ރާއްޖެއަށް އެތެރެވާ ދިވެހީން ގެންނަ ސިނގިރޭޓް ކާޓޫނުތައް އެއާޕޯޓުން ހިފަހައްޓަމުންދާއިރު، ފަތުރުވެރިންނަށް އެ ފުރުސަތު ދެމުންދާތީ ގިނަ ބަޔަކު ނުރުހުން ފާޅުކުރަން ފަށައިފި އެވެ.
ބޭރު ގައުމުތަކުން އަންނައިރު ދިވެހީން ގެންނަ ސިނގިރޭޓް ކާޓޫނުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަސްޓަމްސް އިން ހިފަހައްޓަމުންދަނީ އެކަމާ ގުޅޭގޮތުން ހެލްތު މިނިސްޓްރީން އެކުލަވާލަން ޖެހޭ ގަވާއިދެއް އަދިވެސް ހަދާފައި ނުވާތީ ކަމަށް ކަންބޮޑުވުން ފާޅުކުރާ ފަރާތްތަކުން "ހުރިހާ"އާ ވާހަކަދައްކަމުން ބުންޏެވެ.
"ޓޫރިސްޓަކަށް ވިއްޔާ އެއް ކާޓަން ސިނގިރެޓް އެބަ ގެނެވޭ. ނަމަވެސް ދިވެއްސަކަށް ވިއްޔާ އެތެރެ ނުކުރެވޭ. އެއާޕޯޓުގައި ތިބޭ ކަސްޓަމްސްގެ މީހުން ބުނަނީ ދިވެހިންނަށް މަނާ ކަމެކޭ. މިއީ ކިހާ ހެއްވާ ކަމެއް؟" އެ މީހާ ބުންޏެވެ.
އެ ގަވާއިދު ނެތުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާއިރު، މިއީ އިދާރީ ގޮތުން ހައްލުކުރަން ޖެހިފައިވާ މުހިންމު މައްސަލައެއް ކަމަށް އާންމުން ދަނީ ފާހަގަކުރަމުންނެވެ.
"ދިވެހިން އަތުން ކަސްޓަމްސް އިން އަތުލާ ސިނގިރޭޓަށް ހަދާ ގޮތެއް ވެސް ނޭނގޭ. މި ސިނގިރެޓް ބައެއް މީހުންނަށް އެބަ އެތެރެ ކުރެވޭ. އަސްލު މިއީ ދިވެހިންނަށް މި ސަރުކާރުން ދޭ ވަރަށް ބޮޑު ގެއްލުމެއް،" ސިނގިރޭޓް ކާޓޫން އަތުލުމުން ހިތްހަމަ ނުޖެހިފައި ހުރި މީހާ ބުންޏެވެ.
މިކަމާ ގުޅިގެން އެއާޕޯޓު ކަސްޓަމްސްގެ މުވައްޒަފުން ބުނަނީ ސިނގިރޭޓް ހިފަހައްޓަނީ ރާއްޖެއަށް އެތެރެކުރުމުން މަނާ ތަކެތީގެ ގާނޫނުގެ ދަށުން ކަމަށެވެ. އަދި އެ ގާނޫނުގެ ދަށުން ސިނގިރޭޓް ކާޓަން ހިފެހެއްޓޭނެ ކަމަށް ވެސް ކަސްޓަމްސް އިން ބުނެ އެވެ.
"ކަސްޓަމްސް އިން ބުނަނީ ހެލްތުން ހަދާ ގަވައިދަކުން ކަމަށް ހިފަހައްޓާ ސިނގިރެޓު ދޫކުރެވޭނީ. މިހާރު އެ ގަވައިދު އިސްލާހު ކުރަނީ އޭ ކިޔާތާ އެއް އަހަރު ވެއްޖެ. ގަވައިދެއް ހަދަން މިދެން ތަންކޮޅެއް ބޮޑުވަރު،" އެ މީހާ ބުންޏެވެ.
މި މައްސަލައިގައި އާންމުން އެންމެ ބޮޑަށް ފާޑުކިޔަމުންދަނީ ދިވެހީން ގެންނަ ސިނގިރޭޓް ކާޓޫނުތައް ހިފެހެއްޓި ނަމަވެސް، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ގެންނަ ސިނގިރޭޓް ކާޓޫނުތައް އެއްވެސް ހުރަހަކާ ނުލައި އެތެރެކުރެވޭތީ އެވެ. މިފަދަ ތަފާތުކުރުންތަކެއް ގެންގުޅުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށާއި، ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމުގައި ހަމަހަމަކަން އޮންނަންޖެހޭނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ވަނީ ސިނގިރޭޓުން ނަގާ ޑިއުޓީއަށް ބަދަލުތަކެއް ގެނައުމަށް ގާނޫނަށް އިސްލާހު ގެނެސްފަ އެވެ. މިގޮތުން ސިނގިރޭޓްގެ ޑިއުޓީ 30 ޕަސެންޓަށް، އަދި ކޮންމެ ސިނގިރޭޓަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ވަނީ ކަނޑައަޅާފަ އެވެ.
މުލޫ ނެޝަނަލް ޕާކް: ބޯނިއޯގެ ޖަންގަލިތަކާއި ހޮހޮޅަތަކުގެ ސިއްރު!
މީހުންގެ ތެރޭގައި ވެސް އެކަނިވެރިކަން އިހުސާސް ވޭތަ؟
"މި ދައުރުގައި ސިންގަޕޫރު ފެންވަރުގެ ގޯ ކާޓް އެރީނާއެއް އަޅާނަން"
