ޝަރުއީ ދާއިރާ މުވައްޒަފުންނަށް ސިޔާސީ ޕާޓީތަކާއި ސިޔާސީ ހަރަކާތްތަކުގައި އުޅެވޭ ގޮތަށް ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު އިސްލާހުކޮށްފި އެވެ.

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދަށް ގެނައި އިސްލާހުތައް މިދިޔަ ބުރާސްފަތި ދުވަހު ވަނީ އާންމުކޮށްފަ އެވެ. އެގޮތުން ޝަރުއީ ދާއިރާގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރި ނުވެވޭ ގޮތަަށް އެ ގަވާއިދުގައި އޮތް 27 ވަނަ ބާބު ވަނީ އުނިކޮށްފަ އެވެ. ޝަރުއީ ދާއިރާގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުން އެއްކިބާވެ ތިބުމުގައި އަމަލުކުރާނެ މިންގަނޑު އެ ބާބުގައި ކަނޑައަޅާފައިވެ އެވެ.

އެ ބާބުގައި ބުނަނީ ޝަރުއީ ދާއިރާއަކީ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ހައްގުތައް ހަމަހަމަކަމާއެކު ރައްޔިތުންނަށް ހޯދައިދީ އަދުލު އިންސާފު ގާއިމުކޮށް، ގާނޫނުގެ ބާރު ނަގަހައްޓައި މުޖުތަމައުގެ އަފްރާދުންގެ މެދުގައާއި ސިޔާސީ ހަރަކާތްތަކުން އުފެދޭ މައްސަލަތަކުގައި އިންސާފުވެރި ނިޔާ އިއްވުމުގެ މަސައްކަތްކުރާ ބާރު ކަމަށެވެ.

އެ ބާބުގައި ބަޔާންކޮށްފައި ވަނީ ސިޔާސީ ޕާޓީއެއްގެ އެއްވެސް މަގާމެއް ފުރުމާއި، ވަޒީފާއެއް އަދާ ކުރުމާއި، ސިޔާސީ ޕާޓީއެއްގެ އެއްވެސް ކޮމިޓީއެއްގެ މެންބަރުކަން ކުރުމާއި، ސިޔާސީ ހަރަކާތެއްގައި ބައިވެރިވާ އެއްވެސް ޖަމިއްޔާ ޖަމާއަތެއް ނުވަތަ އެފަދަ ކުލަބެއްގެ އެއްވެސް ޖަލްސާއެއްގައި ތަގުރީރުކުރުމާއި، ގަރާރާއި ހުށަހެޅުން ހުށަހެޅުމާއި، އެކަމުގައި ބައިވެރިވުމާއި އެފަދަ ބައްދަލުވުމެއްގެ ލިޔެކިޔުން ލިޔެ ބެލެހެއްޓުމަކީ މަނާ ކަމެއް ކަމަށެވެ.

ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ މުވައްޒަފުންނާ މެދު ފިޔަވަޅު އެޅޭނެ ކަމަށް ވެސް އެ ގަވާއިދުގައި ކުރިން ވަނީ ބަޔާންކޮށްފަ އެވެ.

ނަމަވެސް މިހާރު ވަނީ އެ ގަވާއިދުގެ 27 ވަނަ ބާބު އެއްކޮށް އުނިކޮށްފަ އެވެ.