ބޮލީވުޑްގެ މަޝްހޫރު ކޮމެޑީ އެކްޓަރު ރާޖްޕާލް ޔާދަވްގެ މައްޗަށް ސާބިތު ވެފައިވާ ޗެކް ބައުންސް މައްސަލައިގެ ހުކުމް ދިއްލީ ހައިކޯޓުން ދަމަހައްޓައި، އޭނާ ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފި އެވެ.
ދިއްލީ ހައިކޯޓުން ކުރި ހުކުމުގައި، ރާޖްޕާލްގެ މައްޗަށް ދައުވާ ކޮށްފައިވާ 7 މައްސަލައިގެ ތެރެއިން ކޮންމެ މައްސަލައެއްގައި 1.05 ކްރޯޑް ރުޕީސްގެ ޖޫރިމަނާއެއް ދެއްކުމަށް ވަނީ އަމުރު ކޮށްފަ އެވެ.
އެއާއެކު އޭނާ ދައްކަންޖެހޭ ޖޫރިމަނާގެ ޖުމްލަ އަދަދު 7.35 ކްރޯޑް ރުޕީސް (ގާތްގަނޑަކަށް 880,000 އެމެރިކާ ޑޮލަރު) އަށް އަރަ އެވެ. އަދި އޭނާގެ އަންހެނުން ރާދާ ރާޖްޕާލް ޔާދަވްވެސް ކޮންމެ މައްސަލައެއްގައި 5 ލައްކައަށްވުރެ ގިނަ ރުޕީސްއިން ވަނީ ޖޫރިމަނާ ކޮށްފަ އެވެ.
ކޯޓުން ވަނީ ރާޖްޕާލްގެ ޖަލު ހުކުމް ހަ މަސް ދުވަހުން ތިން މަސް ދުވަހަށް ކުޑަ ކޮށްދީފަ އެވެ. ނަމަވެސް، ކަނޑައަޅާފައިވާ ޖޫރިމަނާ ނުދައްކައިފިނަމަ ޖަލު ހުކުމް އަލުން ހަ މަސް ދުވަހަށް ބަދަލުވާނެ އެވެ.
ފައިސާ ދައްކާނެކަމުގެ ގިނަ އިގުރާރުތަކެއް ރާޖްޕާލްގެ ފަރާތުން ވެފައިވީ ނަމަވެސް، ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފައި އޭނާ ވަނީ އެ އިގުރާރުތަކާ ހިލާފު ވެފައިވާ ކަމަށް ކޯޓުން ބުނެ އެވެ. އޭގެ އިތުރުން ވެސް ކޯޓުން ވަނީ އޭނާގެ އަމަލުތައް ހުރީ "ޝައްކު އުފެދޭ" ގޮތަކަށް ކަމަށް ސިފަ ކޮށްފަ އެވެ.
އިސްމަތީ ކޯޓެއްގައި މި މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ހައިކޯޓުގެ ހުކުމަށް އަމަލު ކުރުން ވަނީ ދެ މަސްދުވަހުގެ މުއްދަތަކަށް ފަސްކޮށްދީފަ އެވެ.
މި މައްސަލައަކީ 2010 ވަނަ އަހަރު ރާޖްޕާލް ޔާދަވް އަމިއްލައަށް ޑައިރެކްޓްކޮށް ކުޅުނު ފިލްމު "އަތާ ޕަތާ ލާޕަތާ" އުފެއްދުމަށްޓަކައި "އެމްއެސް މުރާލީ ޕްރޮޖެކްޓްސް" ނަމަކަށް ކިޔާ ކުންފުންޏަކުން ނެގި ފަސް ކްރޯޑް ރުޕީސްގެ ލޯނަކާ ގުޅިގެން ފެށުނު މައްސަލަ އެކެވެ.
އެ ފިލްމު ބޮކްސް އޮފީހުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުމާ ގުޅިގެން ލޯނު ނުދެއްކި، އިންޓްރެސްޓާއެކު ދައްކަންޖެހޭ އަދަދު ނުވަ ކްރޯޑް ރުޕީސްއަށް ވުރެ މައްޗަށް އަރައިގެން ދިޔަ އެވެ.
2018 ވަނަ އަހަރު މެޖިސްޓްރޭޓް ކޯޓުން ރާޖްޕާލްއާއި އޭނާގެ އަންހެނުން ކުށްވެރިވާ ކަމަށް ނިންމައި ޖަލު ހުކުމެއް އިއްވި އިރު، މެޖިސްޓްރޭޓް ކޯޓާއި ސެޝަންސް ކޯޓުގެ ނިންމުންތަކަށްފަހު މައްސަލަ އިސްތިއުނާފު ކުރީ ހައިކޯޓުގަ އެވެ.
މީގެ ކުރިން ސޯނޫ ސޫދު، އަޖޭ ދޭވްގަން، ސަލްމާން ހާން އަދި ގުރްމީތު ޗައުދަރީ ހިމެނޭހެން ބޮލީވުޑްގެ މަޝްހޫރު ތަރިން ވަނީ ރާޖްޕާލްއަށް އެހީތެރިކަމުގެ އަތެއް ފޯރު ކޮށްދީފަ އެވެ.
ހަފުތާއެއް ތެރޭގައި އަލިފާނުގެ 7 ހާދިސާ ހިނގި: އެމްއެންޑީއެފް
ޔާސީންގެ މައްސަލަ ތަހުގީގު ކުރާ ކަމަށް ފުލުހުން ބުނެފި