ފިޓްނަސްގެ ދާއިރާގައި އެއީ މަޝްހޫރު ނަމެކެވެ. ފަރިތަ މޫނެކެވެ. އެތައް މެޑަލްތަކެއް އުފުލާލި ކާމިޔާބު އަތެކެވެ. އެތައް ބަޔެއްގެ ތައުރީފު އޮހެމުން އަންނަ ރީތި ހަށިގަނޑެކެވެ. މި ދައްކަނީ ފިޓްނަސްގެ ދާއިރާގައި ފޫހިކަމެއް ވަރުބަލިކަމެއް ނެތި މަސައްކަތްކުރަމުން އަންނަތާ ވިއްސަކަށް އަހަރުވެފައިވާ، ރާއްޖޭގެ މަޝްހޫރު ބޮޑީ ބިލްޑަރ ޔޫނުސް ރަޝީދުގެ ވާހަކައެވެ. އާންމު ނަމުން ނަމަ ކަޓޭގެ ވާހަކައެވެ.

މ. ދިއްގަރަށް އުފަން ކަޓޭ ފިޓްނަސްގެ ދާއިރާއަށް ވަދެވުނީ، ސްކޫލުގައި އުޅުނު އެކުވެރި ކުދިންކޮޅަކާއެކު މާލޭ ފިޓްނަސްއަށް ދާންފެށި ހިސާބުންނެވެ. އޭރު އޭނާ އައީ އަހުމަދިއްޔާ ސްކޫލުގައި ކިޔަވަމުންނެވެ. އޭނާ މާލޭ ފިޓްނަސްއަށް ދާންފެށީ، މިއަދު އޭނާ ދެކެމުން އެ އަންނަ ފަދަ ކާމިޔާބު ދުވަސްތަކެއް ފެނިދާނެ ކަމުގެ އުއްމީދެއްގައެއް ނޫނެވެ. އޭރު ސްކޫލްގައި އުޅުނު އެކުވެރީންގެ މެދުގައި ކުރެވުނު ބެޓަކާގުޅިގެން ހަށިގަނޑު ރީތިކޮށްލުމުގެ މަގުސަދުގައެވެ. އެހެންނަމަވެސް އެ ކަން ފެށުމާއެކު ފިޓްނަސްގެ މަސައްކަތަށް ކަޓޭގެ ހިތުގައި އުފެދުނީ މާ ވަރުގަދަ ޝައުޤުވެރިކަމެކެވެ. އޭނާއާއެކު ޖިމަށް ދާންފެށި ހުރިހައި ކުދިން، ޖިމަށް ދިޔުން ހުއްޓާލި ނަމަވެސް، އޭނާގެ މަސައްކަތް ވީ ވަރުގަދައެވެ.

ކަޓޭ 1998 ވަނަ އަހަރު ކަސްރަތުކުރަނިކޮށް ނަގާފައިވާ ފޮޓޯއެއް.

މާލޭ ފިޓްނަސްގައި 2 އަހަރެއްހައި ދުވަހު ކަޓޭ އުޅުނެވެ. އެއަށްފަހު މަސްލް ލޯޑު ހުޅުވުމާގުޅިގެން 1998 ވަނަ އަހަރު އޭނާ މަސްލް ލޯޑަށް ގޮސް ވޯކްއައުޓު ޖައްސަންފެށިއެވެ. އެހައިތަނަށް ދިޔައިރު ކަޓޭގެ ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ރީތިވެފައެވެ. އެހެންކަމުން ދެން އޭނާ ތައްޔާރުވާންފެށީ، ރާއްޖޭގައި އަލަށް ބާއްވަން ތައްޔާރުވަމުން ދިޔަ މިސްޓަރ މޯލްޑިވްސް މުބާރާތަށެވެ. އެ މުބާރާތުގެ ތައްޔާރީތައް ވަމުން އައިއިރު، ކަޓޭ ކަށިން ހިތްވަރު ނެރެގެން މަސައްކަތް ކުރަމުން ގެންދިޔައީ، އެ މުބާރާތުން ރަނގަޅު ނަތީޖާއެއް ހޯދުމަށެވެ. އެ އަޒުމުގައި ރެއާއި ދުވާލު އެތައް ވަގުތެއް އޭނާ އައީ ހޭދަކުރަމުންނެވެ.

