މި ފެށޭ އޮގަސްޓު މަހުން ފެށިގެން ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާން ފިޒިކަލްކޮށް ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް ހަމަޖައްސައިފައި އޮތް އޮތުން އަންނަ އަހަރަށް ފަސްކޮށްފި އެވެ.
މި ބަދަލު އަންނަ އަހަރަށް ފަސްކުރަން ނިންމީ، ބާ ކައުންސިލުން އެންމެ ދަށްވެގެން ފުރިހަމަވާން ޖެހޭ މިންގަނޑުތަކުގެ އުސޫލަށް މިދިޔަ ހޯމަ ދުވަހު ގެނެސްދިން ބަދަލުތަކާ ގުޅިގެންނެވެ. އެ އުސޫލުގައި އިމްތިހާނުތައް ފިޒިކަލްކޮށް ބޭއްވުމުގެ އިތުރުން، އިނގިރޭސި ބަހުން ކިޔަވައިދޭންޖެހޭ މިންގަނޑުތަކަށް ވެސް ބަދަލު ގެނެސްފައިވެ އެވެ.
ނަމަވެސް އަންނަ މަހު އެ އުސޫލަށް އަމަލުކުރަން ފަށައިފިނަމަ، ތައުލީމީ މަރުކަޒުތަކަށް އިދާރީ އަދި ފަންނީ ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން ވަނީ، ކުރިން އެކްރެޑިޓް ކޮށްފައިވާ ޕްރޮގްރާމުތައް އަލުން އެކްރެޑިޓް ކުރުމަށް މުއްދަތެއް ދިނުމަށް ބާ ކައުންސިލުގައި އެދިފަ އެވެ. އެހެންވެ އެ ހުށަހެޅުމަށް ރިއާޔަތްކޮށް، އާ އުސޫލަށް އަމަލުކުރުން އަންނަ އަހަރަށް ފަސްކުރީ ކަމަށް ބާ ކައުންސިލުން ނެރުނު ބަޔާނުގައި ބުންޏެވެ.
މި ބަދަލު ކޯހުގެ މެދުތެރެއިން ގެންނާތީ، ގިނަ ދަރިވަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ވިލާ ކޮލެޖުގެ ދަރިވަރުން އިސްނަގައިގެން ތައްޔާރުކުރި ޕެޓިޝަނެއްގައި 400 އަށްވުރެ ގިނަ ދަރިވަރުން ވަނީ ސޮއިކޮށްފަ އެވެ. އެ ޕެޓިޝަންގައި ބުނެފައި ވަނީ، ވަޒީފާގެ ގޮތުންނާއި ދިރިއުޅޭ ރަށުގެ ދުރުމިނުގެ ސަބަބުން ފިޒިކަލްކޮށް ހާޒިރުވުމަކީ ގިނަ ދަރިވަރުންނަށް ދަތިކަމެއް ކަމަށެވެ.
މިހާރު ވެސް އޮންލައިން އިމްތިހާނުތަކުގައި ލޮކްޑައުން ބްރައުސަރާއި ވެބްކެމް ބޭނުންކޮށްގެން އުސޫލުތައް ހިފަހައްޓާކަން ދަރިވަރުން ފާހަގަކުރެ އެވެ. އަދި އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ފަދަ ގައުމުތަކުގައި ވެސް އޮންލައިންކޮށް އިމްތިހާނު ބާއްވާކަން ފާހަގަކޮށް، ބާ ކައުންސިލުގެ ނިންމުން މުރާޖައާކުރުމަށް ދަރިވަރުން ވަނީ އެދިފަ އެވެ.
ނަމަވެސް ބާ ކައުންސިލުގެ ބަޔާނުގައި ދަރިވަރުންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ފަވަރަ އާއި ޔޫޕީއައި ގުޅާލައިފި
40ގެ އަހަރުތަކުގައި ދަރިމައިވާ އަންހެނުންގެ އަދަދު ގިނަ ވަނީ!
ދަންވަރު ކާ ހިތްވުން: ސްޓްރެސްއާއި މެޓަބޮލިޒަމްގެ އަސަރު!