އީރާނާއެކު ސުލްހައިގެ އެއްބަސްވުމެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކުރައްވާނީ އެމަނިކުފާނު ހުށަހަޅުއްވާފައިވާ ހުރިހާ ޝަރުތުތަކެއް ފުރިހަމަވުމުން ކަމަށް ވައިޓް ހައުސްގެ އޮފިޝަލަކު އޭއެފްޕީއަށް މައުލޫމާތު ދީފި އެވެ. މި ވާހަކަތައް އައިސްފައިވަނީ ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ކުރެވެމުންދާ މަޝްވަރާތަކުގެ ހާލަތާ މެދު ސުވާލުތައް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.

އެއްބަސްވުމަކާ ގުޅޭގޮތުން ވަކި ގޮތެއް ނިންމެވުމާ ރައީސް ޓްރަމްޕް ގާތްވެފައިވާ ކަމަށް ވައިޓް ހައުސްއިން ކުރިން އިޝާރާތް ކުރި ނަމަވެސް، ތެހެރާނުން ބުނަމުންދަނީ މެދުއިރުމަތީގެ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް އަދިވެސް ފަހުގެ އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށެވެ.

އީރާނުގެ ފާސް ނިއުސް އެޖެންސީގެ ރިޕޯޓެއްގައި، ޓްރަމްޕް އެއްބަސްވުމާ ބެހޭގޮތުން ދެއްކެވި ވާހަކަފުޅުތަކުގެ މުހިންމު ބައިތަކެއް ދޮގުކޮށްފައިވެއެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ ޓްރަމްޕްގެ ވާހަކަފުޅުތަކަކީ ހަގީގަތާއި ދޮގު އެކުލެވޭ ވާހަކަތަކެއް ކަމަށެވެ.

އެމެރިކާގެ ބައެއް އޮފިޝަލުން އޭއެފްޕީއަށް ބުނެފައިވާ ގޮތުގައި، މުޅި މެދުއިރުމައްޗަށް ފެތުރި، ދުނިޔޭގެ އިގްތިސާދަށް ލޮޅުން އަރުވާފައިވާ މި ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް ކުރެވޭ މަޝްވަރާތައް ނިމި، މިހާރު އޮތީ ހަމައެކަނި ރައީސް ޓްރަމްޕްގެ ހުއްދައަށް މަޑުކޮށްގެންނެވެ. މެއި 29 ވަނަ ދުވަހު ވައިޓް ހައުސްގެ ސިޗުއޭޝަން ރޫމްގައި ބޭއްވުނު ދެ ގަޑިއިރުގެ ބައްދަލުވުމުގައި ޓްރަމްޕް ބައިވެރިވެވަޑައިގެންނެވި ނަމަވެސް، އެއްބަސްވުމާ މެދު ވަކި ގޮތެއް ނުނިންމަވައެވެ.

"ރައީސް ޓްރަމްޕް އެއްބަސްވުމެއްގައި ސޮއިކުރައްވާނީ އެމެރިކާއަށް ފައިދާހުރި އަދި އެމަނިކުފާނު ކަނޑައަޅުއްވާފައިވާ ރެޑްލައިންތަކަށް ފެތޭނަމަ އެކަނި،" ވައިޓް ހައުސްގެ އޮފިޝަލް ބުނެފައިވެއެވެ. އަދި އީރާނަށް ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރު އުފައްދަން ޖާގަ ނުދެވޭނެކަމަށްވެސް އޭނާ ބުންޏެވެ އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ދިގު ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނުން ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރު ނުއުފެއްދުމަށާއި، ކަނޑުގެ ދަތުރުފަތުރަށް މުހިންމު ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް ޝަރުތުކުރައްވާ ކަމަށެވެ. ނަމަވެސް އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވީ، "މަޖުބޫރުކުރުވުމުގެ ބަހުރުވަ" އަށް އީރާނުން މީގެ 47 އަހަރު ކުރިން އަލްވަދާއު ކިޔާފައިވާ ކަމަށެވެ.

މެސެޖުތައް ބަދަލުކުރުން ކުރިއަށް ދިޔަ ނަމަވެސް، އަދި އެއްވެސް ފަހުގެ އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށް އޭނާ ބުންޏެވެ. އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ގަތަރުގެ އަމީރަށް ގުޅުއްވައި ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމަށްޓަކައި ހަރުދަނާ އޮނިގަނޑެއްގެ ތެރެއިން މަސައްކަތް ކުރަން އީރާނުން ތައްޔާރަށް އޮތް ކަމަށެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި، އީރާނުން ހޮރްމުޒް ކަނޑުއޮޅީގައިވާ މައިންތައް ނަގައި، އެ ސަރަހައްދު ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނާނެއެވެ. އަދި އޭގެ ބަދަލުގައި އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ހުރަސްތައް ނައްތާލާނެއެވެ. ނަމަވެސް، އީރާނުގެ އޮފިޝަލަކާ ހަވާލާދީ ފާސް އެޖެންސީން ބުނެފައިވަނީ، އީރާނުން ބޭނުންވަނީ ހިފަހައްޓާފައިވާ 12 ބިލިއަން ޑޮލަރު ވަގުތުން ދޫކޮށްލުމަށެވެ. އަދި އެ ފައިސާ ނުލިބެނީސް މަޝްވަރާގެ ދެން އޮތް މަރުހަލާއަށް އީރާނުން ނުދާނެއެވެ.

މީގެ އިތުރުން، އީރާނުގެ ނިއުކްލިއާ މާއްދާތައް ނައްތާލުމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް އީރާނުން ބުނެއެވެ. އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވީ، އެމެރިކާއިން އުފުލަމުންދާ އިންސާފެއް ނެތް މާބޮޑެތި ޝަރުތުތަކާއި ދެކޮޅުނުޖެހޭ ސިޔާސަތުތައް ދޫކޮށްލަންޖެހޭ ކަމަށެވެ.

އީރާނުގެ ޕާލަމަންޓުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް ވިދާޅުވި ގޮތުގައި، އީރާނުން އިތުބާރު ކުރާނީ ހަމައެކަނި އަމަލީ ގޮތުން ފެންނަ ކަންކަމަށެވެ. އަދި ޓްރަމްޕް އަމިއްލަފުޅަށް އިއުލާނުކުރައްވާ އެއްވެސް އެއްބަސްވުމެއް އީރާނުން ބަލައިނުގަންނާނެ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ހޮރްމުޒް ކަނޑުއޮޅީގެ މަސްލަހަތާ ގުޅިގެން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ލޮޅުންތަކެއް އަރަމުންދާއިރު، އެމެރިކާއާއި އީރާނުން ދަނީ އެއްބަޔަކު އަނެއްބަޔަކަށް ހަމަލާދީ، އެއްބަސްވުންތަކާ ހިލާފުވާ ކަމަށް ތުހުމަތު ކުރަމުންނެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 24 އުޅަނދެއް ކަނޑުއޮޅި ހުރަސްކޮށްފައިވީ ނަމަވެސް، ދުޝްމަން ގައުމުތަކުގެ އުޅަނދުތަކަށް ހަރުކަށި ރައްދުދޭނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.