ދައުލަތުގެ ސިއްރުތަކެއް ހާމަކުރިކަމުގެ ކުށުގައި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން 10 އަހަރަށް ޖަލަށްލާން މިއަދު ހުކުމްކޮށްފި އެވެ.

ބޮޑުވަޒީރުކަމުގެ މަގާމުން 2022 ވަނަ އަހަރު ދުރުކުރި އިމްރާން މިހާރު ވެސް ގެންދަވަނީ ކޮރަޕްޝަނުގެ ކުށުގައި ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރަމުންނެވެ. އިމްރާން ވިދާޅުވެފައި ވަނީ އޭނާއާ ދެކޮޅަށް ކޮށްފައިވާ ހުރިހާ ދައުވާއަކީ ސިޔާސީ ގޮތުން އުފައްދާފައިވާ ދައުވާތައް ކަމަށެވެ.

ދައުލަތުގެ ސިއްރު ހާމަކުރުމާ ބެހޭ ގާނޫނުގެ ދަށުގެ އިމްރާންގެ މައްޗަށް އިތުރު ހުކުމެއް އިއްވި އިރު ޕާކިސްތާނުގައި ވަނީ އާއްމު އިންތިޚާބު ބާއްވަން ތައްޔާރުވެފަ އެވެ. އެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އިމްރާނަށް ވަނީ ގެއްލުވާލައިފަ އެވެ.

ޕާކިސްތާނުގެ ޚާއްސަ ކޯޓަކުން ބެލި މި މައްސަލާގައި ކުރީގެ ޚާރިޖީ ވަޒީރު ޝާހު މަހްމޫދު ގުރޭޝީގެ މައްޗަށް ވެސް ވަނީ 10 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. ޝާހަކީ އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) ގެ ވައިސް ޗެއާމަން އެވެ.

އިމްރާންގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ އޭނާގެ ބޮޑުވަޒީރުކަމުގެ ދުވަސްވަރު ވޮޝިންޓަނުގައި ހުންނަ ޕާކިސްތާނުގެ ސަފީރު ފޮނުވި ޑިޕްލޮމެޓިކް ލިޔުމެއް އާއްމުކުރި ކަމުގެ ކުށެވެ. އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އިމްރާން މަގާމުން ކުރުކުރުމުގެ މަހެއް ކުރިން، މާޗް 2022 ގައި ބޭއްވި އެއްވުމެއްގައި އޭނާ ވަނީ ސްޓޭޖަށް އަރުއްވައި، އަތުގައި އޮތް ލިޔުމެއް ދައްކަވައި، ބޭރުގެ ކޮންމެވެސް ގައުމަކުން އޭނާއާ ދެކޮޅު ރޭވުންތަކެއް ރާވަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އިމްރާން ވިދާޅުވީ އެ ލިޔުމުގައި ވަނީ އޭނާ މަގާމުން ދުރުކޮށްފި ނަމަ އެންމެންނަށް ވެސް މައާފް ދޭނެ ކަމަށް ބުނެފަ އެވެ. އިމްރާން ވަކި ގައުމެއް ވިދާޅުނުވި ނަމަވެސް އެކަމުގެ އަޑީގައި ވަނީ އެމެރިކާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

ޕްރޮސެކިއުޓަރުން ބުނެފައި ވަނީ އިމްރާން ޚާން ވަނީ ޑިޕްލޮމެޓިކް ލިޔުންތަކެއް އާއްމުކޮށް ބޭރު ގައުމަކާ ދެމެދު އޮތް ގުޅުމަށް ބުރޫ އަރުވައިފައި ކަމަށެވެ. އިމްރާންގެ މައްސަލަ ބަލާފައި ވަނީ މިދިޔަ އޮގަސްޓް މަހުން ފެށިގެން އޭނާ ބަންދުކޮށްފައި ހުރި ޖަލުގައި ގާއިމްކުރި ޚާއްސަ ކޯޓަކުންނެވެ. ޝަރީއަތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ބައިނަލްްއަގުވާމީ މީޑިއާ އަށް ވަނީ މަނާކޮށްފަ އެވެ.

އިމްރާންގެ ޕީޓީއައި އިން ބުނެފައި ވަނީ ކޯޓުގެ ހުކުމް އިސްތިއުނާފް ކުރާނެ ކަމަށެވެ.

ޕާކިސްތާނުގައި އާއްމު އިންތިޚާބު ބާއްވަން ނިންމާފައި ވަނީ ފެބްރުއަރީ 8 ވަނަ ދުވަހު އެވެ. އިންތިޚާބަށް ކެމްޕޭން ކުރުން ޕީޓީއައި އަށް މަނާކޮށްފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.