ކުރިން އެއީ ގިނަ އަދަދަކަށް ކުންޏާއި ބޮނބި އަދި ލަކުޑިއަޅާފައި އޮންނަ ކަނޑޫފަލެކެވެ. މާބޮޑު ބޭނުމެއް ވެސް ނުކުރެ އެވެ. އަދި ބަޔަކު ހިތްހަމަޖައްސާލަން އެތަން ބަލަން ވަންނަ ހިތެއް ވެސް ނުވާނެ އެވެ. ނަމަވެސް މިހާރު އެތަން ވަނީ މުޅިން ބަދަލުވެފަ އެވެ. މިހާރު އެތަން ސިފަވަނީ ބޭރު ގައުމެއްގެ ބޮޑު ކޯރެއްގެ ތެރޭގައި ހަދާފައިވާ ނޭޗާ ޕާކަކާ އެވެ.

ކުމުންދޫގައި އަލަށް ހެދި ނޭޗާ ޕާކްގެ ޖެޓީ ދިއްލާލާފައި. ފޮޓޯ: އަލީ ގާސިމް

ހދ. ކުމުންދޫގައި އިއްޔެ ހުޅުވި "ވެހި ސަރާ" ނޭޗާ ޕާކް"އަކީ މިހާރު ވަރަށް ހިތްގައިމު ތަނެކެވެ. ނޭޗާ ޕާކު ހެދި ސަރަހައްދު ވަނީ ސާފުކޮށް ރީތި ކޮށްފަ އެވެ. ކުރިން އެތަން ނުފެންނަ މީހަކަށް، މިހާރު އެބަދަލު ގެންނަން ކުރި ބުރަ މަސައްކަތެއް ނޭނގޭނެ އެވެ.

އެ ރަށުގެ ކަނޑޫފަލުގެ ގާތްގަނޑަކަށް 40،000 އަކަފޫޓުގެ ސަރަހައްދެއް ސާފުކޮށް 1.5 ޓަނުގެ ކުންޏާއި އެކި އެއްޗެތި އެތަނުން ނެގި އެވެ.

ކުމުންދޫގައި އަލަށް ހެދި ނޭޗާ ޕާކް

ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު "ހުރިހާ"އަށް މިއަދު ވިދާޅުވީ އެރަށު ކުރެވި ޖަމިއްޔާއިން އިސްނަގައިގެން މިދިޔަ މަހު ހަދަން ފެށި ނޭޗާޕާކުގައި 60 ފޫޓު ދިގު ޖެޓީއަކާއި 15 ފޫޓު ފުޅާ އަދި 15 ފޫޓު ދިގު ހަޓެއް ކަނޑޫފަލޫގެ ފެންގަނޑުގެ މެދަށްވާ ގޮތަށް ހަދާފައިވެ އެވެ.

"ކުރީގައި އެތަން ބޮޑަށް ބޭނުންކުރީ ބޮނބިފާކުރަން. ލަކުޑި ބަހައްޓަން މާބޮޑު މުހިއްމު ބޭނުމެއް ނުކުރެވި އޮތް ތަނެއް އެއީ،" އަމީން ވިދާޅުވި އެވެ.

"މިހާރު އެއީ ވަރަށް ހިތްގައިމު ތަނެއް. ހަޓު ވެސް ހަދާފައި ވަނީ ރޭގަނޑު ދިއްލޭ ގޮތަށް."

ކުމުންދޫގައި އަލަށް ހެދި ނޭޗާ ޕާކްގެ ހަޓް ދިއްލާލާފައި. ފޮޓޯ: އަލީ ގާސިމް

ކަނޑޫފަލުގައި ނޭޗާ ޕާކެއްގެ ސިފަ ޖެއްސިއިރު، އެތަނުގެ ރީތީކަން ބަލާލަން ބޭނުންވާ މީހުންނަށް ފެންގަނޑުގެ މެދާ ހިސާބަށް ދެވޭ ގޮތަށް ކުޑަ ބްރިޖެއް ވެސް ހަދާފައިވެ އެވެ. އޭގެ ބޭނުމަކީ އެތަނަށް ގޮސް ފޮޓޯ ނެގުމަށާއި ފެންގަނޑުގައި އުޅޭ މަސްތަކަށް ކާން ދިނުމެވެ.

މި ބްރިޖަށް ދެވޭނީ ކަނޑޫފާ ތެރެއިން އޮންނަ މަގަކުންނެވެ. މީގެ އިތުރުން ކަނޑޫފާ ތެރެ ބަލާލަން ދަތުރުކުރަން ކުޑަ ބޮއްކުރައެއް ވެސް ބާއްވާފައިވެ އެވެ.

ކުމުންދޫގައި އަލަށް ހެދި ނޭޗާ ޕާކް ހުޅުވުމުގެ ރަސްމިއްޔާތަށް ރަށުގެ އަންހެނުންތަކެއް އިއްޔެ ހަދިޔާ ހިފައިގެން ދަނީ.

"މިއީ ވަރަށް ހިތްގައިމު ތަނެއް މިހާރު. ވަރަށް ގިނަ ބަޔަކު އިއްޔެ ވެސް އެތަން ބަލާލަން ދިޔަ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.