ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާގެ ޑޮކްޓަރަކު ފާޅުކަން ބޮޑުގޮތެއްގައި އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާއިރު، އެ މައްސަލަ ބަލަމުން ނުދާތީ އާންމުން އަންނަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި މަސްތުގެ ހާލަތުގައި ހުރެ އިސްލާމްދީނަށް ފުރައްސާރަ ކުރީ އީވް ކްލިނިކްގައި މަސައްކަތް ކުރާ އިންޑިއާގެ ޑޮކްޓަރެއް ކަމުގައިވާ ޑރ. ރާހުލް ވިޖޭ ސަންގަލް އެވެ.

އޭނާ ދީނަށް ފުރައްސާރަކުރީ ފުލުހުންތަކެއްގެ ކުރިމަތީގައެވެ. މިއަށްވުރެ ބޮޑު ހެއްކެއް ކޮބައިތޯ އެވެ. ފުލުހުން ރޭ އޭނާ ހައްޔަރުކުރީ ކޯޓު އަމުރަކާ ނުލަ އެވެ. އެހެންވެ ގާނޫނާ ޚިލާފަށް ހައްޔަރުކުރީ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލި އެވެ. އެ މައްސަލަ އިސްތިއުނާފު ކުރަން އެއްވެސް މަސައްކަތެއް ކުރާތަނެއް ނުފެނެ އެވެ.

އިސްލާމްދީނަށް ފާޅުގައި އެމީހާ ފުރައްސާރަ ކުރި މައްސަލަ ތަހުގީގު ކުރަމުންދޭތޯ އެކި ނޫސްވެރިން ތަކުރާރުކޮށް ފުލުހުންގެ މީޑިއާގައި ސުވާލު ކުރުމުން އެކަމަށް ސާފު ޖަވާބެއް ދިނުމަށް ފުލުހުން ވަނީ ދެކޮޅު ހަދާފަ އެވެ. ނޫސްވެރިންގެ ސުވާލުތަކުގެ ޖަވާބުގައި ފުލުހުން ބުނަނީ އެ މައްސަލައިގައި ބަލަންޖެހޭ އެންމެހައި ކަންކަން ފުލުހުން ބަލާނެ ކަމަށެވެ. ސީދާ ޖަވާބެއް ނުދެ އެވެ. ކުރި ސުވާލަށް ޖަވާބު ނުލިބުމުން ތަކުރާރުކޮށް ނޫސްވެރިން އިތުރަށް ކުރި ސުވާލުތަކަށް ޖަވާބު ދިނުމަށް ފުލުހުން ވަނީ ފަސްޖެހިފަ އެވެ.

"އިންޑިއާ މީހާ އިސްލާމްދީނަށް ފުރައްސާރަކުރި މައްސަލަ ތަހުގީގު ކުރަމުންދާކަން ނުވަތަ ނޫންކަން ސާފު އިބާރާތުން ބުނަން ފުލުހުން ފަސްޖެހެނީ ކީއްވެތޯ،" ނޫސްވެރިޔަކު ފުލުހުންގެ ވަޓްސްއެޕް ގްރޫޕްގައި ސުވާލު ކުރި އެވެ. އެ ސުވާލަށް އެއްވެސް ޖަވާބެއް ފުލުހުން ނުދިނެވެ.

އިންޑިއާގެ އެމީހާ އަމަލުކުރި ގޮތުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ މީހާ ކައިރީގައި ފަސް ވަރަކަށް ފުލުހުން ތިބި އިރު، އޭނާ ހުއްޓުވަން އެއްވެސް މަސައްކަތެއް ނުކުރާކަން ވީޑިއޯ ބެލުމުން ސާފުވެ އެވެ. އެ މީހާ ވަނީ ފުލުހަކާ ދިމާލަށް އަތުގެ ހަރަކާތުން ބޭއަދަބީ އިޝާރާތެއް ވެސް ކޮށްފަ އެވެ. އަދި ފުލުހަކަށް އިންޒާރު ވެސް ދިނެވެ. މާތްﷲ އަށް ފުރައްސާރަކުރަން ފެށީ އޭގެފަހުންނެވެ. ވީޑިއޯގައި އެމީހާ ބުނާ ގޮތުގައި އޭނާއަކީ ރާއްޖޭގެ ކޯޓުތަކަށް ވެސް ބާރުފޯރުވޭ ވަރުގެ މީހެކެވެ. ކަންހިގަމުންދާ ގޮތާއި އޭނާ ބުނި އެބަހާ ދިމާވެ އެވެ. ކޯޓުން އެވަނީ އޭނާ ދޫކޮށްލާފަ އެވެ. އޭނާ ދީނަށް ފުރައްސާރަކުރި މައްސަލަ ތަހުގީގު ކުރާ މަންޒަރެއް ނުފެނެ އެވެ.

މިއީ ފަހުގެ ތާރީޚެއްގައި ބިދޭސީއަކު ފާޅުކަން ބޮޑުގޮތެއްގައި ރާއްޖޭގައި އިސްލާމްދީނަށް ފުރައްސާރަކުރި ފުރަތަމަ ފަހަރެވެ. މިކަމާ ގުޅިގެން އާންމުން ވަނީ ރަތަށް އަރައިފަ އެވެ. ނަމަވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ދީނީ އިލްމުވެރިން ލީޑްކުރާ އަދާލަތު ޕާޓީ އަދި އޮތީ ހިމޭނުންނެވެ. ކަމެއް ވެގެން އުޅޭހެން ވެސް އެ ޕާޓީއަށް ނޭނގެ އެވެ.

އިސްލާމްދީނަށް ފުރައްސާރަކުރި އިންޑިއާގެ ޑޮކްޓަރު

އިސްލާމްދީނަށް ފުރައްސާރަކުރި އެ މީހާގެ މައްސަލަ ބެލުމަށް ސަރުކާރުން ފަސްޖެހެނީ އިންޑިއާގެ މީހަކަށް ވުމުން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އިސްލާމްދީނަށް ފުރައްސާރަ ކުރާ މައްސަލަތައް ބެލުމަށް ސަރުކާރުން އިސްކަމެއް ނުދޭކަން ފާއިތުވެދިޔަ މާޒީން ސާފުކޮށް އެނގެ އެވެ. ރައްޔިތުންގެ މަޖިލީސް ވެސް ހަމައެފަދަ އެވެ. އިސްލާމްދީނަށް ފުރައްސާރަ ކުރާ މައްސަލަތަކުގައި އެއްވެސް ކަމެއް ނުކުރެ އެވެ.

އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފާޅުގައި ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ރިޕޯޓެއް ނެރެފައިވާއިރު، އެ ރިޕޯޓު ނެރުމުގައި ބައިވެރިވި މީހުންގެ މައްސަލަތައް ތަހުގީގުކޮށް އެމީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް ސަރުކާރު ވަނީ ނުކުޅެދިފަ އެވެ.

އެމްޑީއެންގެ ރިޕޯޓް ނެރުމުގައި ބައިވެރިވި މީހުންނާ މެދު ފިޔަވަޅު އަޅާފައިނުވާއިރު، ދެން ފެނިގެންދިޔައީ އުތެމަ ނަކަމަށް ކިޔާ ޖަމްއިއްޔާއަކުން އަނެއްކާވެސް އިސްލާމްދީނަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރުނު މަންޒަރެވެ. އެ ރިޕޯޓު ނެރުނު މީހުންނާ މެދު ވެސް އެޅުނު ފިޔަވަޅެއް ނެތެވެ.