1999 ވަނަ އަހަރު ބޭއްވި ރައްޖޭގެ ފުރަތަމަ މިސްޓަރ މޯލްޑިވްސް މުބާރާތުގައި ކަޓޭ ބައިވެރިވީ ވަރަށް އުއްމީދާއެކުގައެވެ. އެ މުބާރާތަށް ރަނގަޅަށް ތައްޔާރުވެވުނު ކަމުގެ ހިތްހަމަޖެހުމާއެކުގައެވެ. އޮލިމްޕަހުގެ އިސްޓޭޖުގައި އޭނާ ހަރަކާތްތެރިވަމުން ދިޔައިރު، ހޯލްތެރެއިން އިވެމުން ދިޔައީ ތަރުޙީބުގެ އަޑުތަކެވެ. ތިން ކެޓެގަރީއަކަށް ބެހިފައި އޮތް އެ މުބާރާތް ނިމިގެން ދިޔައީ، ކަޓޭގެ ކަރުގައި އެޅުވުނު ސިލްވަރ މެޑެލްއާއެކުގައެވެ.

ކަޓޭ 1999 ވަނަ އަހަރު މިސްޓަ މޯލްޑިވްސް މުބާރާތުގައި.

މި މުބާރާތުން ލިބުނު ކާމިޔާބީ ވެގެން ދިޔައީ، މި ދާއިރާއިން ކަޓޭއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމަކަށެވެ. އަދި ކުރިއަށް ދިޔުމަށް ލިބުނު އެހައިމެ ބޮޑު ހިތްވަރަކަށެވެ. އަނެއްކޮޅުން ރާއްޖޭގެ ތާރީޚުގައި ކަޓޭގެ ނަން ލިޔެލެވުމަކީ، ލިބުނު ކުޑަ ޝަރަފެއް ނޫންތާއެވެ.

"ފުރަތަމަ މިސްޓަރ މޯލްޑިވްސް މުބާރާތުގައި ބައިވެރިވީ އެއްވެސް މީހެއްގެ ފަރާތުން އެއްވެސް ކަހަލަ ޓްރޭނިންގެއް ނެތި. އޭރު ޑައިޓަކީ ކޯޗެއްކަމެއް ވެސް ނޭނގޭ. ކޯޗެއްގެ އިރުޝާދު ފުރަތަމަ ލިބުނީ، ސައުތު އޭޝިޔަން ބޮޑީ ބިލްޑިންގ ޗެމްޕިއަން ޝިޕަށް ތައްޔާރުވަމުން ދިޔަ ދުވަސްވަރު. އޭޝިޔާގެ ޗެމްޕިއަން ވޮންގ ކޯޗުގެ އިރުޝާދު ލިބިގެން އެ މުބާރާތަށް ތައްޔާރުވީ." މަސްލް ލޯޑުގެ އިންސްޓްރަކްޓަރެއްގެ ވަޒީފާގައި، އޭރު އުޅެމުން ދިޔަ ކަޓޭ އުފަލާއެކު ފާހަގަކުރިއެވެ.

ކަޓޭ މިސްޓަ މޯލްޑިވްސްގައި ހަރަކާތެއް ދައްކާލަނީ.

މިހައި ހިސާބުން ކަޓޭގެ މަސައްކަތުގެ މިސްރާބު އެހެން ދިމާއަކަށް ހިފިއެވެ. ލިބުނު ފުރުސަތެއްގައި ޕެރެޑައިސް އައިލެންޑު ރިސޯޓަށް އޭނާގެ ވަޒީފާ ބަދަލުކޮށްލިއެވެ. އެ ތަނުގެ ޖިމްގައި އިންސްޓްރްކްޓަރެއްގެ ގޮތުގައި އަހަރެއްހައި ދުވަހު އުޅެފައި އޭނާ އަނެއްކާ ވެސް މަސްލް ލޯޑުގެ ވަޒީފާއަށް އެނބުރި އައީ، ރިސޯޓެއްގައި ހުރެގެން، މި ދާއިރާއިން އެންމެ އެދެވޭ ކުރިއެރުމެއް ނުލިބޭނެކަމަށް ފެންނާތީއެވެ.

