ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި އޮއްވައި، ރައްޔިތުން ގުނބޯ ހައްދައި ސަރުކާރާ ތޮޅެން ނޫޅުމަށް ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަހުމަދު ސައުދު ގޮވާލައްވައިފި އެވެ.

ރާއްޖޭގައި ހަލުވިކަމާ އެކު، ކޮވިޑް-19 ފެތުރެމުންދާ އިރު، އިދިކޮޅު ފަރާތްތަކުން މިދަނޑިވަޅުގައި ސިޔާސީ ހަރަކާތްތައް ހިންގަމުންދާތީ ބައެއް މީހުންގެ ފާޑު ކިޔުން އެ ފަރާތްތަކަށް ވަނީ އަމާޒުވެފަ އެވެ. ފާޑު ކިޔާ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އިދިކޮޅު ފަރާތްތަކުގެ މަގްސަދަކީ ރާއްޖެ ހަލަބޮލިކޮށްލުމެވެ. މާލޭގައި ސިޔާސީ ހަރަކާތްތައް ހިންގާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ސައުދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ޕާޓީ ސާބިތުކަމާ އެކީގައި އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކުގައި ކަމަށެވެ. ކޮވިޑް-19 ގެ މި ހާލަތުގައި ރައްޔިތުން ގުނބޯ ހައްދައިގެން ސަރުކާރާ ތޮޅެން ނޫޅުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

ސައުދު ވިދާޅުވި ގޮތުގައި ގައުމު ދެކެ ލޯބިވާ އެއްވެސް ބަޔަކު މި ހާލަތުގައި ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް ގައުމު ހަލަބޮލި ކުރަން ނޫޅޭނެ އެވެ.

ސައުދު އެގޮތަށް ވިދާޅުވި އިރު، އިދިކޮޅު ފަރާތްތަކުން ދާދި ފަހުން ވަނީ މާލޭގައި ސައިކަލް ބުރެއް ބާއްވައިފަ އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި، ކަނޑުމަތީގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާއެއް ވެސް ކުރި އެވެ.

ރާއްޖޭގައި އަދިވެސް ހަލުވިކަމާ އެކު، ކޮވިޑް-19 ދަނީ ފެތުރެމުންނެވެ. މި ބައްޔަށް މިހާތަނަށް 8،000 އަށް ވުރެ ގިނަ މީހުން ފައްސިވެ، 29 މީހަކު ވަނީ ނިޔާވެފަ އެވެ.