ކޮވިޑާއެކު ހުރިހާ ވިޔަފާރިތައް ވަނީ އެކޮޅުކޮޅުން ޖެހިފަ އެވެ. އެކި ވަރުގެ ގެއްލުމާ ކުރިމަތިލާން ޖެހިފައި ނުވާ ވިޔަފާރިއެއް ނެތެވެ. އެ ވިޔަފާރިތައް އަލުން ކޮޅަށް ޖެހޭނެ ދުވަހެއް ވެސް ނޭނގެ އެވެ.

މާލެ ސަރަހައްދުގައި ރިއަލްއެސްޓޭޓް ވިޔަފާރިއަކީ ވެސް މިހާރު ވަރަށް ފުޅާ ވިޔަފާރިއެކެވެ. ދިގު މުއްދަތަކަށް ކުއްޔަށް ނަގައިގެން އިމާރާތްކޮށްގެންގެން އެޕާޓްމަންޓްތައް ހަދައިގެން ކުއްޔަށްދީގެން ވިޔަފާރިކުރާ އެތައް ބަޔަކު އުޅެ އެވެ. ކޮވިޑް-19އާއެކު އެ ވިޔަފާރިއަށް ވެސް ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިވެފަ އެވެ.

ކޮވިޑާއެކު އެތައް ބައެއްގެ ވަޒީފާ ގެއްލި ނުވަތަ އާމްދަނީ ލިބޭނެ ގޮތެއް ނެތުމުން ރަށްރަށަށް ބަދަލުވުމުން އެތައް ބަޔަކަށް ކުލި ނުދެއްކިގެން ވަނީ އެތައް އެޕާޓްމަންޓެއް ދޫކޮށްލައިފަ އެވެ. ބައެއް މީހުން ކުލި ކުޑަ ތަންތަނަށް ބަދަލުވެފައިވެ އެވެ.

މާލެ ސަރަހައްދުގައި ގިނަ އަދަދެއްގެ އެޕާޓްމަންޓްތަކެއް ހަދައި ކުއްޔަށްދީފައިވާ އާރުސީސީން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވީ ކޮވިޑާ ގުޅިގެން އެތަނުން ކުއްޔަށްދީފައިވާ އެޕާޓްމަންޓްތަކަށް ކުލި ދެއްކުން ދެ މަސް ދުވަހަށް ފަސްކޮށްދިން ކަމަށެވެ. އަދި ކޮވިޑްގެ ކަންތައްތައް ހަމަޔަކަށް އެޅެންދެން 3،000ރ އާއި 2،000ރ. އާ ދެމެދުގެ އަދަދެއް ކުލިން ކުޑަކޮށްދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުމެއް ނުވޭ ކުލި ނުދެއްކިގެން އެއްވެސް ބަޔަކު ނެރޭކަށް. އެހެންވެ އަޅުގަނޑުމެން ވާނީ ބޮޑެތި ލުއިތަކެއް ހުރިހާ ފަރާތްތަކަށް ވެސް ދީފައި،" އާރުސީސީން ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުއްޔަށް ހިފައިގެން އުޅޭ ފަރާތްތަކަށް ދިން ލުއިތަކާއެކު ވަރަށް މަދު ތަނެއް ނޫނީ ހުސްވެފައި ނެތް ކަމަށެވެ.

ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަންގެ ވިޔަފާރިކުރާ އާރުސީސީން މާލޭގައި 70 އަށްވުރެ ގިނަ އެޕާޓްމަންޓް އެކި ފަރާތްތަކަށް ކުއްޔަށްދީފައިވެ އެވެ. އަދި އޭގެ އިތުރުން ގިނަ އަދަދެއްގެ ފިހާރަތަކެއް ވެސް އެ ކުންފުނިން ކުއްޔަށްދީފައިވެ އެވެ.

މާލެ ގިނަ އެޕާޓްމަންޓް ކުއްޔަށްދޭ ޕްރިމިއާ ޕްރޮޕަޓީސްގެ އޮފިޝަލަކު ވެސް ވިދާޅުވީ އެތަނުން ކުއްޔަށްދޭ އެޕާޓްމަންޓްތަކުގެ ތެރެއިން 10 ވަރަކަށް އެޕާޓްމަންޓް ހުސްކޮށް އެބަހުރި ކަމަށެވެ.

