ގ. ފުންފަޅުގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 28 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދީފައިވާއިރު، އިމާރާތަށް ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ފަށައިފި އެވެ.
ގ. ފުންފަޅުގޭގެ 5 ވަނަ ފަންގިފިލާގައި ހުރި އެޕާޓުމެންޓެއްގައި އަލިފާން ރޯވީ ރޭގަނޑު 10:50 ހާއިރުއެވެ. އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ގާތްގަނޑަކަށް ގަޑިއެއްހާއިރު ކުރި މަސައްކަތުން މި އަލިފާންގަނޑު ވަނީ ނިއްވާލާފަ އެވެ. ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) ގެ ޗީފް އެގްޒެކްޓިވް ހިސާން ހަސަން ހާމަކުރެއްވި ގޮތުގައި، މި ހާދިސާގައި އެ އެޕާޓުމެންޓަށް ވަނީ މީހުންނަށް ދިރިނޫޅެވޭ ވަރަށް ގެއްލުންވެފަ އެވެ.
މީގެ އިތުރުން މުޅި އިމާރާތުގެ ފެން ވަޔަރިން ހަލާކުވެ، އިމާރާތުގައި ދިރިއުޅޭ 50 އަށްވުރެ ގިނަ މީހުންނަށް ވަނީ ދަތިތަކާ ކުރިމަތިލާންޖެހިފަ އެވެ. ގޭގެ ވެރިފަރާތުން މިހާރު އަންނަނީ ފެނުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން 28 މީހަކަށް ވަނީ ހޮސްޕިޓަލުގައި ފަރުވާދީފަ އެވެ. މީގެ ތެރެއިން 25 މީހަކަށް އައިޖީއެމްއެޗުގައި ފަރުވާދީފައިވާއިރު، 3 މީހަކަށް ފަރުވާދީފައިވަނީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ. ފަރުވާ ހޯދި މީހުންގެ ތެރޭގައި 6 މަހުގެ ތުއްތު ކުއްޖަކާއި އިތުރު ކުޑަކުއްޖަކު ހިމެނެ އެވެ. އަލިފާނުގެ ސަބަބުން އިމާރާތުގެ ހުރިހާ އެޕާޓުމެންޓަކަށާއި ސިޑިގޮޅިއަށް ވަނީ ބޯ ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފަ އެވެ.
އެންޑީއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާއާ ގުޅިގެން އިމާރާތުގައި ދިރިއުޅޭ 58 މީހަކަށް އިވެކުއޭޝަން ސެންޓަރު މެދުވެރިކޮށް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 24 ފިރިހެނުންނާއި، 30 އަންހެނުންގެ އިތުރުން 4 ކުޑަކުދިންނެވެ.
ހާދިސާގެ ތަހުގީގު ނިމި، އިމާރާތަށް ވަނުމުގެ ހުއްދަ ކަމާބެހޭ ފަރާތްތަކުން ދިނުމާއެކު، އެންޑީއެމްއޭގެ ޓީމުތަކުން ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ. އަލިފާން ރޯވާން މެދުވެރިވި ސީދާ ސަބަބު އަދި މިހާތަނަށް ހޯދިފައެއް ނުވެ އެވެ.
އެމެރިކާއަށް ވޯލްޑް ކަޕް ލިބިއްޖެނަމަ ހަނދަށް ބޯޅައެއް ފޮނުވަނީ!
ޕްރިތީގެ މައްސަލައާއެކު ކޯޓުގެ އަމުރެއް ގޫގުލް އަދި މެޓާއަށް!
ހޯރަފުއްޓަށް މަރުވެފައި އޮތް ބޮޑުމަހެއް ލައްގައިފި
