ހޮރްމޫޒް ކަނޑުއޮޅި މަތިން ދަތުރުކުރަމުންދިޔަ، އެމެރިކާގެ އެންމެ ޒަމާނީ އަދި ވަރުގަދަ "އެޕާޗޭ" މަރުކާގެ ހަމަލާދޭ ހެލިކޮޕްޓަރެއް އީރާނުން ވައްޓާލާފައިވާ ކަމަށް އެމެރިކާއިން ބުނެފި އެވެ.
މިއީ އީރާނުގެ ވައިގެ ދިފާއީ ބާރު ކެނޑިފައިވާ ކަމަށް ޓްރަމްޕް ކުރިން ވިދާޅުވަމުން ގެންދެވި ވާހަކަފުޅުތަކާ ދެކޮޅަށް، އެގައުމުގެ އަސްކަރީ ގާބިލުކަން އަދިވެސް ހުރިކަން ހާމަވެގެންދިޔަ ކަމެކެވެ.
ހެލިކޮޕްޓަރު ވައްޓާލިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. ސޯޝަލް މީޑިއާގައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅި ބަލަހައްޓަމުންދިޔަ އެމެރިކާގެ އެންމެ ފެންވަރުމަތީ އެޕާޗޭ ހެލިކޮޕްޓަރެއް ރޭގެ ވަގުތެއްގައި އީރާނުން ވައްޓާލާފައިވާ ކަމުގެ މައުލޫމާތު އަސްކަރިއްޔާއިން ދީފައިވާ ކަމަށެވެ. އަދި މި ހާދިސާ ހިނގިއިރު އޭގައި ތިބި ދެ ޕައިލެޓުންގެ ހާލު ރަނގަޅު ކަމަށާއި، އެމީހުންނަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް، މި އަމަލަށް އެމެރިކާއިން ހަރުކަށި ރައްދުދޭންޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
މި ޕޯސްޓް ކުރެއްވުމުގެ ކުޑަވަގުތުކޮޅެއް ކުރިން ޓްރަމްޕް ވިދާޅުވީ ދެތިން ދުވަހެއްގެ ތެރޭގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވޭނެ ކަމަށެވެ. މީގެ ކުރިން ވެސް އެތައް ފަހަރަކު އޭނާ މިފަދަ ވާހަކަފުޅުތައް ދެއްކެވި ނަމަވެސް، އަމަލީ ގޮތުން އެކަމުގެ އެއްވެސް ނަތީޖާއެއް މިހާތަނަށް ފެނިފައެއް ނުވެއެވެ.
ޓްރަމްޕްގެ އިންޒާރާއެކު އެމެރިކާއިން ވަނީ އީރާނަށް ރައްދު ހަމަލާތަކެއް ފޮނުވާލާފަ އެވެ. ހޮރްމޫޒް ކަނޑުއޮޅީގައި އޮންނަ ގެޝްމް ރަށަށް ހަމަލާތަކެއް ދީފައިވާ ކަމަށާއި، އެ ކަނޑުއޮޅީގެ ބަނދަރު ސިޓީއެއް ކަމަށްވާ ސިރީކަށް ހަމަލާއެއް އަރާފައިވާކަން ކަށަވަރުވެފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެ ސަރަހައްދުގެ ވަސީލަތްތަކާއި އާންމުންނާ ހަވާލާދީ އީރާނުގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި، ބަންދަރު އައްބާސް އާއި ހޮރްމޫޒް ކަނޑުއޮޅީގެ ދޮރުމަތީގައި އޮންނަ ޖާސްކް ސަރަހައްދުން ވެސް ގޮވުމުގެ ބާރު އަޑުތައް ވަނީ އިވިފަ އެވެ.
މި ހަމަލާތަކާ ގުޅިގެން އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ގައުމަށް އަމާޒުވާ އެއްވެސް ހަމަލާއެއް ނުވަތަ އިންޒާރެއް ރައްދު ދިނުމަކާ ނުލައި ދޫކޮށްނުލާނެ ކަމަށެވެ.
