ރައްޔިތުންގެ މަޖިލިހަށް ސަރުކާރުން ހުށަހަޅައިގެން އުޅެނީ ސަޕްލިމެންޓްރީ ބަޖެޓެއްގެ ބަދަލުގައި "ވައްކަމުގެ ރަޝީދެއް" ކަމަށާއި ބޭރު ގައުމަކުން ފައިސާ ދީގެން ނޫނީ އަންނަ މަހުގެ މުސާރަ ދެވޭނެ ގޮތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ބަޖެޓަށް އިތުރު ކުރާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓުގެ ބަހުސްގައި ނަޝީދު ވިދާޅުވީ މި އަހަރަށް ލަފާކޮށް 40 ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު ބަޖެޓެއް ފާސް ކުރި އިރު، ނޮވެމްބަރު 2 ވަނަ ދުވަހާ ހަމައަށް ދިޔަ އިރުގައި ލޯ ލާރިއެއް ވެސް ނެތް ކަމަށެވެ. ބަޖެޓު ހުސްވި އިރު، އާސަންދަ އަށް ހަރަދު ކުރަން ޖެހޭ އިރު މުސާރަ ވެސް ދޭން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ދަރަނި އަނބުރާ ދައްކަން ފައިސާ ވެސް ދޭން ޖެހޭ ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

"ޑިސެމްބަރު މަސް ނިމޭ އިރުގައި ޓެރަޝަރީގައި، އަތްލެވޭ ރިޒާވްގައި އިންނާނީ 53 މިލިއަން ޑޮލަރު. ބޭރު ގައުމަކުން އިންތިހާ އަށް ފައިސާ ނުދީފި ނަމަ، ޑިސެމްބަރު މަސް ނިމޭ އިރު އަޅުގަނޑުމެން ތިބޭނީ މުސާރަ ނުދައްކާ." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރު ބޭފުޅުން އެދިވަޑައިގަންނަވާ ކަންކަމަށް ދައުލަތުގެ ފައިސާ ހަރަދު ކުރުމެއް ނޯންނާނެ ކަމަށާއި އެއީ މަޖިލިހުން ފާސް ކުރާ ކަމަކަށް ބޭނުން ކުރަން އޮންނަ އެއްޗެއް ކަމަށެވެ. އަދި މިހާރު ދިމާވެގެން އުޅޭ ކަމަކީ ސަރުކާރުގެ ހަރަދުތައް ނުބެލެހެއްޓުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ ކޭޝް ފްލޯއެއް ނުބެލެހެއްޓުނީމަ މަސް ނިމޭ އިރުގައި އަބަދުވެސް އަތަށް މި އޮންނަނީ ތާށިވެފައި. ނިމި މިދާ ރައީސް ސޯލިހްގެ ސަރުކާރުގައި އެންމެ ބޮޑަށް ފާހަގަވާ ނުކުތާއަކީ ކޭޝް ފްލޯ ބަލަހައްޓަން އެނގިވަޑައިނުގަތުން. ސަޕްލިމެންޓްރީ ބަޖެޓާ އެކީގައި މިއީ ފުރަތަމަ ފަހަރެއް ނޫން އެ ބޭފުޅުން ވަޑައިގަންނަވާ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ފިނޭންސް މިނިސްޓްރީން ނޮވެމްބަރު 2 އާ ހަމައަށް ނެރެފައިވާ ރިޕޯޓާ ހަމައަށް ސާފުވެފައި ވަނީ ބަޖެޓް އެކީ ހުސްކޮށްލައިފި ކަމެވެ.

ރައްޔިތުންގެ ފައިސާ ހަރަދު ކުރަން ޖެހޭނީ އަމާނާތްތެރިކަމާއެކުގައި ބަލައިގެން ކަމަށާއި މިއީ ހިތް އެދޭ ގޮތަށް ބަހާލަން ޖެހޭ ފައިސާއެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަދި މަޖިލިހުގެ މެމްބަރުންގެ ކޮންޓްރޯލް ނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާ އެ ބޭފުޅުންނަށް "ހޮޅި" ގަތުމަށާއި "ބްރިކްސް" ގަތުމަށާއި ދެން ވެސް އޮތް އެއްޗެއް ގަންނަން އެ ފައިސާ ނުދެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.