ޖެހިޖެހިގެން ދެވަނަ ރެޔަކު އެމެރިކާއިން އީރާނުގެ ސިޓީތަކަށް ބޮން އެޅުމާ ގުޅިގެން، ބަހުރޭނާއި ކުވޭތުގައި ތިބި އެމެރިކާގެ ސިފައިންނަށް ހަމަލާދީފައިވާނެ ކަމަށް އީރާނުން ބުނެފި އެވެ.
ހޮރްމޫޒް ކަނޑުއޮޅި ސަރަހައްދުގައި ހިމެނޭ އީރާނުގެ ސިޓީތައް ކަމަށްވާ ބޫޝެހެރް، ޗާބަހާރު، ބަންދަރު އައްބާސް، ސިރިކް، ޖާސްކް އަދި އަބޫ މޫސާ ރަށުން ބާރުގަދަ ގޮވުންތަކުގެ އަޑު އިވިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން އިރާންޝަހަރުން މަދުވެގެން އެކަކު މަރުވެފައިވާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި މި ހަމަލާތަކަކީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ދެމުންދާ ކަމަށް ބުނާ ހަމަލާތަކުގެ ބަދަލުހިފުމެކެވެ.
އީރާނުގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން، ބުދަ ދުވަހުން ފެށިގެން އީރާނުގެ ފަސް ޕްރޮވިންސަކަށް އެމެރިކާއިން ދިން ހަމަލާތަކުގައި މިހާތަނަށް 14 މީހުން މަރުވެ، 78 މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.
މި ހަމަލާތައް މި އައީ، އެމެރިކާއިން އީރާނުގެ އަމާޒުތަކަށް ދެމުންދާ ހަމަލާތަކަށް އީރާނުން ރައްދު ދޭނީ ކިހިނެއްތޯ ސަރަހައްދީ ގައުމުތަކުން ސުވާލު އުފައްދަމުންދާ ދަނޑިވަޅެއްގަ އެވެ. އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ ގަލްފުގެ ބައެއް ގައުމުތަކުގެ ވަސީލަތްތަކާއި ވައިގެ ސަރަހައްދު އެމެރިކާއިން ބޭނުންކުރަމުންދާ ކަމަށެވެ. ނަމަވެސް އެ ގައުމުތަކުން މިކަން ދޮގުކުރެ އެވެ. އެ ގައުމުތަކުން ބުނަނީ އެއީ މި ހަމަލާބަދަލުކުރުންތަކުގެ ބައިވެރިން ނޫން ކަމަށާއި، އެއްވެސް ހަނގުރާމައެއްގެ ތެރެއަށް ވަންނަން ބޭނުންނުވާ ކަމަށެވެ.
މިހާރު ފެންނަމުންދާ މަންޒަރަށް ބަލާއިރު، ދެ ފަރާތްވެސް މިވަނީ ދޫދޭން ބޭނުންނުވާ ފަދަ މަޖުބޫރީ ހާލަތެއްގަ އެވެ. އެމެރިކާގެ ވިސްނުމަކީ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނަށް ދޫނުކުރުމެވެ. ނަމަވެސް އީރާނުން ދެކޭގޮތުގައި އެ ކަނޑުއޮޅީގެ ބާރު އޮތުމަކީ އެ ގައުމުގެ ސަލާމަތަށް ކޮންމެހެން މުހިންމު ކަމެކެވެ.
އީރާނުން ގަބޫލުކުރާ ގޮތުގައި ހޮރްމޫޒް ކަނޑުއޮޅިއަކީ އެ ގައުމުގެ އެންމެ ބޮޑު ރައްކާތެރިކަމެވެ. އެތަނުގެ ބާރު ދޫކޮށްލައިފިނަމަ، ބައިނަލްއަގުވާމީ މައިދާނުގައި އެ ގައުމަށް އޮތް ބާރު ކެނޑިގެންދާނެ އެވެ. އެހެންކަމުން، މަޝްވަރާގެ މޭޒުގައި އެމެރިކާއަށް ޕްރެޝަރުކޮށް، ކުރިން ވެފައިވާ އެއްބަސްވުންތަކަށް އަމަލުކުރުވުމަށްޓަކައި އެ ކަނޑުއޮޅީގެ ބާރު އީރާނުން ދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ.
މި ސަބަބުތަކާ ހުރެ ދެ ފަރާތުންވެސް އެމީހުންގެ ވިސްނުން ބަދަލުކުރުން އުނދަގޫވެ، ސަރަހައްދުގެ މަސްލަހަތު ނުރައްކާތެރި ދަރަޖައަކަށް މިވަނީ ގޯސްވެފަ އެވެ.
އީރާނުން ދޭ ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދު ދޭނަން: ޓްރަމްޕް
ފޯޅަވަހި ސަރަހައްދަށް ބިންހެލުމެއް، ރާއްޖެއަށް ނުރައްކަލެއް ނެތް
މަސްވެރިކަން މިހާރު އަންނަނީ ރަނގަޅުވަމުން: މިފްކޯ