އީރާނާއި އެމެރިކާއާ ދެމެދު އޮތް ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް މިފަދަ ހަމަލާތަކުގެ ސަބަބުން ވަނީ ބުރޫއަރާފަ އެވެ. އިޒްރޭލާއި އީރާނާ ދެމެދު ކުރިއަށްދިޔަ ހަމަލާ ބަދަލުކުރުންތައް ހުއްޓުވުމަށް މީގެ ކުޑަދުވަސްކޮޅެއް ކުރިން ޓްރަމްޕް މެދުވެރިއެއްގެ ދައުރު އަދާކުރައްވާފައިވީ ނަމަވެސް، އީރާނަށް އަލުން ހަމަލާދޭން ފެށުމަކީ އޭނާގެ ސިޔާސަތަށް އަންނާނެ ބޮޑު ބަދަލެކެވެ.
ފަހަކަށް އައިސް ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތަކުގެ ސަބަބުން، އީރާނުގެ އަސްކަރިއްޔާ ނެތިގޮސްފި ކަމަށް ވިދާޅުވެ ޓްރަމްޕް ތަކުރާރުކޮށް ދައްކަވަމުން ގެންދެވި ވާހަކަފުޅުތަކުގެ އިތުބާރު ވަނީ ގެއްލިފަ އެވެ. ނިމިދިޔަ އޭޕްރީލް މަހު ޓްރަމްޕް ވިދާޅުވެފައިވަނީ އީރާނުގެ ކަނޑުގެ ސިފައިންނާއި، ވައިގެ ސިފައިންނާއި، މިސައިލްގެ ގާބިލުކަން މުޅިންހެން ހުސްވެ ނެތިގޮސްފައިވާ ކަމަށެވެ.
ނަމަވެސް، ލުބުނާނުގެ ބައިރޫތަށް އިޒްރޭލުން ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން މި ހަފުތާގައި އީރާނުން ވަނީ އިޒްރޭލުގެ އުތުރަށް މިސައިލް ހަމަލާތަކެއް ފޮނުވާލާފަ އެވެ. މީގެ އިތުރުން، މިދިޔަ ހަފުތާގައި އެމެރިކާއިން ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ކުވެއިތާއި ބަހްރޭނުގައި ހުރި އެމެރިކާގެ ބޭސްތަކަށް ވެސް އީރާނުން ވަނީ ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފަ އެވެ.
އީރާނުގެ ވައިގެ ދިފާއީ ނިޒާމު މުޅިން ހަލާކުކޮށްލާފައިވާ ކަމަށާއި، އެމީހުންގެ ރާޑާރުތައް 100 އިންސައްތަ ނައްތާލާފައިވާ ކަމަށް އޭޕްރީލް މަހު ޓްރަމްޕް ވިދާޅުވި ނަމަވެސް، އެމެރިކާގެ އެންމެ ޒަމާނީ ހެލިކޮޕްޓަރެއް ވައްޓާލުމަކީ އެ ވާހަކަފުޅުތަކާ ދިމާނުވާ ކަމެކެވެ.
އާންމު އަސްކަރީ ގާބިލުކަމަށް ބަލާއިރު އެމެރިކާ އީރާނަށްވުރެ މާ ވަރުގަދަ ނަމަވެސް، އީރާނުން ދަނީ އެގައުމުގެ ވައިގެ ސަރަހައްދުގައި އެމެރިކާއަށް އޮތް މިނިވަންކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރަމުންނެވެ.
އެގޮތުން، މިދިޔަ އޭޕްރީލް މަހު އީރާނުން ވަނީ އެމެރިކާގެ "އެފް-15 އީ" މަރުކާގެ ހަނގުރާމަމަތީ ބޯޓެއް ވައްޓާލާފަ އެވެ. އެ ހާދިސާގައި ވައްޓާލި ބޯޓުގެ ފަޅުވެރިން އީރާނުގެ ބެލުމުގެ ދަށަށް ދިޔަ ނުދިނުމަށްޓަކައި އެމެރިކާއިން ބޮޑު ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ހިންގަން ޖެހުނެވެ. މީގެ އިތުރުން، އެމެރިކާގެ "އެމް.ކިއު-9 ރީޕާ" މަރުކާގެ ގާތްގަނޑަކަށް 30 ޑްރޯން ވެސް އީރާނުން މިހާތަނަށް ވަނީ ވައްޓާލާފަ އެވެ.
ހިތަދޫ އެކްސިޑެންޓްގައި އަނިޔާވި މީހާ ނިޔާވެއްޖެ
ޕްލާސްޓިކް ސާޖަރީގެ އަޑުތަކަށް މޯނީ ދިން ރައްދު!
މަގާމު ދިންތާ ގިނައިރުތަކެއް ނުވެ އާދަމް ނަސީރު އިސްތިއުފާދީފި