1970 އާއި 1980 ގެ އަހަރުތަކުގައި ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި އެންމެ މަގުބޫލު އެކްޓްރެސްގެ ގޮތުގައި މަގުބޫލުވި އެކްޓަރު ހެމާ މާލިނީއަކީ އޭރުގެ އެންމެ އަގުބޮޑު އެކްޓަރު ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގޮ ކޮށްފި އެވެ.
ހެމާ ބުނި ގޮތުގައި، އޭނާއަކީ އޭރުގެ ފިލްމީ ދާއިރާގައި އެންމެ ބޮޑު އެކްޓިންގް ފީއެއް ނެގި ތަރިއެއް ނޫނެވެ. އަދި މިއަދުގެ ތަރިންނަށް ލިބޭ ފަދަ ބޮޑެތި އަދި އަގުބޮޑު އުޖޫރަތަކެއް އޭރުގެ އެކްޓަރުންނަށް ކިތަންމެ ހިޓު ފިލްމުތަކެއް ކުޅުނު ނަމަވެސް ލިބިފައި ނުވާކަމަށް އޭނާ ފާހަގަކުރި އެވެ.
ދާދިފަހުން ދިން އިންޓަވިއުއެއްގައި ހެމާ ބުނީ އޭނާ ފިލްމީ ދާއިރާގައި ރަސްކަން ކުރި ދުވަސްވަރު ފިލްމުތަކަށް ލިބޭ އާމްދަނީއާއި ތަރިންނަށް ދޭ އުޖޫރައަކީ މިއަދާ އަޅާބަލާއިރު މުޅިން ތަފާތު އެއްޗެއް ކަމަށެވެ.
"އަހަރެން ދުވަހަކުވެސް އެންމެ ބޮޑު އުޖޫރައެއް ލިބޭ އެކްޓަރަކަށްވާން މަސައްކަތެއް ނުކުރަން. އަދި އޭރުގެ ޕްރޮޑިއުސަރުންނަކީ މިއަދު މިދޭ ފަދަ އިންތިހާއަށް ބޮޑެތި އަދަދުތަކުން ފައިސާ ދިން ބައެއްވެސް ނޫން. އޭރު އަހަރުމެން މަސައްކަތްކުރީ ފިލްމަށް އޮތް ލޯތްބާއި ޝައުގުވެރިކަމެއްގެ ބޮޑުކަމުން،" ހެމާ ބުންޏެވެ.
ހެމާ ވަނީ 'ޝޯލޭ'، 'ސީތާ އޯރް ގީތާ' އަދި 'ބާޣްބާން' ފަދަ އެތައް ހިޓު ފިލްމުތަކެއްގައި މުހިންމު ރޯލްތަކެއް ކުޅެފަ އެވެ. އޭނާ ފާހަގަކުރި ގޮތުގައި އޭރުގެ ފިލްމުތަކުގައި އަންހެން ތަރިންނަށް ބޮޑު ސަމާލުކަމެއް ލިބުނު ނަމަވެސް، މާލީ ގޮތުން މިއަދުގެ އެކްޓަރުންނަށް ލިބޭ ފަދަ ބޮޑެތި ކުރިއެރުންތަކެއް އޭރަކު ނެތެވެ.
އޭނާ އިތުރަށް ބުނީ، މިއަދު ފިލްމީ ދާއިރާ ސިނަމާތަކުގެ އިތުރުން އިސްތިހާރުތަކާއި، ސޯޝަލް މީޑިއާ އަދި ބްރޭންޑް އެންޑޯސްމަންޓްތަކުގެ ސަބަބުން ވަރަށް ބޮޑަށް ފުޅާވެ، ތަރިންނަށް ލިބޭ އާމްދަނީ އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ.
ހެމާ ބުނިގޮތުގައި އޭނާގެ ކެރިއަރުގައި ލިބުނު އެންމެ ބޮޑު އުފަލަކީ މާލީ ފައިދާއަށްވުރެ ބެލުންތެރިންގެ ފަރާތުން އޭނާއަށް ލިބުނު އިންތިހާ ލޯތްބާއި ގަދަރެވެ.
މިއަދުގެ ތަރިންނަށް ލިބޭ ބޮޑެތި އުޖޫރަތަކާމެދު އޭނާގެ އެއްވެސް ޝަކުވާއެއް ނެތް ކަމަށާއި، ދާއިރާ ކުރިއަރައިގެން ދިއުމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށް އޭނާ ބުންޏެވެ.
ފޯޅަވަހި ސަރަހައްދަށް ބިންހެލުމެއް، ރާއްޖެއަށް ނުރައްކަލެއް ނެތް
އެއާ ކާގޯ ހިސާބުތަކާ އެއާލައިން ރެކޯޑުތައް ދިމާނުވޭ: ފިރާގު
މައުލޫމާތު ނުދޭން ނިންމި މުވައްޒަފުންނަށް ފިޔަވަޅު އަޅަނީ