ސިޔާސީ ގޮތުން އައްޑޫ މީހުން އެއްޗެއް ބުނުމުން މާލޭގެ އިއްޒަތްތެރިން ދިމާކޮށް، މަލާމާތް ކުރުން އާންމު ކަމަކަށް ވެއްޖެ ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ މެމްބަރު ޝަރީފް ކުރެއްވި ޓުވީޓްގައި ވިދާޅުވެފައި ވަނީ އައްޑޫ މީހުން ސިޔާސީ ގޮތުން ބަސްބުނުމުން، މާލޭގެ އިއްޒަތްތެރިން އައްޑޫ މީހުންނަށް ބުލީކުރުން މިހާރު ރޭވިގެން ހިންގާ އާންމު ކަމަކަށް ވެފައިވާ ކަމަށެވެ.

ޝަރީފް މިހެން ވިދާޅުވީ އެމްޑީޕީގެ އެންމެ މުހިއްމު މަގުސަދަކަށް ވާނީ ވެރިކަން ދެމެހެއްޓުން ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވުމާ ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ މާލޭގެ މެމްބަރުން އަސްލަމަށް ފާޑުކިޔާފައިވާތީކަން ފާހަގަ ކޮށްލެވެ އެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި މަޖިލީހުގައި ރައީސް މުހައްމަދު ނަޝީދު ވަނީ މެމްބަރު ޝަރީފު ފާޅުކުރައްވާ ހިޔާލުތަކާ ދެކޮޅަށް ވާހަކަ ދައްކަވާ ނުރުހުން ފާޅުކުރައްވާފަ އެވެ. އަދި ނަޝީދު އަބަދުވެސް ޝަރީފަށް ބަހުގެ ހަމަލާދޭކަން ވެސް ފާހަގަކޮށްލެވެ އެވެ.

މީގެ އިތުރުން ރައީސް ނަޝީދު، މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް ވެސް ބަހުގެ ހަމަލާތަކެއް ދީފައިވާކަން ފާހަގަ ކޮށްލެވެ އެވެ. އަދި ރޮޒައިނާ އެމްޑީޕީން ވަކިކުރުމުގެ މަސައްކަތް ވެސް ނަޝީދު ކުރެއްވިކަން ފާހަގަ ކޮށްލެވެ އެވެ.

އެމްޑީޕީގެ އެތެރޭގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދި ޕާޓީގެ ދެ ފެކްޝަންނެއް އުފެދިފަ އެވެ.

ރައީސް ނަޝީދު ވަނީ ސިޔާސީ ގޮތުން ރައީސް ސޯލިހާއެކު މަސައްކަތް ކުރެއްވެން ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނަށް ދިން ހަމަލާ އާއި ގުޅިގެން ސަރުކާރުން ރަނގަޅަށް އެ މައްސަލަ ތަހުގީގުނުކުރާ ކަމަށާއި މަޖިލީހަށް ހުށަހަޅާފައިވާ "ނަފްރަތު" ބިލު ދިފާއުގައި މަސައްކަތް ނުކުރައްވާ ނަމަ ސަރުކާރަށް ތާއީދު ނުކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.