ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި އުފެދޭނީ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ވެރިކަމެއް ކަމަށާއި، އެ ވެރިކަމެއްގައި ދައުލަތުގެ މުދާ ބޭރުގެ ފަރާތްތަކަށް ވިއްކާލާފައިވާނަމަ އެއްވެސް ބަދަލަކާ ނުލައި އެ ތަންތަން އަތުލާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ދައުލަތުގެ މުހިންމު ކުންފުނިތަކާއި ޕޯޓުތައް ފަދަ ތަންތަން ބޭރުގެ ފަރާތްތަކަށް ވިއްކާލި ކަމުގައި ވިޔަސް، އެމަނިކުފާނުގެ ޕާޓީގެ ވެރިކަމެއްގައި އެ ތަންތަން އަނބުރާ ދައުލަތަށް ނަގާނެ ކަމަށެވެ. މިއީ ރާއްޖޭގެ ބައެއް ކުންފުނިތައް ވިއްކާލަން އުޅޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ދެއްކެވި ވާހަކަތަކާ ގުޅިގެން ރައީސް ޔާމީން ދެއްވި އިންޒާރެކެވެ.
ދައުލަތުގެ މުދާ ގަންނަން އުޅޭ ފަރާތްތަކަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ، އެ މުދާ ވިއްކާލުމުގައި ބައިވެރިވާ ފަރާތްތަކަކީ ކިތަންމެ ނުފޫޒުގަދަ ބަޔަކަށް ވީނަމަވެސް، އެ މީހުންގެ މައްސަލަތައް ބައްލަވައި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި ވިއްކައިގެން ހޯދާ ފައިސާ "ދަށް ގޮހޮރުގައި ހުއްޓަސް" އެ ފައިސާ ހޯއްދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ ކުރިން ޖީއެމްއާރް އަތުން އެއާޕޯޓު އަތުލުމުން ބަދަލު ދޭންޖެހުނު މައްސަލައަށް އަލިއަޅުއްވާލައްވަމުން ޔާމީން ވިދާޅުވީ، މިފަހަރު ޕޯޓާއި އެހެނިހެން ތަންތަން އަތުލާއިރު ބަދަލު ދިނުމުގެ ސިޔާސަތު މުޅިން ތަފާތުވާނެ ކަމަށެވެ. އެގޮތުން ވިއްކާލާ ތަންތަން ހުންނާނީ ރާއްޖޭގެ ބިމުގައި ކަމަށްވާއިރު، އެ ތަންތަނަށް ހިނގާނީ ދިވެހި ވެރިކަމުގެ ބާރު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ޔާމީން ތަކުރާރުކޮށް ވިދާޅުވީ، ޕީއެންއެފްގެ ސަރުކާރަކުން އެފަދަ އެއްވެސް މުދަލަކަށް ބަދަލު ނުދޭނެ ކަމަށާއި، ގަންނަ ފަރާތްތަކުން ޖެހޭނީ އެ ތަންތަން އެ މީހުންނަށް ވިއްކި ބައެއްގެ އަތުން ފައިސާ ހޯދަން ކަމަށެވެ.
'އެޑްވާންސް މާޗަންޓް ސެޓްލްމަންޓް' އަށް ހެޔޮ ބަދަލުތަކެއް
52 އަހަރަށްފަހު ސަލްމާން ގެލެކްސީ އެޕާޓްމަންޓުން ނުކުންނަނީ؟
ފަހަތުން އަރައި ސެނެގާލް ބަލިކޮށް، ބެލްޖިއަމް ގަދަ 16އަށް