ރާއްޖެއަށް މިހާރު ކުރަމުންދާ ބޯވިއްސާރައިގައާއި ވައިގަދަވުމުގެ ސަބަބުން، ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރާ އެއް ރަށް ކަމަށްވާ ތ. ކަނޑޫދޫގެ ދަނޑުބިންތަކަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ވައިގަދަވެ ވިއްސާރަވުމުގެ ސަބަބުން އެ ރަށުގެ ދަނޑުތަކުގައި ހައްދާފައި ހުރި ގިނަ އަދަދެއްގެ ގަސްތައް ވަނީ ބިންދައިގެން ގޮސް، ބިންމައްޗަށް ވެއްޓިފަ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ކަނޑޫދޫގެ ދަނޑުތަކުގައި ހައްދާފައި ހުރި އެކި ބާވަތްތަކުގެ ގަސްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. ވަރުގަދަ ވަޔާއެކު ގިނަ ގަސްތަކެއް ބިންދައިގެން ގޮސްފައިވާއިރު، މީގެ ތެރޭގައި އެ ރަށުގައި އެންމެ ފުޅާދާއިރާއެއްގައި ހައްދާ މަޝްހޫރު ކަނޑޫދޫ މިރުސް ގަސްތައް ވެސް ހިމެނެ އެވެ. މި ހާދިސާއާ ގުޅިގެން ކަނޑޫދޫ ކައުންސިލުން މިހާރު ވަނީ ދަނޑުތަކަށް ލިބުނު ގެއްލުންތަކުގެ ތަފުސީލު ހޯދުމުގެ މަސައްކަތް ފަށައި، ގެއްލުންތަކުގެ މައުލޫމާތު ހިއްސާކުރުމަށް ދަނޑުވެރިންގެ ކިބައިން އެދިފަ އެވެ.
ކަނޑޫދޫ ކައުންސިލްގެ މެންބަރަކު ވިދާޅުވި ގޮތުގައި، މި ވިއްސާރައިގެ ސަބަބުން އެ ރަށުގެ ބޮޑު ދަނޑެއްގެ ތިންބައިކުޅަ އެއްބައި ވަނީ މުޅިން ހަލާކުވެފަ އެވެ. ކައުންސިލް މެންބަރު
މީގެއިތުރުން ވިދާޅުވީ، ދަނޑަކަށް ބޮޑު ނިކަގަހެއް ވެއްޓިގެން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް ގިނަ ދަނޑުވެރިންތަކަކަށް ވަނީ މި މޫސުމީ ވިއްސާރައިގެ ސަބަބުން ކުއްލި މާލީ ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.
ކަނޑޫދޫއަކީ މުޅި ރާއްޖެއަށް ވެސް މަޝްހޫރު ކަނޑޫދޫ މިރުސް ހެއްދުމުގައި އަރާހުރި ރަށެކެވެ. އެ ރަށުގައި ހައްދާ ތަފާތު ކަނޑޫދޫ މިރުހަކީ މާލެއާއި އެހެނިހެން ރަށްރަށުގެ ބާޒާރުތަކުގައި ވަރަށް ބޮޑު ޑިމާންޑެއް އޮންނަ ބާވަތެކެވެ. ޚާއްސަކޮށް ރަމަޟާން މަހާ ދިމާކޮށް ކަނޑޫދޫ މިރުހުގެ އަގު ބާޒާރުގައި ވަރަށް ބޮޑަށް އުފުލިގެންދާއިރު، މިހާރު ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި މިރުހުގެ ސަޕްލައިއަށް ބުރޫއަރައި، އަގުތަކަށް އޭގެ ނޭދެވޭ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ.
ޑްރަގްގެ މައްސަލައަކުން ޕީއެންސީގެ މެންބަރަކު ސަލާމަތްކޮށްދީފި
ޖަންގްޝަނުން ނަޖިސް ބޭރުވަނީ، އެމްޑަބްލިޔުއެސްސީގެ ބަހެއް ނެތް
ފާޑުކިޔާ މީހުންނަށް ކަންގަނާގެ "ފިލްމީ" ރައްދެއް!
