ޑޮލަރުގެ އަގު ދަށްނުވަނީ ކީއްވެތޯ ސުވާލުކުރަންވީ ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޑޮލަރުގެ އަގު ތިރިކުރާނެ ކަމަށް ކުރިން ވިދާޅުވި ވައުދާ ގުޅޭގޮތުން ކުރިމަތިވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ، މިހާރުގެ މާލީ ހާލަތުގެ ޒިންމާ ކުރީގެ ސަރުކާރުގެ އިސްވެރިން އުފުލަންޖެހޭނެ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ސައީދު ތުހުމަތުކުރެއްވި ގޮތުގައި ރާއްޖޭގެ އިގުތިސާދީ އިތުބާރު ގެއްލި ގައުމު ބޮޑު ދަރަންޏެއްގެ ތެރެއަށް ވައްޓާލީ ރައީސް ސޯލިހުގެ ވެރިކަމުގަ އެވެ. އެމްޑީޕީގެ އެތެރޭގެ ބައިބައިވުންތަކުގެ ތެރެއިން ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން ވެސް އޭރުގެ ސަރުކާރުން ފައިސާ ޗާޕުކޮށް ކޮރަޕްޝަން ހިންގާ ކަމަށް ބުނެ އަޑުއުފުލިކަން ސައީދު ހަނދާންކޮށްދެއްވި އެވެ. އެހެންކަމުން އެ ސަރުކާރަށް ލިބުނު ބޮޑެތި ހިލޭ އެހީތަކާއެކު ވެސް ފައިސާ ޗާޕުކުރަން ޖެހުނު ސަބަބާއި، ގައުމުގެ މާލީ ހާލަތު ބަނަވީ ކީއްވެގެންތޯ ސުވާލުކުރަންވީ އެ ދެ ބޭފުޅުންނާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހަމައެއާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައިގަނޑު ސިޔާސަތަކީ މި ދަރަނިތަކުން އަރައިގަނެ އިގުތިސާދު ކޮޅަށް ޖެހުން ކަމަށް ވެސް އޭނާ ހާމަކުރެއްވި އެވެ.
މި ސަރުކާރުން ވެރިކަމަށް އައީ ޑޮލަރުގެ ކަޅުބާޒާރު ނައްތާލާނެ ކަމުގެ ޔަގީންކަމާއެކު ނަމަވެސް، ވެރިކަމަށް ދެ އަހަރުން މަތިވެ ތިން އަހަރާ ގާތްވަމުން އަންނައިރު ވެސް ޑޮލަރެއްގެ އަގު ހުރީ 20 ރުފިޔާއަށް ވުރެ މަތީގަ އެވެ. މިކަމުގެ ސަބަބުން ތަކެތީގެ އަގު އުފުލި، އާންމުން ދަނީ ބޮޑެތި ޝަކުވާތަކެއް ކުރަމުންނެވެ.
އިގުތިސާދީ ދާއިރާގެ ތަޖުރިބާކާރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ދާދިފަހުން ވިދާޅުވެފައި ވަނީ ކަޅުބާޒާރެއް އުފެދި ދެމިއޮތުމަކީ މިހާރު އޮތް ސަރުކާރު ފެއިލްވުމުގެ ހެެއްކެއް ކަމަށެވެ.
ހޮލީވުޑް: ޖުލައި މަހު ރިލީޒްކުރާ މަޝްހޫރު ފިލްމުތައް!
25 ޕަސެންޓް ފައިދާއާއެކު ޑޮލަރު އިންވެސްޓްކުރެވޭ ގޮތް ހަދައިފި