އަވަހާރަކޮށްލާފައިވާ އީރާނުގެ ކުރީގެ ސްޕްރީމް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީގެ ޖަނާޒާގެ ކަންކަން ގިނަ ދުވަސްތަކަކަށް ބަހާލައިގެން ބޭއްވުމަށް އެ ގައުމުން ތައްޔާރުވެއްޖެ އެވެ. މިއީ އިސްލާމީ ޖުމްހޫރިއްޔާއަށް ރައްޔިތުންގެ އޮތް ލޯތްބާއި، އިންގިލާބީ ރޫހު އަދިވެސް ވަރުގަދަކަން ހާމަކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.
އީރާނުގެ އެންމެ މަތީ ވެރިޔާ އަވަހާރަވީ އެމެރިކާއާއި އިޒްރޭލުން ދިން ހަމަލާތަކެއްގަ އެވެ. މިއީ މި ހަނގުރާމައިގައި ދެވުނު މިފަދަ ފުރަތަމަ ހަމަލާ އެވެ. ޖަނާޒާގެ ހަރަކާތްތައް މި ހަފުތާ ބަންދުގައި ތެހެރާނުގައި ފެށޭނެ އެވެ. އަދި އަންނަ ހަފުތާގައި ގުމް އާއި މަޝްހަދުގައި ބޮޑެތި ހިނގާލުންތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އިރާގުގައި ވެސް ހާއްސަ ރަސްމިއްޔާތުތަކެއް ބޭއްވުމަށް ވަނީ ރޭވިފަ އެވެ.
"ޝަހީދުވި ލީޑަރާއި އެހެނިހެން ޝަހީދުންގެ ޖަނާޒާގައި ރައްޔިތުން ގިނަ އަދަދަކަށް ބައިވެރިވުމަކީ، އަސްލުގޮތުގައި އިސްލާމީ ޖުމްހޫރިއްޔާއަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު ބަލަން ނެގޭ ފެންނަ ނުފެންނަ ވޯޓަކަށް ވެގެންދާނެ،" ގުމްގެ ހުކުރު ހަތީބު އާޔަތުﷲ މުހައްމަދު ސައީދީ ދައުލަތުގެ މީޑިއާއަށް ވިދާޅުވި އެވެ.
މި ހަރަކާތްތަކަކީ ތާއީދު އޮތް މިންވަރު ދައްކައިދޭނެ ކަމެއް ކަމަށް ބަލާއިރު، ކަމާބެހޭ ފަރާތްތަކުން މިކަން ކާމިޔާބު ކުރުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިގޮތުން، މިލިއަނުން މީހުން އީރާނުގެ ސިޓީތަކަށް ޖަމާކުރުމަށްޓަކައި ދަތުރުފަތުރާއި، ހުރުމާއި ކާބޯތަކެތީގެ އިންތިޒާމުތައް ދަނީ ހަމަޖައްސަމުންނެވެ. މިއީ އެ ގައުމުގެ ދީނީ ވެރިކަމަށް ކުރިމަތިވި ނުރައްކާތަކުން ސަލާމަތްވެ، އެ ނިޒާމުގެ ވަރުގަދަކަން ދައްކާލުމަށް ކުރާ ކަމެކެވެ.
ހާމަނާއީ އަވަހާރަވުމާއި، އޭނާގެ ދަރިކަލުން މުޖްތަބާ އީރާނުގެ ތިންވަނަ އެންމެ މަތީ ވެރިޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަކީ، އިސްލާމީ ޖުމްހޫރިއްޔާގެ 47 އަހަރުވީ ތާރީހުގައި އައި ވަރަށް މުހިންމު ދަނޑިވަޅެކެވެ. ބައްޕާފުޅު އަވަހާރަވި ހަމަލާގައި ނުރައްކާތެރި އަނިޔާތަކެއް ލިބިވަޑައިގެންނެވި މުޖްތަބާ، ހަނގުރާމަ ފެށުނު ފަހުން އަދި އާންމުންގެ ތެރެއިން ފެނިފައެއް ނުވެއެވެ.
ނަމަވެސް، އެއްބައިވަންތަކަމާއި ތާއީދު އޮތްކަން ދެއްކުމަށް މަސައްކަތް ކުރި ނަމަވެސް، މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އިސްލާމީ ޖުމްހޫރިއްޔާއަށް އޮތް އާންމުންގެ ތާއީދު ވަނީ ވަރަށް ބޮޑަށް ކުޑަވެފަ އެވެ. ގައުމުގެ އިގްތިސާދު އިނދަޖެހިފައިވާތީއާއި، ޒުވާން އާބާދީ ބޮޑު މި ގައުމުގައި 1979 ވަނަ އަހަރުގެ އިންގިލާބުގެ ނަމުގައި ހިންގާ ހަރުކަށި އަމަލުތަކާމެދު ގިނަ ރައްޔިތުން ދެކޮޅެވެ.
އީރާނުގެ ނިޒާމު ރޭވިފައިވާ ގޮތުން، ހާމަނާއީއަކީ ހަމައެކަނި ދައުލަތުގެ ވެރިޔާ އެއް ނޫނެވެ. އޭނާއަކީ ޝީއީ މަޒުހަބުގެ 12 ވަނަ އިމާމުގެ މަންދޫބެއްގެ ގޮތުގައި ބެލެވޭ ފަރާތެކެވެ. އެހެންކަމުން ތެހެރާނުގެ މަގުތަކުގައި ކަޅުކުލައިގެ ދިދަތައް ހަރުކޮށް، ހިތާމަފާޅުކުރުމުގެ ރަސްމިއްޔާތުތައް ދަނީ ބާއްވަމުންނެވެ.
ހުކުރު ދުވަހު ރަޝިޔާ އާއި ޗައިނާ ފަދަ ގައުމުތަކުގެ އިސް ބޭފުޅުން ތައުޒިޔާ ދެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ. ހޮނިހިރު ދުވަހު ހާމަނާއީގެ ހަށިކޮޅު ތެހެރާނުގެ މިސްކިތަކަށް ގެންދެވޭނެ އެވެ. މި ހަމަލާގައި އަވަހާރަވި އޭނާގެ އާއިލާގެ އެހެން މެންބަރުންގެ ހަށިކޮޅުތައް ވެސް ޖަނާޒާގައި ބައިވެރިކުރެވޭނެ އެވެ.
ޖަނާޒާއަށް އަންނަ މީހުންނަށް ލުއިފަސޭހަ ކުރުމަށްޓަކައި ހޮޓާތަކުގެ އަގުތައް ބޮޑުތަނުން ހެޔޮކޮށް، ސްކޫލްތަކާއި މިސްކިތްތައް ވަނީ ހުރުމުގެ އިންތިޒާމުތަކަށް ތައްޔާރުކޮށްފަ އެވެ. ހޯމަ ދުވަހު ތެހެރާނުގައި ބާއްވާ ބޮޑު ހިނގާލުމަށްފަހު، ހަށިކޮޅު ގުމް އަށް ގެންދެވޭނެ އެވެ. އަދި ބުދަ ދުވަހު އިރާގުގެ ނަޖަފް އާއި ކަރުބަލާގައި ރަސްމިއްޔާތުތައް ބޭއްވުމަށްފަހު، ބުރާސްފަތި ދުވަހު މަޝްހަދުގައި ފަސްދާނުލެވޭނެ އެވެ.
ސަލާމަތީ ކަންކަން ވަރަށް ވަރުގަދަކޮށްފައިވާއިރު، އިތުރު ހަމަލާއެއް ދީފިނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފަ އެވެ.
އެމްޕަޔާ ސްޓޭޓަ ބިލްޑިންގެ އެންމެ އުހަށް އެރުމުން ހައްޔަރު ކޮށްފި
ހުޅުމާލޭ ފްލެޓެއްގައި ރޯވެ ބޭނުންނުކުރެވޭ ވަރަށް އަނދައިފި
ބީއެމްއެލް ސްޕްލިޓްޕޭ ތައާރަފްކޮށްފި