1999 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ކަޓޭ އައީ މިސްޓަރ މޯލްޑިވްސް މުބާރާތުގައި ބައިވެރިވަމުންނެވެ. އެގޮތުން 2003 ވަނަ އަހަރާ ހަމައަށް މެދުނުކެޑި އޭނާ ވަނީ، އެ މުބާރާތުގައި ބައިވެރިވެފައެވެ. މިއިން ކޮންމެ ފަހަރަކު ވެސް އޭނާ މެޑަލް ހޯދައެވެ. މީގެ އިތުރުން 2000 ވަނަ އަހަރަކީ މި ދާއިރައިން ކަޓޭއަށް އިތުރު ކާމިޔާބީއެއް ވެސް ލިބުނު އަހަރެކެވެ. އެއީ، އެ އަހަރު ނޭޕާލްގައި ބޭއްވި، "ސައުތު އޭޝިޔަން ބޮޑީ ބިލްޑިންގ ޗެމްޕިއަން ޝިޕް"ގައި ރާއްޖެއިން ބައިވެރި ޓީމްގައި ހިމެނުމާއި އެ މުބާރާތުގެ ފައިނަލިސްޓުން ކަޓޭއަށް ޖާގަ ލިބުމެވެ.

ކަޓޭ ފުރަތަމަ ޖިމަށް ދާން ފެށިތާ ހަ މަސްތެރޭގައި ނަގާފައިވާ ފޮޓޯއެއް.

2004 ވަނަ އަހަރަކީ އަނެއްކާ ވެސް ކަޓޭ، އާ ދިމާއަކަށް ފިޔަވަޅެއް އެޅި އަހަރެކެވެ. މި ފަހަރު ކަޓޭގެ މިސްރާބު ހުރީ މޯލްޑިވްސް ޕޮލިސް ސާވިސްއާ ދިމާއަށެވެ. ފުލުހެއްގެ ޔުނިފޯމުގައި ވެސް ކަޓޭގެ މަސައްކަތަކީ އެ ތަނުގެ ޖިމްގައި އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ. ބޮޑީ ބިލްޑިންގ ދާއިރާއިން ފުލުހުން ތަމްރީނުކޮށް، މުބާރާތްތަކަށް ތައްޔާރުކުރުމެވެ. އެ ގޮތުން 2006 ވަނަ އަހަރު ބޭއްވި މިސްޓަރ މޯލްޑިވްސް މުބާރާތުގައި ޕޮލިސް ސަރވީސް އިން ބައިވެރިވި ޓީމުގައި ކަޓޭ ހިމެނުނެވެ. އެ ފަހަރު ޕޮލިސް ސާވިސްގެ ޓީމަށް ވަނީ ގޯލްޑް މެޑަލް ލިބިފައެވެ. ހަމަ އެ އަހަރު އޭޝިޔަން ގޭމްސްގައި ވެސް ކަޓޭ ބައިވެރިވިއެވެ. އެ މުބާރާތުން އޭނާއަށް ވަނައެއް ނުލިބުނަސް، ބައިނަލް އަޤުވާމީ މުބާރާތެއްގައި ދުނިޔޭގެ އެތައް ބަޔަކާއެކު، އެއް އިސްޓޭޖެއްގައި ހަރަކާތްތެރިވެލުމުގެ ފުރުސަތު ލިބުމަކީ ވެސް، އޭނާއަށް ލިބުނު ނުހަނު ބޮޑު ކާމިޔާބެކެވެ.

"މިހާތަނަށް މިސްޓަ މޯލްޑިވްސްގެ 9 މުބާރާތެއްގައި ބައިވެރިވެވިއްޖެ. އޭގެތެރޭގައި މެޑަލްއެއް ނުލިބޭ އެއްވެސް މުބާރާތެއް ނޯންނާނެ. ތިން މުބާރާތުން ސިލްވަރ މެޑަލް ލިބުނު. ޓެން ޓައިމްސް މިސްޓަމޯލްޑިވްސް މެޑަލިސްޓް ޖަހައިލުން އެއީ މިހާރު ވަރަށް ބޭނުންވާ ކަމެއް. ހިތް ހަމަޖެހޭވަރަށް ތައްޔާރުވެލައިގެން އަދި އެއް މުބާރާތަށް އަރަން އެބަ ވިސްނަން. 10 ހަމަކޮށްފައި ރިޓަޔަރވާނީ." 2010 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ފުރަތަމަ ހެވީވެއިޓް ޗެމްޕިއަން ޝިޕް މުބާރާތުގައި ބައިވެރިވެ، ގަދަ ދިހައެއްގައި ހިމެނުނު ކަޓޭ ފަޚުރުވެރިކަމާއި ޔަޤީންކަމާއެކު ބުންޏެވެ.

ކަޓޭ ޖިމްގައި ވޯކްއައުޓެއް ހަދަނީ.

