ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) ގެ އަމުރަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލާ މައްސަލަތަކަށް ހާއްސަ އިސްކަމެއް ދީގެން އަވަހަށް ނިންމަންޖެހޭ ގޮތަށް 'އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގުކުރުމުގެ އިޖުރާއަތުގެ ގަވާއިދު' އަށް މިއަދު އިސްލާހު ގެނެސްފި އެވެ.
މި ގަވާއިދަށް ޖުމްލަ ނުވަ އިސްލާހެއް ގެނެސްފައިވާއިރު، މީގެ ތެރޭގައި ބައެއް މާއްދާތަކަށް އަކުރުތައް އިތުރުކުރުމާއި، ބައެއް ބާބުތަކަށް ބަދަލު ގެނައުން ހިމެނެ އެވެ. މި އާ އިސްލާހުތަކަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ދެ މަސްދުވަހުގެ ފަހުންނެވެ. އަދި މި ބަދަލުތަކާ ގުޅިގެން ހަދަންޖެހޭ ތަހުގީގީ އުސޫލުތައް، އަމަލުކުރަން ފަށާތާ އެއް މަސްދުވަހުގެ ތެރޭގައި ނިންމަންވާނެ ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.
އަލަށް ގެނައި އިސްލާހުތަކުގެ ތެރޭގައި "ކޮމިޝަނުގެ މައްޗަށް އަންގާ އެންގުންތަކަށް އަމަލުކުރުން" މި ނަމުގައި އިތުރުކުރި އާ ބާބެއް ހިމެނެ އެވެ. މި ބާބުގެ ދަށުން، ޕީޖީން ވަކި މައްސަލައެއް ބަލަން އޭސީސީއަށް އަންގައިފިނަމަ، އެ މައްސަލައަކީ ކޮމިޝަނުގައި ކުރިން ރަޖިސްޓަރީވެފައި ނެތް މައްސަލައެއް ކަމުގައިވީ ނަމަވެސް، އެ މައްސަލަ ރަޖިސްޓަރީކޮށް ހާއްސަ އިސްކަމެއް ދީގެން އަވަހަށް ތަހުގީގު ނިންމަންޖެހޭނެ އެވެ.
މީގެ އިތުރުން، ޕީޖީން ވަކި މުއްދަތެއް ކަނޑަނާޅާ ނަމަ، އެފަދަ އެންގުންތަކަށް ރަސްމީ ބަންދު ނޫން 7 ދުވަހުގެ ތެރޭގައި ޖަވާބުދާރީވާން ޖެހެ އެވެ. އެ މުއްދަތުގެ ތެރޭގައި ޖަވާބު ނުދެވޭނަމަ، ސަބަބު ބަޔާންކޮށް އިތުރު 7 ދުވަހަށް އެދުމުގެ ފުރުސަތު ކޮމިޝަނަށް ލިބިގެންވެ އެވެ.
ގަވާއިދަށް ގެނައި އަނެއް ބަދަލަކީ މައްސަލަ ހުށަހެޅޭނެ ފަރާތްތަކުގެ ތެރޭގައި "ދައުލަތުގެ އިދާރާތައް" ހިމެނުމެވެ. މީގެ ކުރިން މި މާއްދާގައި އޮންނަނީ ހަމައެކަނި ޕްރޮސެކިއުޓާ ޖެނަރަލްގެ އެންގުމުގެ ދަށުން ކަމަށެވެ.
އޭސީސީއިން މިނިވަން ކަމާއެކު މައްސަލަ ނުބަލާ ކަމަށް ބުނެ ގިނަ ބަޔެއްގެ ފާޑުކިޔުން އަބަދުވެސް އަމާޒުވެއެވެ. އެގޮތުން ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތަކަށް އޭސީސީން ހަނު ތިބުމަކީ އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވާ އެއް ސަބަބުކަން ފާހަގަކޮށްލެވެ އެވެ.
ބޮއިކޮޓް ކުރިޔަސް ކާންޔޭގެ ކޮންސެޓު ކުރިއަށް!
ޖޯންގެ ހިތުގައި އީރާނަށް ހާއްސަ ގަދަރެއް ދެވިފައިވަނީ ކީއްވެ؟
ރައްދުގައި ކަމަށް ބުނެ އެމެރިކާއިން އީރާނަށް ހަމަލާ ދޭތާ 2 ދުވަސް