ހަމާސް އާއި އިޒުރޭލާ ދެމެދު އުފެދިފައިވާ މައްސަލަ ވީހާވެސް އަވަހަކަށް ހައްލު ވުމަށް އެދޭ ކަމަށާއި އެކަމަށްޓަކައި އަރަބި ގައުމުތަކާ އެކު މަސައްކަތް ކުރަން ޗައިނާ އިން ބޭނުންވާ ކަމުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅު ވެއްޖެއެވެ.

އެ ގައުމުގެ ސަރުކާރު މީޑިއާއާ ވާހަކަ ދައްކަވަމުން ޝީ ވިދާޅުވި ގޮތުގައި މިހާރު ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަކީ ސަރަހައްދުގެ ގައުމުތަކަށް އިތުރު ނުތަނަވަސްކަމުން ސަލާމަތް ކުރުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް ފޯރަމްގައި ބައިވެރިވުމަށް ވަޑައިގެންނެވި މިސްރުގެ ބޮޑުވަޒީރުއާ ބައްދަލު ކުރެއްވުމަށް ފަހު ޝީ ވިދާޅުވި ގޮތުގައި މިސްރުން ގާޒާ އަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ހުޅުވައި ދިނުމަށް ކުރާ މަސައްކަތަށް ޗައިނާ އިން ތާއިދު ކުރެ އެވެ. ރައީސް ޝީގެ މި ވާހަކަފުޅާކީ އިޒުރޭލާއި ހަމާސްގެ މެދުގައި ހަނގުރާމަ ފެށި ފަހުން އެ މައްސަލައާ ބެހޭ ގޮތުން ފުރަތަމަ ދެއްކެވި ވާހަކަފުޅެވެ.

މިސްރުން މިހާރު ވަނީ ގާޒާ އަށް މިސްރުގެ ސައިނާއީ ޕެނިންސިއުލާގެ ތެރެއިން ލާފައި އިންސާނީ އެހީ ފޮނުވޭ ގޮތް ހަދަން ނިންމައިފަ އެވެ.

ހަމާސް އިން އިޒުރޭލަށް ހަމަލަ ދިނުމާ ގުޅިގެން ހަމާސް ކުށްވެރިނުކުރުމުގެ ސަބަބުން ޗައިނާ އަށް ހުޅަނގުގެ ގައުމުތަކުގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. މައްސަލައާ ގުޅޭ ގޮތުން ޗައިނާ އިން ނެރުނު ބަޔާނުގައި ހަމާސްގެ ނަން ވެސް ނުހިމަނަ އެވެ.