު އޮންނަ މަޖިލީހުގެ އާންމު ކޮމެޓީން ފާސްކޮށްފި އެވެ.

މަޖިލީހުގެ ޖުމްލަ އަދަދު ގުނާ ގޮތަށް ބަދަލުގެނެސް މަޖިލީހުން ހުސްވެފައިވާ ގޮނޑިތައް ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި ނުހިމެނޭނެ ގޮތަށް މަޖިލީހުގެ ގަވާއިދުގެ 49 މާއްދާގެ ކ.އާއި، އ.އާއި، ވ. އަށް ގެނައި ބަދަލުތައް ބާތިލުކުރުމަށް ދައުލަތުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވެ އެވެ. މި މައްސަލާގެ ޝަރީއަތް މިމަހުގެ 25 ގައި ފެށުމަށް ވަނީ ތާވަލުކޮށްފަ އެވެ.

އެމްޑީޕީގެ އަގުލަބިއްޔަތު އޮންނަ މަޖިލީހުގެ އާންމު ކޮމެޓީން ބުރާސްފަތި ދުވަހު ނިންމި އިރު ސުޕްރީމް ކޯޓަށް ބާތިލުކުރުމަށް އެދި ހުށަހަޅާފައިވާ މާއްދާތައް އުނިކޮށްފައިވެ އެވެ. އެ މާއްދާތައް އުނިކުރުމަށްފަހު، އެ މާއްދާތަކުގައި ހިމެނޭ ވާހަކަތަކަށް ބައެއް ބަދަލުތައް ގެނައުމަށް ފަހު އާ މާއްދާއެއް ވަނީ މަޖިލީހުގެ ގަވާއިދަށް އިތުރުކޮށްފަ އެވެ.

އަލަށް އިތުރުކުރި މާއްދާގައި ބުނަނީ މަޖިލީހުގެ ގޮނޑިތަކެއް ހުސްވެފައިވާ ހާލަތުގައި، ގޮނޑިތައް ހުސްވި ތާރީހާއި އާންމު އިންތިހާބަކާ ދެމެދުގައި ހަ މަސްދުވަހުގެ މުހުލަތެއް ނެތްނަމަ، އެ ގޮނޑިތައް ނުހިމަނައި މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނޭނެ ކަމަށެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުންނަމަ މަޖިލީހުގެ ގޮނޑިއެއް ހުސްވެގެން އަލުން އެ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށް ބައި-އިލެކްޝަނެއް ބޭއްވޭނީ ގޮނޑި ހުސްވި ތާރީހުން ފެށިގެން އާންމު އިންތިހާބަކާ ދެމެދުގައި ހަ މަސްދުވަހުގެ މުއްދަތެއް ނެތްނަމަ އެވެ.

އަލަށް ގެނައި އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްވުމުން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދެމެދުގައި މަޖިލީހުގެ ޖުމްލަ މެންބަރުން ގުނާނީ މިހާރު މަޖިލީހުން ވަކިވެވަޑައިގެންފައިވާ މެންބަރުން ނުހިމަނަ އެވެ. އޭރުން އެމްޑީޕީއަށް މަޖިލީހުގައި ލިބިފައި އޮތް އަގުލަބިއްޔަތު ބޭނުންކޮށްގެން ރައީސްގެ އިތުބާރުނެތްކަމުގެ ވޯޓު ނެގޭނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 87 މެންބަރުންކަމަށްވާއިރު ހަތް ގޮނޑިއެއް މިހާރު ހުސްވެފައިވާތީ މިވަގުތު މަޖިލީހުގައި ތިއްބެވީ 80 މެންބަރުންނެވެ.

އާންމު ކޮމިޓީން މަޖިލީހުގެ ގަވާއިދަށް ގެންނަން ފާސްކުރި އިސްލާހަށް މަޖިލީހުގައި އަމަލުކުރާނީ އެ އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްވުމަށްފަހު އެވެ.