ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރަން ސަރުކަރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން އިދިކޮޅު މެމްބަރުންގެ ފާޑުކިއުން ސަރުކާރަަަށް އަމާޒުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކުރަން ހުށަހެޅީ ސަރުކާރުގެ ފަރާތުން ހިތަދޫ އުތުުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް އެވެ.

އަސްލަމްގެ އެހުށަހެޅުމާއެކު ޑިމޮކްރެޓްސްގެ މެމްބަރުންނާއި ޕީޕީއެމް ޕީއެންސީގެ މެމްބަރުން ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ކިޔާ ޖުޑީޝަރީ މިނިވަން ކުރުމަށް ސަރުކާރުން ހުރަސްއަޅާ ކަމަށް ބުނެފަ އެވެ.

ޖޭއެސްސީ ސިޔާސީވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޑީމޮކްރެޓްސްގެ ބާނީ ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީގައި އިންނެވުމުން ކަމަށް މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ޖުޑިޝަރީ އިސްލާހު ނުކުރުމަށް އެންމެ ބޮޑު މަސައްކަތެއް ކުރަނީ ރައީސް ނަޝީދު ކަމަށެވެ. ޖޭއެސްސީ އިސްލާހު ކުރުމަށް މަޖިލީހަށް ހުށަހަޅާފައި އޮތް މި ބިލަށް ވެސް ބަހުސް ކުރުން ލަސްކޮށް އެކަމަށް ހުރަސް އަޅަނީ ރައީސް ނަޝީދު ކަމަށް ޝަރީފް ވިދާޅުވި އެވެ. ޝަރީފްގެ އެވާހަކަތަކާއެކު ޑީމޮކްރެޓްސްގެ މެމްބަރުން ރައްދު ދޭން ފެށި އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ ޑިމޮކްރެޓްސްގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ އެމްޑިޕީން ވެރިކަމަށް އައި އިރު ރިޔާސީ ވައުދެއްގެ ގޮތުގައި ޖޭއެސްސީ އިސްލާހުކުރަން ހިމަނާފައިވާ ކަމަށާ ޖޭއެސްސީއަށް ފަނޑިޔާރުން އައްޔަނު ނުކުރަންވެސް ނިންމި ކަމަށެވެ.ހަސަން ވިދާޅުވީ ގާނޫނުއަސާސީ އިސްލާހުނުކޮށް، އެހެން ގާނޫނެއް އިސްލާހު ނުކުރެވޭނެ ކަމަށެވެ.ހަސަން ވިދާޅުވީ ދައުލަތުގެ މަގާމުތަކުގައި ތިއްބެވި ސިޔާސީ ބޭފުޅުން ޖޭއެސްސީގައި ތިއްބަވައިގެން ސިޔާސީ ނުފޫޒުން ޖުޑީޝަރީ މިނިވަން ނުވާނެ ކަމަށެވެ.

މާފަންނު މެދު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ޖޭއެސްސީ އިސްލާހު ކުރުމަށް ކަމަށް ބުނެ ސަރުކާރުން އެ ބިލު ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް މިވަގުތު ރައީސް ނަޝީދު ހުންނެވުމުން، ޖޭއެސްސީން އެމަނިކުފާނު ބޭރުކުމުގެ މަގުސަދުގައި ކަަމަށެވެ.

ޖޭއެސްސީ އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހަޅަފައި ވަނީ ޖޫން މަހުގެ 19 ވަނަ ދުވަހު އެވެ.

އެމްޑީޕީގައި ތިބި ބައެއް މެމްބަރުން އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދުމާ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބަރު ނެތްކަމުގެ މައްސަލަ މީގެ ކުރިން އެމްޑިޕީއިން ހުށަހަޅާފައި އޮތުމުން މަޖިލީހުގެ ޖަލްސާތައް ގިނަ ދުވަސްތަކަކަށް މެދު ކެޑިގެން ދިޔަ އެވެ.

އެ މަޖިލީހުގައި ހިނގާ ދިޔަ ކަންތައްތަކަށް ފަހު މަޖިލީހުގެ މަސައްކަތްތައް މިހާރު ވަނީ ފަށާފަ އެވެ.