"ކޮވިޑާ ގުޅިގެން ވަޒީފާ ގެއްލުނު ބޭރު މީހުންތަކެއް އެޕާޓްމަންޓް ދޫކޮށްލި. ނަމަވެސް މިހާރު އޭގެ ތެރެއިން ގިނަ ތަންތަން އަލުން ކުއްޔަށް ހިފައިފި،" އޭނާ ވިދާޅުވި އެވެ.

ކޮވިޑާއެކު ގިނަ ބައެއްގެ ވަޒީފާ ގެއްލި އާމްދަނީއަށް ކުރި ނޭދެވޭ އަސަރާއެކު މާލެ އަދި ހުޅުމާލެއިން ދޫކޮށްލި ވަރަށް ގިނަ އެޕާޓްމަންޓްތައް އަލުން ކުއްޔަށްދޭން އޮންލައިން ސައިޓްތަކުގަ އާއި ފޭސްބުކް ޕޭޖްތަކުގައި ޖަހާފައި އެބަހުއްޓެވެ. ކުރިން 25،000ރ. އަށް ދިން ތިން ކޮޓަރީގެ އެޕާޓްމަންޓްތައް މިހާރު 20،000ރ. އަށް ކުއްޔަށް ދޭން ޖަހާފައި އެބަހުއްޓެވެ. އަދި ކުރިން 18،000ރ. އަށް ދިން ތިން ކޮޓަރީގެ އެޕާޓްމަންޓްތައް މިހާރު 16،000ރ. އަށް ވެސް ދޭން އެބަހުއްޓެވެ. އަދި ކުރިން 16،000ރ. އަށް ކުއްޔަށް ދިން ދެ ކޮޓަރީގެ އެޕާޓްމަންޓް 14،000ރ. އާއި 12،000ރ. އާ ދެމެދުގެ އަދަދަކަށް ކުޑަކޮށްފައިވެ އެވެ.

މާލެ ސަރަހައްދުން ކުރިން 12،000ރ. އަށް ދިން އެއް ކޮޓަރީގެ އެޕާޓްމަންޓްތައް މިހާރު 10،000ރ. އާއި 8،000ރ އާ ދެމެދު އަދަދަކަށް ކުޑަކޮށްފައިވެ އެވެ.

ކުއްޔަށްދޭން ފޭސްބުކް އަދި އޮންލައިން ސައިޓްތަކުގައި ޖަފާފައިވާ ބައެއް ފަރާތްތަކުން ބުނަނީ ކުލި ކުޑަކޮށްފައި ވަނީ އެޕާޓްމަންޓްތައް ހުސްކޮށް ބެހެއްޓުމަށްވުރެ ލޯނު ދައްކަން ކޮންމެވެސް އެއްޗެއް ރައްކާކުރެވޭތޯ ބެލުމަށް ކަމަށެވެ.

"އަހަރެމެން ވެސް މިތަންތަން ކުއްޔަށްދީގެން ދިރިއުޅުމުގެ ހަރަދުތައް ހަމަޖައްސަމުން ދިޔައީ. އެހެން ހުއްޓާ ކުއްލިއަކަށް އެޕާޓްމަންޓް ހުސްވުމުން އާމްދަނީ ލިބުން ހުއްޓުނު،" މާލޭގައި ތިން ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށްދޭން ޖަހާފައި ހުރި މީހަކު ބުންޏެވެ.

އޭނާ ބުނީ ވަޒީފާގައި އުޅުނު ގިނަ އަދަދެއްގެ ބިދޭސީން ކޮވިޑާ ގުޅިގެން ވަޒީފާ ދޫކޮށް ފުރައިގެން ދިއުމުން ގިނަ އަދަދެއްގެ އެޕާޓްމަންޓްތަކެއް ހުސްވެފައި އެބަހުރި ކަމަށެވެ.

ކޮވިޑާ ގުޅިގެން ބޭންކުތަކުން ވަނީ ލޯނު ދެއްކުން ގިނަ ބަޔަކަށް މިއަހަރުގެ ނިޔަލަށް ފަސްކޮށްދީފަ އެވެ. އެއާއެކު ވެސް އެޕާޓްމަންޓްތައް ކުއްޔަށްދީގެން އުޅޭ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދިޔަ އެވެ.