ލަވަކިޔުންތެރިޔާ ބިޔޯންސޭ، އޭނާގެ ދެވަނަ ސޯލޯ އަލްބަމް "B'Day" އަށް 20 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން، "މޯނިން ޑިއު" ގެ ނަމުގައި އާ ލަވައެއް ރިލީޒްކޮށް އާއްމުންނަށް ސަޕްރައިޒެއް ދީފިއެވެ.
މި ލަވައަކީ 2024 ވަނަ އަހަރު ނެރުނު "ކައުބޯއި ކާޓާ" އަލްބަމަށްފަހު ބިޔޯންސޭ ނެރުނު ފުރަތަމަ ލަވަ އެވެ. މި ލަވަ ރިލީޒް ކޮށްފައިވަނީ ޖުލައި 4 ގެ ބަންދު ދުވަހާ ދިމާކޮށެވެ.
މިއާއެކު، އަންނަ ސެޕްޓެމްބަރު 4 ގައި ނެރުމަށް ހަމަޖެހިފައިވާ "B'Day" އަލްބަމްގެ 20 ވަނަ އަހަރުގެ ހާއްސަ އެޑިޝަންއަށް 60 ދުވަހުގެ ކައުންޓްޑައުން އެއް މިހާރު ވަނީ ފެށިފަ އެވެ.
"ޑޮންކް" ގެ ނަމުގައި މި ލަވައިގެ ޑެމޯއެއް 2013 ވަނަ އަހަރު ރެކޯޑް ކޮށްފައިވާއިރު، 2023 ވަނަ އަހަރު މީގެ ބައެއް އިންޓަނެޓަށް ލީކުވެ، ޓިކްޓޮކްގައި ވަރަށް ބޮޑަށް ވައިރަލްވި އެވެ. ނަމަވެސް، މި ލަވަ ރަސްމީކޮށް މި ނެރުނީ "މޯނިން ޑިއު (ޑޮންކް)" ގެ ނަމުގަ އެވެ.
މި ލަވައަކީ ބިޔޯންސޭގެ ކުރީގެ މަޝްހޫރު އާރްއެންޑްބީ ސްޓައިލަށް ތައްޔާރު ކޮށްފައިވާ، ލޯތްބާއި އިތުބާރުގެ ޖަޒުބާތުތަކުން ފުރިގެންވާ ލަވަ އެކެވެ. މި ލަވަ ލިޔެ، ޕްރޮޑިއުސް ކުރުމުގައި ބިޔޯންސޭގެ އިތުރުން މަޝްހޫރު މިއުޒިކް ޕްރޮޑިއުސަރު ފަރެލް ވިލިއަމްސް އާއި ދަ-ޑްރީމް ބައިވެރި ވެފައިވެ އެވެ.
ލަވައާއެކު ޔޫޓިއުބަށް ދޫކޮށްލާފައިވާ ބްލެކް އެންޑް ވައިޓް "ލިރިކް ވީޑިއޯ" ގައި ބޭނުން ކޮށްފައިވަނީ 2007 ވަނަ އަހަރުގެ "B'Day" އެރާގައި ފޮޓޯގްރާފަރު ކްލިފް ވޮޓްސް ކެމެރާ ކޮށްފައިވާ ބިޔޯންސޭގެ ބައެއް ބޭނުންނުކޮށް ހުރި އާކައިވް ފުޓޭޖު ތަކެކެވެ.
2006 ވަނަ އަހަރު ފުރަތަމަ ނެރުނު "B'Day" އަލްބަމަކީ ބިޔޯންސޭގެ ކެރިއަރުގައި އެންމެ ކާމިޔާބު އެއް އަލްބަމެވެ. ބިލްބޯޑް 200 ޗާޓުގެ އެއްވަނަ ހޯދި މި އަލްބަމްގައި މަޝްހޫރު ލަވަތަކެއް ހިމެނެ އެވެ. އަދި މި އަލްބަމަށް ވަނީ ގްރެމީ އެވޯޑެއްވެސް ލިބިފަ އެވެ.
ބިޔޯންސޭގެ މިއުޒިކީ ޓީމުން ބުނި ގޮތުގައި، މި އާ ލަވަޔަކީ އޭނާގެ ވަފާތެރި ސަޕޯޓަރުނަށް، ކުރިއަށް އޮތް ބޮޑު ކާމިޔާބީގެ އުފާ ފާހަގަ ކުރުމުގެ ގޮތުން ދިން ހަދި ޔާއެކެވެ. ސަޕޯޓަރުން މިހާރު އުއްމީދު ކުރަމުންދަނީ ސެޕްޓެމްބަރު މަހު ނުކުންނަ އަލްބަމްގައި މީގެ އިތުރުންވެސް ކުރިން ނުނެރެ ހުރި ލަވަތައް ފެންނާނެ ކަމަށެވެ.
އަންހެނުންނަށް ހާއްސަ ސެލޫނެއް ހުޅުމާލޭގައި ހުޅުވައިފި
މުޖުތަބާ ފިޔަވާ ހުރިހާ ދަރިކަލުން ހާމަނާއީގެ ޖަނާޒާގައި
ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ފާޑުކިޔަނީ