ރާއްޖޭގެ އިގްތިސާދީ ހާލަތު މިއަހަރުވެސް ރަނގަޅު ވެއްޖެނަމަ ދިޔަމިގިއްޔާއި މަޑިފުށި ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ މިހާރު ކޮޅުމަޑުލަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދިޔަމިގިއްޔަށް ވަޑައިގެން ދިޔަމިގިލީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުވެގެންދާ މިންވަރަކުން މަޝްރޫއުތައް ފެށިގެންދާނެ ކަމަށެވެ. އަދި ދިޔަމިގިއްޔާއި މެދުފުށި ކޯޒްވޭގެ މަސައްކަތާ އެހެން މަޝްރޫއުތައް ވެސް ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އަމާޒަކީ މި އަހަރު ތެރޭގައި އެ މަސައްކަތުގެ މަރުހަލާތައް ފެށުން ކަމަށާއި އެއްވެސް ވައުދަކަށް އެމަނިކުފާނު ފަރުވާކުޑަ ނުކުރައްވާނެ ކަމަށެވެ.

"ކޯޒްވޭ ޕްރޮޖެކްޓުވެސް އަދި ދެން ހުރި މަޝްރޫއުތައް ވެސް އިރާދަކުރެއްވިއްޔާ ވަރަށް ސަމާލުކަން ދީގެން ރައއްޔިތުންނަށްޓަކާ ކޮށްދިނުމުގެ ނިޔަތުގައި ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ރާއްޖެ ވަނީ ދުވަހަކުވެސް ނުދަރާވަރަށް ދަރާފައި ކަމަށާއި ތަރައްގީގެ ގިނަ ޕްރޮޖެކްޓްތައް ހުރީ ކޮންޓްރެކްޓަރުންނަށް ފައިސާ ނުދެވުމުގެ ސަބަބުން ހުއްޓިފައިކަމަށެވެ. އަދި ސަރުކާރުން މަސައްކަތްކުރާނީ ބަޖެޓް ތަންދޭ ވަރަކުން ކޮންމެ ރަށެއްގައިވެސް ތަރައްގީގެ މަޝްރޫއުތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

"މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ސަރުކާރާ ހަވާލުވީއިރު ދުވަހަކުވެސް ރާއްޖޭގެ ދަރަނި ނުދާހާ ވަރަށް ވަނީ މައްޗަށް ގޮސްފައި. ރައްޔިތުންގެ ބޮލަށް ޖެހޭ ދަރަނި ވަނީ ދުވަހަކުވެސް މައްޗަށް ނުދާވަރަށް ގޮސްފައި. ކުންފުނިތަކުގެ ދަރަނި ވަރަށް ބޮޑު. ކޮންޓެކްޓަރުން ގިނަ ރަށްތަކުގައި ވަނީ މަސައްކަތް ފަށާ ހުއްޓިފައި. ނަމަވެސް މި ދެމަހު އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ފެށިފައި" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނަކީ ތަރައްގީގެ ވީހާވެސް ގިނަ މަޝްރޫއުތަކެއް ފަށައި ބާރަށް ގެންގޮސް ނިންމާލުމަށް ބޭނުންވާ ބޭފުޅެއް ކަމަށެވެ. އެކަމަކު އެކަން ކުރެވޭނީ ގައުމަށް މިއަދު ކުރިމަތިވެފައި އޮތް އިގްތިސާދީ ދަތި ހާލަތުގެ ހަގީގަތް ގަބޫލުކޮށް އެންމެން ގުޅިގެން ކަމަށްވެސް ވިދާޅުވި އެވެ.