މާލޭ ވިޔަފާރި ބަނދަރު ބޭރު ޖެޓީގައި އަޅާފައި އޮތް އެމްޕީއެލްގެ ބާޖަކުން ރޭ ކަނޑަށް ވެއްޓުނު ކޮންޓެއިނަރުތަކުގެ ތެރެއިން ދެ ކޮންޓެއިނަރު ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މާލެ ސަރަހައްދަށް ކުރި ވިއްސާރައިގައި ބޯކޮށް ވާރޭވެހި ވައިގަދަވުމުގެ ސަބަބުން ހިނގި މި ހާދިސާގައި ޖުމްލަ ފަސް ކޮންޓެއިނަރެއް ވަނީ މޫދަށް ވެއްޓި އޮޔާ ގޮސްފަ އެވެ.
އެ ހާދިސާގެ ސަބަބުން ކަނޑުދަތުރުފަތުރު ކުރާ އުޅަނދުތަކަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެތީ، ފުލުހުންނާއި ކަމާބެހޭ އިދާރާތައް ގުޅިގެން ރޭއްސުރެ އަންނަނީ މި ތަކެތި ހޯދުމުގެ ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. އެގޮތުން އޮޔާ ދިޔަ ކޮންޓެއިނަރުތަކުގެ ތެރެއިން ދެ ކޮންޓެއިނަރެއް މިހާރު ފެނިފައިވީ ނަމަވެސް، ބާކީ ތިން ކޮންޓެއިނަރު ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ހުއްޓުމެއް ނެތި ކުރިއަށެވެ.
މި ކޮންޓެއިނަރުތައް އޮޔާދާނެ ކަމަށް ބެލެވެނީ ކ. ދޫނިދޫ އާއި ފޭދޫފިނޮޅާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދުން ކަމަށް ވާތީ، އެ ސަރަހައްދުން ދަތުރުކުރާ އޮޑިދޯނިފަހަރުން ދަތުރުފަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފަ އެވެ.
މި ހާދިސާގައި ކަނޑަށް ވެއްޓުނު ކޮންޓެއިނަރުތަކުގައި ހުރީ ކޮން ބާވަތެއްގެ މުދަލެއްކަން ކަމާބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ބީއެމްއެލްގެ ހައުސިން މަޝްރޫއަށް 710 ޔުނިޓް އިތުރުކުރަނީ
މާލޭގެ މަގުމަތީގައި ގޮދަޑިއެއް ބެހެއްޓި މީހަކު ހޯދަނީ