ހޮލީވުޑްގެ މަޝްހޫރު އެކްޝަން ތަރި ބްރޫސް ވިލިސްގެ ސިއްހީ ހާލަތާ ބެހޭ ގޮތުން މީޑިއާތަކުގައި ފެތުރެމުންދާ ހަގީގަތާ ހިލާފު ހަބަރުތަކަށް އޭނާގެ އަންހެނުން އެމާ ހެމިންގް ވިލިސް ވަރަށް ހޫނު ރައްދެއް ދީފި އެވެ.
ހަބަރުތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، އެމާ މިގޮތަށް ރައްދު ދިނީ "ބްރޫސްގެ ސިކުނޑި އެއްކޮށް މަސައްކަތް ކުރަން ހުއްޓާލައިފި" ކަމަށް ބުނެ ބައެއް ނޫސްތަކުން ލިޔެފައިވާ "ކްލިކްބެއިޓް" ނުވަތަ ފަލަ ސުރުހީތަކަކާ ގުޅިގެންނެވެ.
އިންސްޓަގްރާމް މެދުވެރިކޮށް ނެރުނު ވީޑިއޯ ބަޔާނެއްގައި އެމާ ބުނީ، މީޑިއާތަކުން މީހުންގެ ޝައުގުވެރިކަން ހޯދުމަށްޓަކައި ބޮޑެތި ދޮގު ސުރުޚީތައް ހަދަމުންދާ ކަމަށެވެ.
ހާއްސަކޮށް، އޭނާގެ ރަހުމަތްތެރިއަކު ފޮނުވި ލިޔުމެއްގައި ބްރޫސްގެ ސިއްހީ ހާލަތާ ބެހޭގޮތުން ހަގީގަތް އޮޅޭ ގޮތަށް ލިޔެފައި ހުރުމުން އޭނާ ވަރަށް ބޮޑަށް ދެރަވި ކަމަށް ބުންޏެވެ.
"އަހަރެން ބުނަން ބޭނުންވަނީ މިއީ ކަނޑައެޅިގެން ދޮގެކޭ. މިފަދަ ބަލިތަކުގައި އުޅޭ މީހުންނަށް މީޑިއާތަކުން މި ކުރަނީ ވަރަށް ބޮޑު އިހާނެތިކަމެއް. އެމީހުންގެ ދިރިއުޅުމުގައި އެއްވެސް އުންމީދެއް، ނުވަތަ ލޯތްބާއި އުފާވެރިކަމެއް ނެތް ކަމަށް ދައްކަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" އެމާ ބުންޏެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި ބްރޫސްއަށް ޖެހިފައިވާ ބައްޔަކީ އާއިލާއަށް ލިބުނު ބޮޑު ހިތާމައެއް ނަމަވެސް އެ ބަލީގެ ތެރެއިން ވެސް އެ މީހުންގެ ދިރިއުޅުމުގައި އާ ބާބެއް ފެށި، އެކަކު އަނެކަކަށް އޮތް ލޯތްބާއި ގުޅުން ވަނީ ކުރިއަށްވުރެ ވަރުގަދަވެފަ އެވެ.
މީގެ ހަތަރު އަހަރު ކުރިން، 2022 ވަނަ އަހަރު ބްރޫސް ވިލިސް ފިލްމީ ދާއިރާއިން ރިޓަޔާކުރީ ވާހަކަ ދެއްކުމަށް ހުރަސްއަޅާ ބައްޔެއް ކަމަށްވާ "އެފޭސިއާ" ތަހައްމަލު ކުރަމުން ދާތީ އެވެ. އޭގެ ފަހުން 2023 ވަނަ އަހަރުގެ ކުރީކޮޅު އާއިލާއިން ވަނީ އޭނާއަށް "ފްރަންޓޯޓެމްޕޯރަލް ޑިމެންޝިއާ" ޖެހިފައިވާކަން ރަސްމީކޮށް ހާމަކޮށްފަ އެވެ.
މިއީ ސިކުނޑީގެ ކުރިމައްޗާއި އަރިމަތީގެ ސެލްތަކަށް ލިބޭ ގެއްލުމެއްގެ ސަބަބުން، މީހާގެ މިޒާޖަށާއި، އުޅުމަށާއި، އަދި ބަސްމަގަށް ބޮޑެތި ބަދަލުތަކެއް އަންނަ މަދުން ނޫނީ ނުފެންނަ ބައްޔެކެވެ.
ބްރޫސްގެ ކުރީގެ އަންހެނުން ޑެމީ މޯރް އާއި އޭނާގެ ހުރިހާ ދަރިން ވެސް އަންނަނީ އެމާއާއެކު ބްރޫސްގެ ސިއްހީ ދަތުރުގައި ވަރަށް ބޮޑު އެހީތެރިކަމެއް ވަމުންނެވެ.
މަރަދޫފޭދޫގައި ހިންގާ ޑްރަގް ކެފޭއެއް ބަންދުކުރަން އަމުރެއް
އުރުގުއޭ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން
މައިންބަފައިން ކާމޭޒު ދޮށުގައި މާ ގިނައިން ފޯނު ބޭނުންކުރޭ!