މިސްރުން ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް، މެޗުގެ ފަހު އިތުރު ވަގުތުގައި ޖެހި ލަނޑަކާއެކު ފަހަތުން އަރައި 3-2 އިން މިސްރު އަތުން މިރޭ މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
އެމެރިކާގެ ޖޯޖިއާގައި މިރޭ ކުޅުނު މެޗުން އާޖެންޓީނާ މި މޮޅުވީ ކުރިން ހީކުރި ވަރަށްވުރެ އުނދަގަލުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 11 މިނިޓު އޮތްއިރު ވެސް ދެ ލަނޑުގެ ލީޑެއްގައި އޮތް މިސްރަށް މިއީ ހިތްދަތި ނަތީޖާއެކެވެ. އެކަމަކު މުޅި މެޗަށް ބަލާއިރު، ވަރުގަދަ އާޖެންޓީނާއާ ދެކޮޅަށް މިސްރުން ދެއްކީ ތައުރީފް ހައްގު ކުޅުމެކެވެ.
މެޗުގެ 15 ވަނަ މިނިޓުގައި އާޖެންޓީނާ ސިއްސުވާލުމަށްފަހު، މިސްރުން ލީޑު ހޯދީ މަރުވާން އަޓިއާ ކާމިޔާބުކުރި ލަނޑުންނެވެ.
އެކަމަކު އޭގެ ފަސް މިނިޓު ފަހުން އާޖެންޓީނާގެ ނިކޮލަސް ޓަގްލިއަފީކޯ އަށް މިސްރުގެ ހައިސަމް ހަސަން ކުރި ފައުލަކާ ގުޅިގެން، އާޖެންޓީނާއަށް ޕެނަލްޓީ އެއް ލިބުނެވެ. މެޗުގެ ނަތީޖާ ހަމަހަމަކޮށްލަން އާޖެންޓީނާއަށް ރަނުގެ ފުރުސަތެއް ތަނަވަސްވި ނަމަވެސް، ކެޕްޓަން ލިއޮނެލް މެސީ ފޮނުވާލި ޕެނަލްޓީ މިސްރުގެ ގޯލްކީޕަރު މުސްތަފާ ޝޮބީރް ވަނީ ދިފާއުކޮށްފައެވެ. މިއީ މެސީ އަތުން މި އަހަރުގެ ވޯލްޑް ކަޕްގައި ނާކާމިޔާބުވި ދެވަނަ ޕެނަލްޓީ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޝޮބީރް މޮޅު ކުޅުމެއް ދެއްކިއެވެ. އާޖެންޓީނާގެ އެލެކްސިސް މެކަލިސްޓާ އަދި ހޫލިއާން އަލްވަރޭޒްގެެ ނުރައްކާތެރި ދެ ހަމަލާއެއް އޭނާ ފުރަތަމަ ހާފުގައި ދިފާއުކުރި އެވެ.
މިސްރުން އުފެއްދި މޮޅު ކައުންޓާ އެޓޭކެއްގައި އެ ޓީމުގެ ދެވަނަ ލަނޑު 67 ވަނަ މިނިޓުގައި ޖެހީ މުސްތަފާ ޒީކޯ އެވެ. މި ލަނޑު ޖެހުމުގެ ފުރުސަތު ޒީކޯއަށް ތަނަވަސްކޮށްދިނީ މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި މިސްރުގެ ހައިސަމް އެވެ.
މެޗުގެ ފަހު 11 މިނިޓަށް އެޅިއިރުވެސް މިސްރުން ދެ ލަނޑުގެ ލީޑެއްގައި އޮތް ނަމަވެސް، އާޖެންޓީނާއަށް ދިރުމެއް ލިބުނީ 79 ވަނަ މިނިޓުގައި ކްރިސްޓިއަން ރޮމާރޯ ޖެހި ލަނޑުންނެވެ.
އަދި އޭގެ ހަތަރު މިނިޓު ފަހުން، މެސީ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މިއީ މި އަހަރުގެ ވޯލްޑް ކަޕްގައި މެސީ ޖެހި އަށް ވަނަ ލަނޑެވެ.
އާޖެންޓީނާ އިން އެ ޓީމު ކޮޅަށް މެޗު އަނބުރާލީ އިތުރު ވަގުތުގެ ތިން ވަނަ މިނިޓުގައި އެންޒޯ ފެނާންޑޭޒް ޖެހި ލަނޑުންނެވެ. ލައުޓާރޯ މާޓިނޭޒް ހުރަސްކޮށްލި ބޯޅަ، ގޯލުގެ ދުރު ކަނަށް އެންޒޯ އަމާޒުކޮށްލީ ބޮލުންނެވެ.
މިއީ ވޯލްޑް ކަޕްގެ މެޗެއްގައި އިދިކޮޅު ޓީމުން ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް، އާޖެންޓީނާ އިން ފަހަތުން އަރައި މެޗެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
މުބާރާތުގެ ކުއާޓާ ފައިނަލްގައި އާޖެންޓީނާ ނުކުންނާނީ ކޮލަމްބިއާ ނުވަތަ ސްވިޓްޒަލޭންޑާ ދެކޮޅަށެވެ.
ރިޝްވަތުގެ މައްސަލައެއްގައި ޗައިނާގެ އޮފިޝަލަކަށް މަރުގެ އަދަބު
ދިރާގުން ދޭ ދެވަނަ ސްޕީޑްބޯޓްގެ ލަކީ ޑްރޯ ނެގުން ހުކުރު ދުވަހު
