އިސްލާމްއާބާދު (ފެބްރުއަރީ 10) - ޕާކިސްތާނުގައި ބުރާސްފަތި ދުވަހު ބޭއްވި އާއްމު އިންތިޚާބުގެ ނަތީޖާގެ ބޮޑު ބައެއް މިހާތަނަށް ސާފުވެފައިވާ އިރު ބޮޑު އެއްވެސް ޕާޓީއަކަަށް އަޣުލަބިއްޔަތު ލިބިފައިނުވާ އިރު އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައި ވަނީ ޖަލުގައި މިހާރު ހުންނެވި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ތާއީދުކުރާ މިނިވަން ކެންޑިޑޭޓުންކަން ކަށަވަރުވެއްޖެ އެވެ.

ތިން ފަހަރު ބޮޑުވަޒީރުކަން ކުރައްވާފައިވާ ނަވާޒް ޝަރީފް ވަނީ އެހެން ކެންޑިޑޭޓުން އެމަނިކުފާނާ ގުޅިވަޑައިގެން ސަރުކާރެއް އުފެއްދުމުގެ ދައުވަތު ދެއްވައިފަ އެވެ. ޕާކިސްތާނުގެ ބާރުގަދަ އަސްކަރިއްޔާގެ ތާއީދާ އެކު މިފަހަރުގެ އިންތިޚާބުގައި ވާދަކުރެއްވި ނަމަވެސް ނަވާޒް ޝަރީފުގެ ޕާޓީއަށް ވަނީ އުއްމީދުކުރި ވަރުގެ ކާމިޔާބެއް ނުލިބިފަ އެވެ.

އިންތިޚާބުގައި ކާމިޔާބެއް ލިބިދާނެ ހުރިހާ ދޮރެއް ވަނީ އިމްރާންގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) އަށް ބަންދުކޮށްފަ އެވެ. އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި 2022 ވަނަ އަހަރު މަގާމުން ދުރިކުރި އިމްރާންގެ މައްޗަށް އެތައް ދައުވާކޮށް މިދިޔަ އޮގަސްޓް މަހުން ފެށިގެން އޭނާ ހުންނެވީ ޖަލުގަ އެވެ. އިންތިޚާބުތަކުގައި ވާދަކުރުން 10 އަހަރަށް އިމްރާނަށް މަނާކޮށްފައިވާ އިރު ޕީޓީއައިގެ ނަމުގައި ވެސް ކެންޑިޑޭޓުން ވާދަކުރުން އޮތީ މަނާކޮށްފަ އެވެ. އަދި މިނިވަން ކެންޑިޑޭޓުންގެ ނަމުގެ ފަހަތުގައި ޕީޓީއައިގެ ލޯގޯ ބޭނުންކުރުން ވެސް އޮތީ މަނާކޮށްފަ އެވެ.

ވޯޓު ކަރުދާހުގައި ނަމާއެކު ނިޝާނެއް ބޭނުންކުރަން ޖެހޭ ސަބަބަކީ ޕާކިސްތާނުގައި ލިޔަންކިޔަން ދަން ރޭޓް ދަށްވުމުންނެވެ. އެ ގައުމުގެ 241 މިލިއަން އާބާދީގެ ތެރޭން 40 ޕަސެންޓް މީހުންނަށް ލިޔަން ކިޔާކަށް ނޭނގެ އެވެ. އެހެންވެ ކެންޑިޑޭޓުންގެ ނަން ކިޔަން ނޭނގުނަސް ވޯޓު ކަރުދާހުގައި ޖަހާފައިވާ ނިޝާނަށް ބަލައިގެން އެ މީހަކު ތާއީދުކުރާ ކެންޑިޑޭޓަކަށް ވޯޓުދޭން ފަސޭހަވެ އެވެ.

މިނިވަން ކެންޑިޑޭޓުންގެ ނަމުގައި ޕީޓީއައިގެ މެންބަރުން ވާދަކުރި ނަމަވެސް އެ ޕާޓީ އަށް އިންތިޚާބުގައި ވާދަކުރި ޕާޓީއެއްގެ ހައިސިއްޔަތު ދީފައެއް ނުވެ އެވެ. އެހެންވެ އެއް ޕާޓީއަކަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައި ވަނީ ނަވާޒް ޝަރީފްގެ ޕާކިސްތާން މުސްލިމް ލީގު ޕާޓީ އެވެ. އެކަމަކު މިނިވަން ކެންޑިޑޭޓުންގެ ތާއީދު ނެތި އެ ޕާޓީއަށް ސަރުކާރެއް އެކުލަވާ ނުލެވޭނެ އެވެ.

އިމްރާން ޚާންގެ ކުރީގެ ސްޕެޝަލް އެސިސްޓެންޓް ޒުލްފިކާރު ބުޚާރީ ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ބޮޑު އެއްވެސް ޕާޓީއަކާ ގުޅިގެން ޕީޓީއައިގެ ތާއީދު އޮތް ކެންޑިޑޭޓުން ސަރުކާރެއް އުފެއްދުމުގެ ޝައުގު ނެތް ކަމަށެވެ. އެކަމަކު ކޯލިޝަން ސަރުކާރެއް އުފައްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ސަރުކާރެއް އުފެއްދުމަށްޓަކައި މިނިވަން ކެންޑިޑޭޓުން ތިން ދުވަސްތެރޭ ވަކި ޕާޓީއަކަށް ބައިއަތު ހިފަން ޖެހެ އެވެ. ދެވަނަ އަށް އެންމެ ގިނަ ގޮނޑި ހޯދި ޕާޓީއަކީ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫގެ ޕާކިސްތަން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އެވެ.

ޕާކިސްތާނުގެ ޕާލަމެންޓް ނުވަތަ ނޭޝަނަލް އެސެމްބްލީގައި 336 ގޮނޑި ހިމެނެ އެވެ. އޭގެތެރޭން 70 ގޮނޑި ވަނީ އަންހެނުންނާއި އަޣުލަބިއްޔަތު ނެތް ދީންތަކުގެ މީހުންނަށް ރިޒާވްކޮށްފަ އެވެ. އެހެންވެ ޕާލަމެންޓުގެ އަޣުލަބިއްޔަތު ހޯދަން މަދުވެގެން 133 ގޮނޑި ބޭނުންވާނެ އެވެ.

އާބާދީގެ 241 މިލިއަން މީހުންގެ ތެރޭން ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 128 މިލިއަން މީހުންނަށެވެ.