ޑީއާރުޕީން އެމްޓީސީސީ އަށް ދައްކަންޖެހޭ 1.1 މިލިއަން ރުފިޔާ އެޕާޓީގެ ބާނީ އަދި ޒައީމް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒިންމާ ނަގަންޖެހޭނެ ކަމަށްބުނެ އެމްޓީސީސީން ހައި ކޯޓުގައި އިސްތިއުނާފް ކުރިމައްސަލަ ބޭރުކޮށްލައިފި އެވެ.
ރައީސް މައުމޫނު ޑީއާރުޕީ ހިންގެވިއިރު އެޕާޓީން އެމްޓީސީސީ އިން ކުރި ދަތުރުތަކަށާއި އެކުންފުނިން ހޯދި އެކި ހިދުމަތްތަކަށް ޑީއާރުޕީ އިން ފައިސާ ދެއްކުމަށް ސިވިލް ކޯޓުން މީގެ ކުރިން ހުކުމް ކޮށްފައިވެ އެވެ.
އެހެން ނަމަވެސް އެފައިސާ ހުކުމާ އެއްގޮތަށް ދައްކަމުން ނުދާތީވެ އެމްޓީސީސީ އިން ކޯޓުގައި އެދުނީ އެ ދަރަންޏަށް ރައީސް މައުމޫން ޒިންމާ ކުރުވުމަށެވެ. އެއީ އެ ދަރަނީ އުފެދުނު އިރު ޕާޓީގެ އިސްމަގާމުގައި ހުންނެވީ ރައީސް މައުމޫން ކަމަށް ވާތީ އެވެ.
އެމްޓީސީސީ އިން އެދުނު ގޮތަށް ރައީސް މައުމޫން އެ ދަރަނި ދައްކަން އަމުރު ކޮށްދެވެން ނެތް ކަމަށް މިދިޔަ މަހު ސިވިލްކޯޓުން ވަނީ އަމުރު ކޮށްފަ އެވެ. އެދަރަނި ރައީސް މައުމޫން ދައްކަން ނުޖެހޭ ކަމަށް ސިވިލްކޯޓުގެ ހުކުމުގައިވެ އެވެ. އެހެންވެ އެމްޓީސީސީ އިން އެމައްސަލަ މިދިޔަ ހަފްތާގައި ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލަ އެކޯޓުގެ ރަޖިސްޓްރާ ބަލައިނުގަންނަން ނިންމި ނިންމުމުގައި ބުނެފައި ވަނީ މައްސަލަ ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅީ ވަގުތު ފާއިތުވި ފަހުން ކަމަށެވެ. އެހެންވެ އެމައްސަލަ މިހާރު ވަނީ ބޭރުކޮށްލާފަ އެވެ. ހައިކޯޓުގެ ނިންމުމުގައ ބުނެފައިވަނީ އެމައްސަލަ އިސްތިއުނާފު ކުރަން މިމަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް އޮތް ކަމަށެވެ. އެހެން ނަމަވެސް އެމްޓީސީސީން މައްސަލަ އިސްތިއުނާފްކުރަން ހުށަހެޅި ދިހަވަނަ ދުވަހު އީމެއިލް މެދުވެރިކޮށް ކަމަށްވެސް ބުނެފައިވެއެވެ.
ޑީއާރުޕީ އަކީ 2008 ވަނަ އަހަރު ރައީސް މައުމޫން އުފެއްދެވި ސިޔާސީ ޕާޓީ އެވެ. އަދި އެއީ ރާއްޖޭގައި އޭރު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އެވެ. ޑީއާރުޕީ މިހާރު ވަނީ އުވާލާފަ އެވެ.
މިފަހުން ޑީއާރުޕީ ހިންގެވުމަށް ހުންނެވިީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެވެ. އެހެން ނަމަވެސް ޕާޓީ އުވާލައްވާ ޖާބިރު ވަނީ އެމްޑީޕީއަށް ސޮއި ކުރައްވާފަ އެވެ.