ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ބެލެހެއްޓުމަށް ހަމަޖެހިފައިވާ ޖަލްސާއެއް އެހެން ބޭފުޅަކު ރިޔާސަތާ ހަވާލުކޮށްގެން ޖަލްސާއެއް ކުރިއަށް ގެންދަން ނިންމުމަކީ މަޖިލީހުގެ އަމީން އާންމް ގާނޫނުއަސާސީއާ ހިލާފަށް ކުރައްވާ ކަމެއް ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އީވާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި މިއަދު ބޭއްވި ދެ ޖަލްސާ ވެސް ކުރިއަށް ނުގެން ދެވި މެދު ކަނޑާލުމަށް ފަހު މާދަމާ ޖަލްސާއެއް ކުރިއަށް ގެންދަނެ ކަމަށް އިއުލާން ކޮށްފައި ވަނިކޮށް މިއަދު ހަވީރު 4:00 އަށް މަޖިލީހުގައި ނަޝީދުގެ މައްސަލާގައި ޖަލްސާއެއް އެޖެންޑާ ކުރުމުންނެވެ.

އީވާ އެކްސްގައި ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް ރިޔާސަތު ބެލެހެއްޓުމަށް ކަނޑައެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ނައިބު ރައީސް ބަލަހައްޓަމުން ދަނިކޮށް އެހެން އެއްވެސް ފަރާތަކާ ޖަލްސާގެ ރިޔާސަތު ހަވާލުކުރުމަކީ އަމީން އާންމު ގާނޫނުއަސާސީ ހިލާފަށް ކުރައްވާ ކަމެއް ކަމަށެވެ. އަދި އެފަދަ ޖަލްސާއެއް ކުރިއަށް ގެންދިއުމަކީ މަޖިލީހުގ ގަވާއިދާއި ސުޕްރީމް ކޯޓުގެ ހުކުމާ ވެސް ހިލަފު ކަމެއްކަމަށް އީވާ ވިދާޅުވި އެވެ.

މަޖިލިހުގެ ދެ ޖަލްސާއެއް މިއަދު އެޖެންޑާ ކުރިއިރު، 9:00 ގައި ތާވަލް ކުރި ޖަލްސާ އަށް އެޖެންޑާ ކޮށްފައި އޮތީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި ސަޕްލިމެންޓަރީ ބަޖެޓުގެ މަސައްކަތެވެ. ނަމަވެސް އެމްޑީޕީގެ މެމްބަރުން އެ ޖަލްސާ ބޮއިކޮޓް ކުރެއްވުމާއި ޖަލްސާގެ ކޯރަމް ހަމަނުވުމުގެ ސަބަބުން އިތުރަށް ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.

ދެ ވަނަ ޖަލްސާ 11:00 ގައި ފެށި އެހެންނަމަވެސް އެ ޖަލްސާ ވެސް ކުރިއަށް ނުގެންދެވި ޖަލްސާ ނިންމާލި އެވެ. ޖަލްސާ ނިންމަވާލެއްވީ ރައީސް ނަޝީދުގެ މައްސަލާގައި މާދަމާ ޖަލްސާއެއް ބާއްވާނެ ކަމަށް އީވާ އިއުލާން ކުރެއްވުމަށް ފަހު އެވެ.

މާދަމާ ޖަލްސާއެއް ބާއްވާނެ ކަމަށް އިއުލާން ކުރެއްވި ނަމަވެސް މަޖިލީހުން ވަނީ މިއަދު ހަވީރު 4:00 އަށް މަޖިލީހުގެ ޖަލްސާއެއް އެޖެންޑާ ކޮށްފަ އެވެ. އެޖަލްސާގެ އެޖެންޑާގައި އޮތީ ހަމައެކަނި ރައީސް ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރެވެ.