އައްޑޫ ސިޓީ ހިތަދޫގެ 'މައިލޯސިޓީ' ގޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާ ކަމަށް ބުނެ، އެ ގެ ބަންދުކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.
ފުލުހުންގެ ބޮޑު އޮޕަރޭޝަނަކަށް ފަހު ކޯޓުން ނެރުނު މި އަމުރުގެ ދަށުން އެ ގެ ކުރިއަށް އޮތް ތިން މަސް ދުވަހުގެ މުއްދަތަށް ވަނީ ސީލްކޮށްފަ އެވެ. ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، އެ ތަނަކީ ހަމައެކަނި މަސްތުވާތަކެތި ބޭނުންކުރާ ތަނެއް ނޫނެވެ. އެއާ ހިލާފަށް، އެ ތަނުން ދިއައީ ރާވައިގެން ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެ ތަކެތި ހަށިގަނޑަށް ވާސިލުކުރުމަށް ބޭނުންވާ އެންމެހައި ވަސީލަތްތަކާއި އާލާތްތައް ފޯރުކޮށްދެމުންނެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، މި އަމަލުތަކުގެ ސަބަބުން މުޅި ސަރަހައްދުގެ އާންމު ސަލާމަތް ގެއްލި، ކައިރީގައި އުޅޭ ރައްޔިތުންގެ ފުރާނައަށާއި މުދަލަށް ބޮޑެތި ނުރައްކާތަކެއް ވަނީ ކުރިމަތިވެފަ އެވެ.
ހަމައެއާއެކު އެ ގޭގެ އެތެރޭގައާއި ވަށައިގެންވާ ސަރަހައްދުގައި އެކި ގުރޫޕުތަކުން ހާލި ހަދައިގެން ތިބެ މާރާމާރީ ހިންގުމާއި، މީހުން ރަހީނުކުރުމުގެ އިތުރުން ވައްކަމުގެ ބޮޑެތި ޖިނާއީ ކުށްތަކަށް މަގުފަހިވަމުން ދާ ކަމަށް ވެސް އަމުރުގައިވެ އެވެ.
މިއީ މަސްތުވާތަކެތީގެ އައްޑާތަކާ ދެކޮޅަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މިފަދަ ހަރުކަށި ފިޔަވަޅެއް އެޅި ދެވަނަ ފަހަރެވެ. މީގެ ކުރިން މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ވެސް އެ ކޯޓުން ވަނީ ޑުރަގު ބޭނުންކުރާ ކަމަށް ތުހުމަތުކުރެވުނު އެހެން ގެއެއް 90 ދުވަހަށް ބަންދުކުރަން އަމުރުކޮށްފަ އެވެ. އަދި އޭގެ ކުރިން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ވެސް ވަނީ އެ ރަށުގައި ހިންގި 'ޑުރަގު ކެފޭއެއް' ބަންދުކުރަން އަމުރު ނެރެފަ އެވެ.
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ހުޅުވައިފި
"ފައިނޭންޝަލް އިންކްލޫޝަން" އެވޯޑު އެމްއައިބީ އަދި އެލައިޑަށް
"ލީގަލީ ބްލޮންޑް"ގެ ޕްރީކުއަލް ސީރީޒްއެއް ރިލީޒް ކުރަނީ!