މިއަދު ވެސް ކަޓޭ އަންނަނީ ފިޓްންސް ދާއިރާގައި ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުންނެވެ. މިހާރު އޭނާގެ މައިގަނޑު މަސައްކަތަކީ، ޕާސަނަލް ޓްރޭނަރއެއްގެ ގޮތުގައި މީހުންނަށް ޓްރޭނިން ނަގައިދިނުމެވެ. "ސްޓަރ ފިޓްނަސް"ގައި މަސައްކަތް ކުރަމުން އަންނަ ކަޓޭ، ޓްރޭނިން ނަގައިދެމުން ގެންދަނީ، މި ކަމުގެ ތަމްރީނާއި ތަޖުރިބާގެ އަލީގައެވެ. އެގޮތުން އޭނާ ވަނީ، ޕާސަނަލް ޓްރޭނިން ސެޓިފައިޑް ކޯހަކާއި، ހެލްތު އެންޑު ފިޓްނަސް ސެޓިފައިޑް ކޯހެއްގެ އިތުރުން، ބޮޑީ ބިލްޑިންގ ޕަރސަނަލް ޓްރޭނިންގ ސެޓިފައިޑް ކޯހެއް ވެސް ފުރިހަމަކޮށްފައެވެ.

"ފިޓްނަސްގެ ދާއިރައިން ވަރަށް ވަރުގަދަ ކޯހެއް ހަދާލަން އަދި ބޭނުންވޭ. ބޮޑަށް ބޭނުންވަނީ، ރާއްޖޭން ބޭރުން ހައިލެވަލް ބޮޑީބިލްޑިން ކޯހެއް ހަދާލަން." 1999 ވަނަ އަހަރުން ފެށިގެން މީހުންނަށް ޓްރޭނިން ނަގައިދެމުން އަންނަ ކަޓޭ ބުނެލިއެވެ.

ކަޓޭ ގަބޫލުކުރާ ގޮތުގައި ހަމަ ކޮންމެ މީހަކަށް ވެސް ބޮޑީ ބިލްޑް ކުރެވިދާނެއެވެ. ޚާއްޞަކޮށް ޒުވާން ކުދިންނަށް މިއީ ނުކުރެވޭނެ ކަމެއް ނޫނެވެ. މި ކަމަށް ބޭނުންވަނީ ޝައުޤުވެރިކަމާއި ކެތްތެރިކަމެވެ. ބޭނުންވާ ހިސާބަށް ދެ މަހުން ނުވަތަ ތިން މަހުން ނުދެވިދާނެއެވެ. އެހެންނަމަވެސް ހިތްވަރަށް ބަދަލެއް ނުގެނެސް މަސައްކަތްކުރާށެވެ! ޖަންކް ފުޑާ ދުރުހެލިވެ، ހެލްދީ ފުޑް ކައިގެން ޝައުޤުވެރިކަމާއެކު މަސައްކަތް ކުރާށެވެ!

"ރާއްޖޭން ލިބެންހުރި އެއްޗެހި ކައިގެން ވެސް ހަށިގަނޑު ރީތިކުރެވޭނެ. ކޮންމެހެން އަގުބޮޑު ކެއުންތައް ކާކަށް ނުޖެހޭ." އުމުރުން 44 އަހަރުގެ ކަޓޭ ބުނެލިއެވެ.

މިއަދު ކަޓޭ އެންމެ ދެކެން ބޭނުންވަނީ، އޭނާ ހިއްސާވާ ޖިމްއެއް ނުވަތަ އަމިއްލަ ޖިމްއެއް ހުޅުވި، މަސައްކަތް ފެށޭނެ ދުވަހެކެވެ. އެ ދުވަހަކަށް ވަރަށް އުއްމީދާއެކު ކަޓޭ އަންނަނީ އިންތިޒާރުކުރަކުންނެވެ. މީގެ އިތުރުން މި ދާއިރާއަށް ވަންނަން ބޭނުންވާ ޒުވާނުން ތަމްރީނުކޮށް، މުބާރާތްކަށް އަރުވައިދީ ހެދުމަކީ ވެސް، ކަޓޭ ވަރަށް ކުރަން ބޭނުންވާ ކަމެކެވެ. ކަޓޭއަށް މިއަދު ލިބޭ އެންމެ ބޮޑު އުފަލަކީ، މީގެ އެތައް އަހަރެއް ކުރީން، ކަޓޭމެން އެޅި ފިޔަވަޅު މަތީގައި، މިއަދު ޒުވާންކުދިން ފިޔަވަޅު އަޅައިގެން، ފިޓްނަސް ދާއިރާގައި ހަރަކާތްތެރިވެ، ކާމިޔާބުތައް ހޯދަމުން އަންނަ މަންޒަރު ފެނުމެވެ.