ހޮރްމުޒް ކަނޑުއޮޅިން މުދާ އުފުލާ އުޅަނދުފަހަރަށް އަލުން ދަތުރުކުރެވޭނެ ގޮތަށް އީރާނާއެކު ސުލްހައިގެ އެއްބަސްވުމެއްގައި މި ހަފުތާ ބަންދުގައި ސޮއިކުރެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.

މި އެއްބަސްވުމަކީ ފާއިތުވި ތިން މަސްދުވަހު ހިނގަމުންދިޔަ ހަނގުރާމަ ހުއްޓާލުމަށް ލިބޭނެ އެންމެ ބޮޑު ސިޔާސީ ކުރިއެރުމެވެ. މި ހަނގުރާމައިގައި މިހާތަނަށް އެތައް ހާސް ބަޔަކު މަރުވެފައިވާއިރު، ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފަ އެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނާއެކު ކުރަމުންދާ ހަނގުރާމަ ނިންމުމަށް ވަރަށް ރަނގަޅު ހައްލެއް ހޯދިފައިވާ ކަމަށެވެ.

"އެއްބަސްވުމުގައި ސޮއިކުރިހާ އަވަހަކަށް ކަނޑުއޮޅި ރަސްމީކޮށް ހުޅުވާލެވޭނެ. އެއީ ވަރަށް އަވަހަށް، ފަހަރުގައި މި ހަފުތާ ބަންދުގައި ވިލާތުގެ ގައުމެއްގައި ހިނގާނެ ކަމެއް،" ޓްރަމްޕް ވިދާޅުވި އެވެ. އަދި އެމެރިކާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާނީ ނައިބު ރައީސް ޖޭޑީ ވެންސް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އީރާނުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ހާމަނާއީ މި އެއްބަސްވުމަށް ރުހުން ދެއްވާފައިވޭތޯ ސުވާލުކުރުމުން، ޓްރަމްޕް ވިދާޅުވީ އޭނާއަށް އެނގިފައިވާ ގޮތުގައި އެކަމުގެ ޖަވާބަކީ 'އާނއެކޭ' ކަމަށެވެ.

ޓްރަމްޕް މިކަން އިއުލާނުކުރެއްވީ، މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބެމުންދާތީ، އީރާނަށް ދިނުމަށް ރާވާފައިވާ އަސްކަރީ ހަމަލާތަކެއް މަޑުޖައްސާލުމަށް ފަހުގަ އެވެ.

މާޗު މަހުގެ މެދުތެރެއިން ފެށިގެން ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ހަނގުރާމަ ހުއްޓާލުމަށް އީރާނާއެކު އެއްބަސްވުމަކާ ގާތްވެފައިވާ ކަމަށެވެ. ނަމަވެސް، މިދިޔަ ހަފުތާގެ ތެރޭގައި ދެ ފަރާތުން ބަދަލުކުރި ހަމަލާތަކުގެ ސަބަބުން، އޭޕްރީލް މަހު އިއުލާނުކުރި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް ވަނީ ބުރޫއަރާފަ އެވެ.

ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، ކޮންމެ ސުލްހައިގެ އެއްބަސްވުމެއްގައި ވެސް އީރާނަށް ނިއުކްލިއާ ހަތިޔާރެއް ނުއުފެއްދޭނެކަން ކަށަވަރުކުރަންވާނެ ކަމަށެވެ.

އީރާނުގެ ޝަރުތުތަކުގެ ތެރޭގައި ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ހިފަހައްޓާފައިވާ ބިލިއަނުން ގުނޭ ފައިސާ ދޫކުރުމުގެ އިތުރުން، ހޮރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނަށް އޮންނާނެކަން ބަލައިގަތުން ހިމެނެ އެވެ.

އީރާނުގެ ފާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ތެހެރާނުން މި އެއްބަސްވުމަށް ރުހުން ދިނުން ގާތެވެ. ނަމަވެސް، ރަސްމީ ޖަވާބެއް އަދި ދީފައެއް ނުވެއެވެ.

އެހެންނަމަވެސް، އިރްނާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބާގާއީ ވިދާޅުވީ އެމެރިކާއާއެކު ވެވިދާނެ އެއްބަސްވުމަކާ މެދު ތެހެރާނުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

މީގެ އިތުރުން، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނެފައިވަނީ ބުރާސްފަތި ދުވަހު ޓްރަމްޕާއި ނަތަންޔާހޫ ފޯނުން ވާހަކަދެއްކެވި ކަމަށެވެ.

ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޒްރޭލަކީ މި އެއްބަސްވުމުގެ ބައިވެރިއެއް ނޫން ކަމަށެވެ. ނަމަވެސް، ފުރިހަމަ ސުލްހައިގެ އެއްބަސްވުމެއްގައި ނިއުކްލިއާ މާއްދާތަކުގެ މައްސަލައަށް ހައްލެއް ހޯދުމަށް ޓްރަމްޕް ކުރައްވާ މަސައްކަތްޕުޅަށް ނަތަންޔާހޫ ޝުކުރު އަދާކުރެއްވި ކަމަށް އެ ބަޔާނުގައިވެއެވެ.

އަދި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާ ވެސް ވަރަށް އަވަހަށް ވާހަކަދައްކަވާނެ ކަމަށް ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވި އެވެ.

މި ޚަބަރާއެކު އެމެރިކާގެ ހިއްސާގެ ބާޒާރު އުފުލި، ތެލުގެ އަގު ވަނީ ދަށްވެފަ އެވެ.

ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ވައިގެ ހަމަލާތައް ދޭން ފެށި ފަހުން ހިނގަމުންދާ މި ހަނގުރާމައިގައި، މައިގަނޑު ގޮތެއްގައި އީރާނާއި ލުބުނާނުން އެތައް ހާސް ބަޔަކު ވަނީ މަރުވެފަ އެވެ. އަދި މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.