ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދިމާވާ ހާލަތެއްގެ ސަބަބުން ގަޑިއަށް އޮފީހަށް ހާޒިރު ނުވެވޭ ހާލަތެއްގައި 30 މިނެޓުގެ ބަފާ ޓައިމެއް ލިބޭ ގޮތަށް ގަވައިދު އިސްލާހުކޮށްފި އެވެ.

ސިވިލް ސާވިސް ގަވައިދުގައި، ބަފާ ޓައިމް ދޭނެ ގޮތް ހިމަނައި ގަވައިދަށް އިސްލާހު ގެނައީ އިއްޔެ އެވެ.

އެ އިސްލާހުގައި ބުނެފައިވަނީ ބަފާ ޓައިމް އަކީ މުވައްޒަފުންނަށް ދިމާވާ ހާއްސަ ހާލަތަކާ ގުޅިގެން، ރަސްމީ މަސައްކަތު ވަގުތަށް އޮފީހަށް ހާޒިރުނުވެވޭ ހާލަތުގައި އިތުރު ހުއްދައަކާ ނުލާ މަސައްކަތު ގަޑި އެޖަސްޓުކުރުމަށް ދެވޭ ވަގުތެއް ކަމަށެވެ. އެ ވަގުތުގެ ފަހަށް އެއްވެސް ސަބަބަކާ ހުރެ އޮފީހަށް ހާޒިރުވާ ގަޑި އެޖަސްޓު ނުކޮށްދެވޭނެ ކަމަށް އިސްލާހުގައިވެ އެވެ. އެގޮތުން މުވައްޒަފުގެ ރަސްމީ މަސައްކަތު ގަޑިން ފެށިގެން ބަފާ ޓައިމްގެ ގޮތުގައި 30 މިނެޓު ލިބޭނެ ބަފާ ޓައިމްގެ ތެރޭ ހާޒިރުވާ ނަމަ ސަބަބު ބަޔާންކޮށް އެޗުއާރު ސެކްޝަނަށް އަންގަން ޖެހޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.

ބަފާ ޓައިމްގެ ގޮތުގައި ލިބޭ 30 މިނެޓުގެ ފަހުން އޮފީހަށް ހާޒިރުވާ ނަމަ ބަލާނީ ގަޑި ޖެހުނީ ކަމަށެވެ. ބަފާ ޓައިމަށް 30 މިނެޓުގެ ވަގުތެއް ކަނޑައަޅާފައިވާއިރު، އެ ވަގުތުގެ ތެރޭ އޮފީހަށް ހާޒިރުވި ވަގުތަށް ބަލާ، އޮފީސް ނިމޭ ވަގުތު އެ މިންވަރަށް ފަސްކުރެވޭނެ ކަމަށް ވެސް ގަވައިދުގައި ވަނީ ހިމަނައިފަ އެވެ.