މެޗުގެ އިތުރު ވަގުތުގައި ކޭޕް ވާޑްގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑާއެކު، ފީފާ ވޯލްޑް ކަޕްގެ ގަދަ 32ގެ ބުރުގައި މިއަދު ކޭޕް ވާޑް އަތުން 3-2 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ގަދަ 16ގެ ޖާގައެއް ހޯދައިފި އެވެ.
ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ ކޭޕް ވާޑްއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗު ދިޔައީ ހީކުރި ގޮތާ ހިލާފަށެވެ. އާޖެންޓީނާ އިން ދެ ފަހަރު މެޗުގަިއ ލީޑު ހޯދި ނަމަވެސް، ދެ ފަހަރު ވެސް ކޭޕް ވާޑް އިން ފަހަތުން އަރައި މެޗު ހަމަހަމަކުރި އެވެ.
މެޗުގެ 29 ވަނަ މިނިޓުގައި އާޖެންޓީނާ އަށް ލީޑު ހޯދައިދިނީ އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީއެވެ. ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ބޯޅަ ކޮންޓުރޯލްކޮށްލުމަށްފަހު، މެސީ ވަނީ ގޯލުގެ މަތީ ދާގަނޑަށް އެ ބޯޅަ އަމާޒުކޮށްލައިފަ އެވެ. މިއީ މި އަހަރުގެ ވޯލްޑް ކަޕްގައި މެސީ ޖެހި ހަތް ވަނަ ލަނޑެެވެ.
އެކަމަކު މެޗުގެ 59 ވަނަ މިނިޓުގައި ކޭޕް ވާޑްގެ ޑިރޯއީ ޑުއާޓޭ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަަމަހަމަކޮށްފަ އެވެ. އާޖެންޓީނާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ބޯޅަ ޑުއާޓޭ ވަނީ ތިރިތިރިން ގޯލުގެ ކަނަށް ވައްދާލައިފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު މެޗުގެ ނަތީޖާ އެއްވަރުވެފައި އޮތުމުން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުރީކޮޅު އާޖެންޓީނާ އިން ލީޑު ނެގީ ޑިފެންޑަރު ލިސަންދުރޯ މާޓިނޭޒް ޖެހި ލަނޑުންނެވެ.
އެހެން ނަމަވެސް، 102 ވަނަ މިނިޓުގައި ކޭޕް ވާޑްގެ ސިޑްނީ ލޯޕޭސް ކަބްރާލް ވަނީ ހިތްގައިމު ގޯލެއް ޖަހައި، މެޗުގެ ނަތީޖާ ދެވަނަ ފަހަރަސް ހަމަހަމަކޮށްފަ އެވެ.
އާޖެންޓީނާއަށް ތިން ވަނަ ފަހަރަށް ލީޑު ލިބުނީ 111 ވަނަ މިނިޓުގައި ކޭޕް ވާޑްގެ ޑިނޭ ބޯގޭސް އަތުން ބައިކޮޅަށް ވަތް ގޯލުންނެވެ. ކޯނަރަކުން މެސީ ހުރަސްކޮށްލި ބޯޅައެއް އާޖެންޓީނާގެ ޑިފެންޑަރު ކްރިސްޓިއަން ރޮމެރޯ ބޮލުން ގޯލާ ދިމާލަށް އަމާޒުކޮށްލިއިރު، އެ ބޯޅަ ގޯލަށް ވަނީ ޑިނޭގެ ގައިގައި ޖެހިފަ އެވެ.
މުބާރާތުގެ ގަދަ 16ގެ ބުރުގައި އާޖެންޓީނާއާ ދެކޮޅަށް ނުކުންނާނީ މިސްރެވެ.
ހާއްސަ ޝަރުތަކާއެކު "އޮބްސެޝަން" އޯޓީޓީ ޕްލެޓްފޯމްތަކަށް!
'އެޑްވާންސް މާޗަންޓް ސެޓްލްމަންޓް' އަށް ހެޔޮ ބަދަލުތަކެއް
52 އަހަރަށްފަހު ސަލްމާން ގެލެކްސީ އެޕާޓްމަންޓުން ނުކުންނަނީ؟