ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން ނިންމީ ގޯސްކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުން އެމައްސަލަ ދިރާސާކުރި ޖުޑިޝަރީ ކޮމެޓީން ނިންމި ނިންމުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ރައްދު ދީފި އެވެ.

ހައިކޯޓުގެ ދެ ފަނޑިޔާރު ވަކިކުރުމަށް ޖޭއެސްސީއިން ނިންމީ ގޯސްކޮށް ކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއިން ނިންމުމާ ގުޅިގެން އެކަމަށް ރައްދު ދެއްވާ ޖޭއެސްސީއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޖުޑިޝަރީ ކޮމިޓީން ފާހަގަކުރައްވާކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވާ އެއް ކަމަކީ މައްސަލައިގެ ސީޣާއާ ނުގުޅޭ ކަންތައްތަކަކަށް ރިއާޔަތްކޮށްފައިވާ ކަމަށެވެ.

ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު ޙަމީދުއާމެދު ޖޭއެސްސީން ބަލަން ނިންމި ސުލޫކީ މައްސަލައިގެ އިބާރާތުގައި އޮންނަނީ މައްސަލަ ރައްދުވާ ފަނޑިޔާރުން ޤާނޫނުއަސާސީއާ ގާނޫނާ ޚިލާފަށް އިނާޔަތެއް ލިބިގަނެ ބަލައިގެންފައިވާ ކަމަށެވެ. މައްސަލައިގެ މައިގަނޑު ނިންމުމަކީ ވިހިހާސް ރުފިޔާގެ ޑައުން ޕޭމަންޓަކަށް ކުރީގެ ހައުސިންގ މިނިސްޓްރީ މެދުވެރިވެ މާލެއިން ފްލެޓް މި ދެ ފަނޑިޔާރުން ޤާނޫނުއަސާސީއާ ޚިލާފަށް ހޯދާފައިވާތީ، އެކަން އެ ގޮތުގެ މަތިން ހިނގާފައިވާކަން ސާބިތުވާ ކަމެވެ. މައްސަލައިގެ ސީޣާއިން ނުވަތަ މައުލޫއިން ބޭރުން އެއްވެސް ކަމެއް ތަހުގީގުކުރެވި ގޮތް ނިންމާފައި ނުވެ އެވެ.

ޖުޑިޝަރީ ކޮމިޓީން ފާހަގަކުރައްވާކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވާ އަނެއް ކަމަކީ، މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް ނުވަތަ ފައިނަލް ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައި ނުވާކަމަށެވެ. މައްސަލަ ނިންމަން ފެންނަ ގޮތް ކަނޑައަޅައި ތައްޔާރުކުރާ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަކީ ޖޭއެސްސީގެ ގާނޫނުގައި ބަޔާންކުރާ ފަދައިން، ސީދާ ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުން ގޮތެއް ނިންމަން ޖެހޭ ރިޕޯޓެއްކަމަށް ވަނީ ބުނެފަ އެވެ.

ގާނޫނުގައި ބަޔާންކުރަނީ މައްސަލައާމެދު ގޮތެއް ނިންމުމުގެ ކުރިން ނުވަތަ މައްސަލަ ނިމުނުގޮތުގެ ރިޕޯޓް ތައްޔާރުކުރުމުގެ ކުރިން ތަހުގީގު ރިޕޯޓެއް ތައްޔާރުކޮށް ލިޔުމުން އަދި އަނގަބަހުން ޖަވާބުދާރީވުމަށް ފުރުސަތު ދޭން ޖެހޭނެކަމަށެވެ. ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު ޙަމީދުއާމެދު ތަހުގީގުކުރި ސުލޫކީ މައްސަލައިގައި، މައްސަލައިގެ ތަހުގީގު ރިޕޯޓް ފަނޑިޔާރުންނާ ހިއްސާކޮށް އެރިޕޯޓަށް ލިޔުމުން ޖަވާބުދަރީވުމަށް ފުރުސަތު ދީފައި ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ.

ޖޭއެސްސީގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހުގައި މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ނުވަތަ ފައިނަލް ރިޕޯޓަށް ޖަވާބަދާރީ ވުމުގެ ފުރުސަތު ދޭންޖެހޭނަކަމަށް ބަޔާންކޮށްފައެއްނުވާކަމަށާއި، އަދި މި ގޮތުގެ މަތިން ތަހުގީގުކޮށް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން، މި ގޮތުގެމަތިން ހިންގާފައިވާ ތަހުގީގުތަކަކީ އިޖުރާއަތާ އެއްގޮތަށް ހިންގާފައިވާ ތަހުގީގުތަކެއް ކަމަށް ޖުޑިޝަރީ ކޮމިޓީން ނިންމަވައި ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ ފާސްކުރައްވާފައިކަމަށް މިބަޔާނުގައި ބުނެފައިވެ އެވެ.

ޖުޑިޝަރީ ކޮމިޓީއާ ހަވާލަދީ މީޑިއާއިން ފާހަގަކުރާ އަނެއް ކަމަކީ މައްސަލަ ތަހުގީގުކުރަން ދެ ކޮމިޓީއެއް ހަދައި ކޮމިޓީގެ ނިންމުން ބަދަލުވެފައިވާ ވާހަކަ އެވެ. ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު ޙަމީދުއާމެދު ތަހުގީގުކުރި ސުލޫކީ މައްސަލަ ތަހުގީގުކުރުމަށް ދެ ކޮމިޓީއެއް ހަދާފައި ނުވާކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ. ނަމަވެސް މައްސަލަ ތަހުގީގުކުރި ކޮމިޓީގައި ހިމެނޭ މެމްބަރަކު ކޮމިޓީން ވަކިވުމުން އެ މެމްބަރުގެ ބަދަލުގައި ކޮމިޓީއަށް އެހެން މެމްބަރަކު އައްޔަނުކުރެވުނު ކަމަށާއި، އެކޮމިޓީއަށް މިކޮމިޝަނުން އެއްވެސް ބަދަލެއް ގެނެސްފައެއްނުވާނެކަމަށް ވަނީ ބުނެފަ އެވެ.

ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު ޙަމީދުއާމެދު މި ކޮމިޝަނުން ތަހުގީގު ކުރި، ކުރީގެ ސަރުކާރުން ސީދާ އެންގި އެންގުމުގެ މައްޗަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ނިންމުމެއް ނެތި، ގާނޫނުއަސާސީއާ ހިލާފަށް ފްލެޓް ހޯދި މައްސަލަ ކުރިއަށް ގެންގޮސް ތަހްގީގުކޮށް ނިންމައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެހައި އިޖުރާއަތުތައް ފުރިހަމަވާ ގޮތަށްކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ.