ހޮރްމޫޒް ކަނޑުއޮޅި ކައިރީގައިވާ އީރާނުގެ އަމާޒުތަކަށް ހަމަލާދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރުކުރެއްވުމާ ގުޅިގެން، އީރާނުން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާއިން އީރާނަށް ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، އުރުދުން، ކުވައިތު އަދި ބަހްރޭންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބުދަ ދުވަހު ވަނީ މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފަ އެވެ.
މި ކުރިމަތިލުންތައް ފެށުނީ، ހޮރްމޫޒް ކަނޑުއޮޅި ކައިރިން އެމެރިކާގެ އަޕާޗޭ ހެލިކޮޕްޓަރެއް އީރާނުން ވައްޓާލާފައިވާ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވުމާ ގުޅިގެންނެވެ. މިއީ މިދިޔަ އޭޕްރީލް މަހު ދެ ގައުމުގެ ދެމެދުގައި ހަމަލާބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވި ފަހުން ހިނގި އެންމެ ނުރައްކާތެރި ކުރިމަތިލުމެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، އެ ގައުމުން އަމާޒުކުރީ އީރާނުގެ ވައިގެ ދިފާއީ ނިޒާމުތަކަށާއި، ގްރައުންޑް ކޮންޓްރޯލް ސްޓޭޝަންތަކުގެ އިތުރުން ރޭޑާ ސައިޓްތަކަށެވެ. މިއީ ހެލިކޮޕްޓަރު ވައްޓާލުމާ ގުޅިގެން ދިން ރައްދެއް ކަމަށް އެމެރިކާއިން ސިފަކުރެ އެވެ. ވައްޓާލި ހެލިކޮޕްޓަރުގައި ތިބި ދެ ފަޅުވެރިން ވަނީ ސަލާމަތްކުރެވިފަ އެވެ.
ފެބްރުއަރީ 28 ގައި އެމެރިކާއާއި އިޒްރޭލުން ގުޅިގެން އީރާނަށް ދިން ހަމަލާތަކާއެކު ފެށުނު މި ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ އުންމީދުތަކަށް މި ހަމަލާތަކުގެ ސަބަބުން ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ. އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވީ، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ އެމެރިކާއިން ތަކުރާރުކޮށް ހިލާފުވަމުންދާތީ، އެމެރިކާއާއެކު ބާއްވާ ހާރިޖީ ގުޅުންތަކާ މެދު އީރާނުން އަލުން ވިސްނާނެ ކަމަށެވެ.
އެމެރިކާގެ ހަމަލާތައް ގާތްގަނޑަކަށް ހަތަރު ގަޑިއިރަށް ދެމިގެންދިޔައިރު، އީރާނުގެ 20 އަށްވުރެ ގިނަ ތަނަކަށް ހަމަލާދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ ތެރޭގައި ގިޝްމް އައިލެންޑާއި ސިރިކް ބަނދަރު ހިމެނެއެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރްޖީސީ) އިން ބުނި ގޮތުގައި، ޖޯޑަންގައި ހުރި އެމެރިކާގެ އަލް-އަޒްރަގް ބޭސްގެ ހަތަރު ސަރަހައްދަކަށް ވަނީ ދުރު ރާސްތާ މިސައިލް ހަމަލާ ދީފަ އެވެ. އޭގެ ތެރޭގައި އެފް-35 ފައިޓާ ޖެޓްތައް ބަހައްޓާ ތަންތަނާއި ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރު ހިމެނެއެވެ. އަދި އެމެރިކާއިން އިތުރު ހަމަލާއެއް ދީފިނަމަ، ވަރުގަދަ ރައްދެއް ދޭން ތައްޔާރަށް އޮތް ކަމަށް ވެސް އީރާނުން ބުނެފައިވެއެވެ.
ނަމަވެސް، އެމެރިކާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އިބްތިދާއީ ވަޒަންކުރުންތަކުން ދައްކަނީ އީރާނުން ފޮނުވާލި ހުރިހާ މިސައިލްތަކާއި ޑްރޯންތައް ކަހަލަ ގޮތަކަށް ހުއްޓުވާފައިވާ ކަމަށެވެ. އަދި އެމެރިކާގެ އެއްވެސް މުވައްޒަފަކަށް އަނިޔާވި ކަމުގެ ނުވަތަ އެމެރިކާގެ މަރުކަޒަކަށް ގެއްލުންވި ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވިޗއެވެ. ޕެންޓަގަނުން މިކަމާ ގުޅޭގޮތުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.
ޖޯޑަންގެ އަސްކަރިއްޔާއިން ބުނީ އީރާނުން އަލް-އަޒްރަގްއާ ދިމާލަށް ފޮނުވާލި ފަސް މިސައިލެއް ހުއްޓުވައި ވައްޓާލާފައިވާ ކަމަށާއި، އޭގެ ބައިތައް ވެއްޓުމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.
ކުވައިތުގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި އެ ގައުމުގެ ވައިގެ ސަރަހައްދުން ދުޝްމަނުންގެ ހަމަލާތަކެއް ވަނީ ހުއްޓުވާފަ އެވެ. އަދި ބަހްރޭންގެ ރަސްގެފާނުގެ މީޑިއާ އެޑްވައިޒަރަކު އެކްސްގައި ވިދާޅުވީ، ބަހްރޭންގެ ވައިގެ ދިފާއީ ނިޒާމުން އީރާނުގެ ހަމަލާތައް ނާކާމިޔާބު ކޮށްލާފައިވާ ކަމަށެވެ. ކުވައިތަކީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ބޮޑު އެއާބޭސްއެއް ހުންނަ ގައުމެކެވެ. އަދި ބަހްރޭނަކީ އެމެރިކާގެ ކަނޑުގެ ސިފައިންގެ ސަރަހައްދީ ފްލީޓްގެ މައި މަރުކަޒު ހުންނަ ގައުމެވެ.
މި ކުރިމަތިލުންތަކާ ގުޅިގެން އޭޝިއާގެ ހިއްސާގެ ބާޒާރު ދައްވެ، ތެލުގެ އަގު ވަނީ އުފުލިފަ އެވެ. ނަމަވެސް، މީގެ ކުރިން ގަލްފު ސަރަހައްދުގައި ހިނގާފައިވާ މިފަދަ ހަމަނުޖެހުންތަކާ އަޅާބަލާއިރު، ބާޒާރަށް އައި ބަދަލުތައް ނިސްބަތުން ކުޑަކަން ފާހަގަކުރެވެއެވެ.
އީރާނުން އެމެރިކާގެ ވަރުގަދަ އަސްކަރީ ހެލިކޮޕްޓަރެއް ވައްޓާލައިފި
ކޮފީ ބުއިމުން ހާސްކަން އިތުރުވަނީ ކީއްވެ؟
ޝަމްއާންގެ މައްސަލާގައި ކަން ހިނގިގޮތް ސާފުކޮށްދޭން އަންގައިފި