ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން ނިންމީ ގޯސްކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުން އެމައްސަލަ ދިރާސާކުރި ޖުޑިޝަރީ ކޮމެޓީން ކަނޑައަޅައިފި އެވެ.

މިދެ ފަނޑިޔާރުން ވަކި ކުރުމަށް ޖޭއެސްސީން ނިންމާފައިވަނީ ސަރުކާރުން ފަނޑިޔާރުންނަށް ދޫކުރި ފްލެޓުތަކެއް މި ދެ ފަނޑިޔާރުން ނެންގެވީ ގާނޫނުއަސާސީއާ ހިލާފަށްކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައެއް ބެއްލެވުމަށްފަހު އެވެ. މިމައްސަލާގައި ވަނީ ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި ބައްލަވައިގަނެފައިވާކަމުގެ ތުހުމަތެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ޤަޟިއްޔާއެއްގެ ހުކުމް ކުރުމަށް މި ދެފަނޑިޔާރުން ނިންމެވިކަމަށް ތުހުމަތުކޮށް ޖޭއެސްސީއަށް މައްސަލައެއް ހުށަހެޅުނުކަމަށާއި، މި ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހަށް ހުށަހަޅުއްވަން ޖޭއެސްސީން ނިންމެވީ މިކަން ބައްލަވައި ތަހްގީގުކުރެއްވުމަށްފަހުކަމަށް ޖޭއެސްސީން ބުނެފައިވެ އެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ވަނީ ހައިކޯޓުގެ ފަނޑިޔާރުންނަށް ސަރުކާރުން ދިން ފްލެޓްތަކަކީ ޤާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި އެ މަޖިލީހުގެ އެއްވެސް ކަނޑައެޅުމެއް ނެތި ސީދާ ސަރުކާރުން ފަނޑިޔާރުންނަށް ދިން އިނާޔަތެއްގެ ގޮތުގައި ދިން ފްލެޓްތަކެއް ކަމަށެވެ.

އެ ބަޔާނުގައި ވަނީ ފަނޑިޔާރުންނަށް ހައުސިން ހަމަޖެއްސުމުގެ އުސޫލެއް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައި ނެތްހިނދު، ހައިކޯޓުގެ ވަކި ފަނޑިޔާރުންތަކަކަށް ފްލެޓެއް ދީފައިވަނީ، މާލީ ޚާއްސަ ލުއިތަކަކާއެކު އަދި މި ބާވަތުގެ ހައުސިން ހަމަޖެއްސުމުގައި ދައުލަތުން ބަލާ އާންމު އުސޫލުތަކުގެ ވެސް ބޭރުންކަން ތަހުގީގަށް ފާހަގަވި ކަމަށެވެ.

އެ ދެ ފަނޑިޔާރުން ފްލެޓްތަކާ ހަވާލުވުމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 3.1 ގައި ކަނޑައަޅާފައި އޮންނަ، ފަނޑިޔާރުންގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމާމެދު އާންމުންގެ މެދުގައި ސުވާލު ނުއުފެދޭ ފެންވަރަކަށް ފަނޑިޔާރުންގެ ޢަމަލުތައް ބަހައްޓަން ވާނެ ކަމުގައި އޮންނަ އޮތުމާއި، ސުލޫކީ މިންގަނޑުގެ 3.2 ގައި ފަނޑިޔާރުންގެ އަޚްލާޤީ މިންގަނޑު ބަހައްޓަންވާނީ، ޝަރުޢީ ދާއިރާގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމާމެދު އާންމުންގެ މެދުގައި އިތުބާރުކުރެވޭފަދަ މަތީ ދަރަޖައަކަށް ކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމާ ޚިލާފް ޢަމަލެއްކަން ސާބިތުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ޖޭއެސްސީއިން ހައިކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން ނިންމި މައްސަލަ ދިރާސާކުރުމަށް ފަހު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމާފައިވަނީ ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ބަލާފައިވަނީ އިޖުރާރީ ގޮތުން ފުރިހަމަ ކުރަންޖެހ ކަންކަން ފުރިހަމަ ނުކޮށްކަމަށެވެ. އެހެންކަމުން އެ މައްސަލަ އަލުން ބެލުމަށް ޖޭއެސްސީއަށް އެންގުމަށް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ބޭއްވި ބައްދަލުވުމުގެ ތެރެއިން

މި މައްސަލާގައި ދެ ފަނޑިޔާރުގެ ފަރާތުން ވަނީ ކޮމިޓީއަށް ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީގައި ވަނީ ފްލެޓް ލިބުނު އެހެން ފަނޑިޔާރުން ޝަރަފްވެރިކަމާއެކު ރިޓަޔާވުމުގެ ފުރުސަތު ދެއްވާފައިވާކަމަށެވެ. އަދި އެ މައްސަލަ ބެއްލެވި ޖޭއެސްސީގެ ކޮމިޓީން ރިޕޯޓަށް ބަދަލުތަކެއް ގެންނަވާފައިވާކަމުގެ ޝަކުވާވެސް ފަނޑިޔާރުންގެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

ޖޭއެސްސީގެ ދެ ފަނޑިޔާރުން ވަކިކުރަން ނިންމީ ގޯސްކޮށް ކަމަށް މިއަދުގެ ކޮމިޓީން ނިންމިއިރު، މިއީ މިގޮތަށް ފަނޑިޔާރެއްގެ މައްސަލައިގައި ޖޭއެސްސީގެ ނިންމުމާ ދެކޮޅަށް ކޮމިޓީީގެ ނިންމުމެއް އައި ފުރަތަމަ ފަހަރެވެ. މި ކޮމިޓީގެ އަގުލަބިއްޔަތު ވެސް އޮންނަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގަ އެވެ.