އީރާނުގެ މަސްރަހު އިތުރަށް ގޯސް ނުކުރަން ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އިންޒާރު ދެއްވައިފި އެވެ.

އިޒްރޭލުގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވި ގޮތުގައި، އޭނާ ވަނީ ނަތަންޔާހޫއަށް ވަރަށް ސާފުކޮށް އިންޒާރު ދެއްވާފަ އެވެ. "ތިކަމުގައި ސަމާލުވާންޖެހޭނެ. އެހެން ނޫންނަމަ ވަރަށް އަވަހަށް ތިކަންކަމާ އަމިއްލައަށް ކުރިމަތިލާން ޖެހިދާނެ،" ޓްރަމްޕް ނަތަންޔާހޫއާ ދިމާލަށް ވިދާޅުވެފައިވާނެ ކަމަށް އެ އިންޓަވިއުގައި ހާމަކުރެއްވި އެވެ.

ނަތަންޔާހޫގެ އަމަލުތަކާ މެދު ހިތްޕުޅުހަމަޖެހިވަޑައިނުގެން ހުންނެވި ޓްރަމްޕް ވަނީ، ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އީރާނަށާއި އިޒްރޭލަށް ބާރުއަޅުއްވާފަ އެވެ. އަދި ސުލްހައިގެ އެންމެ ފަހުގެ މަޝްވަރާތައް ކުރިއަށް ގެންދެވޭނީ ޖާހިލުކަމާއި މޮޔަކަން އެކަމަށް ހުރަހަކަށް ނުވާ ނަމަ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

ނަމަވެސް، އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ދެއްވި ބަޔާނެއްގައި ވިދާޅުވީ، އަމިއްލަ ނަފްސުގެ ދިފާއުގައި ފިޔަވަޅު އެޅުމުގެ ފުރިހަމަ ހައްގު އިޒްރޭލަށް އޮތް ކަމަށާއި، އެ ހައްގުގެ ބޭނުން ހިފަމުންދާނެ ކަމަށް ޓްރަމްޕް އަރިހު ދަންނަވާފައިވާނެ ކަމަށެވެ.

މީގެ އިތުރުން، މި ފަހުން ޓްރަމްޕް ވަނީ ނަތަންޔާހޫއަށް ގުޅުއްވައި ނަތަންޔާހޫއަކީ "މޮޔައެއް" ކަމަށް ސިފަކުރައްވައި، އޭނާގެ ކިބައިގައި ޝުކުރުވެރިވުމުގެ ސިފައެއް ނެތް ކަމަށް ވިދާޅުވެ ވަރަށް ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކުރައްވާފަ އެވެ.