ރައީސް ޑރ. މުހައްްމަދު މުއިއްޒުގެ އެންމެ ބޮޑު ރިޔާސީ އެއް ވައުދު ކަމަށްވާ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ތެރެއިން މިހާތަނަށް ކިތައް ސިފައިން ފޮނުވާލެވިއްޖެތޯ ޑިފެންސް މިނިސްޓްރީއާ ސުވާލު ކުރުމުން މާ ސާފު ނޫން ޖަވާބެއް ދީފި އެވެ.

މައުމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ދުވަހު ނޫސް "ހުރިހާ" އިން ޑިފެންސް މިނިސްޓްރީއާ ސުވާލުކޮށްފައި ވަނީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާގެ ކިތައް ސިފައިން މިހާތަނަށް އަނބުރާ ފޮނުވާލެވިއްޖެތޯ އެވެ.

މި ސުވާލަށް ޑިފެންސް މިނިސްޓްރީން ލިޔުމުން ފޮނުވި ޖަވާބުގައި ވަނީ "ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ ހާމަކުރައްވައިފަ އެވެ. އަދި ހޯދޭ މައުލޫމާތުގެ އަލީގައި މި އަދަދު ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އަންނަ ބަދަލު ހާމަކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހާމަކުރައްވައިފަ އެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ދަނީ ފެށިގެން ކުރިއަށް" ކަމަށެވެ.

ރައީސް މުއިއްޒު ވެރިަކަމާ ހަވާލުވެވަޑައިގެންނެވި އިރު އުތުރު ތިލަފަޅުގައި އިންޑިއާގެ ކިތައް ސިފައިން ތިބިތޯ ކުރި ސުވާލުގެ ޖަވާބުގައި ޑިފެންސް މިނިސްޓްރީން ބުނީ އެތަނުގައި ތިބީ ކިތައް އިންޑިއާ ސިފައިންކަން ރަސްމީކޮށް އަދިވެސް ކަށަވަރުވެފައިނުވާ ކަމަށެވެ. ދެން ބުނީ އެ މަސައްކަތް ވެސް ފެށިގެން ކުރިއަށްދާ ކަމަށެވެ.

އިންތިގާލީ މަރުހަލާގައި ދޮޅުމަސް އަދި ސަރުކާރާ ހަވާލުވުމަށް ފަހު ދޮޅުމަސްވާން ކައިރިވެފައިވާ އިރު އިންޑިއާ ސިފައިންގެ އަދަދު ސަރުކާރަށް ޔަގީންވެފައި ނުވާތީ އެތައް ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ސަރުކާރުން އެއްފަހަރު ބުނެފައި ވަނީ 77 ސިފައިން ކަމަށެވެ. އަނެއް ފަހަރު ރައީސް ވިދާޅުވެފައި ވަނީ 89 ކަމަށެވެ. ފަހުން އަނެއްކާވެސް ސަރުކާރުން ބުނެފައި ވަނީ އެއީ ސެނަހިޔަ ހޮސްޕިޓަލުގައި ތިބި ނުވަ ޑޮކްޓަރުން ވެސް ހިމަނައިގެން ކަމަށެވެ.

ރިޔާސީ ކެމްޕޭނުގެ ތެރޭގައި ރާއްޖޭގައި އެތައް ހާސް އިންޑިއާ ސިފައިން ތިބި ކަމަށް ބުނި ނަމަވެސް، ސަރުކާރާ ހަވާލުވުމަށް ފަހު، އެ އަދަދު 100 އަށް ވެސް ނާރާކަން ސަރުކާރަށް ޔަގީންވުމުން، އަދަދު ހާމަކުރަން ސަރުކާރުން ޖެހިލުންވަނީ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.