ހައްޖުގެ އެންމެ މުހިންމު އެއް ރުކުން ކަމުގައިވާ އަރަފާތް ދުވަހުގެ ހުތުބާ ދެއްވުމަށް މަސްޖިދުއްނަބަވީގެ މަޝްހޫރު އިމާމު ފަޟީލަތުއްޝައިޚް އަލީ ބިން އަބްދުއްރަހްމާން އަލްހުޒައިފީ އައްޔަންކުރައްވާފައިވާއިރު، އެ ދުވަހާ ގުޅިގެން އަންނަ އަޟްޙާ އީދު ނަމާދުގެ އިމާމުކަން މަދީނާގެ މަސްޖިދުއްނަބަވީގައި ކުރައްވާނީ ޝައިޚް އަލީ ހުޒައިފީގެ ދަރިކަލުން، ފަޟީލަތުއްޝައިޚް އަހްމަދު ބިން އަލީ އަލްހުޒައިފީ އެވެ.
މިއީ މިފަދަ މުހިންމު ދެ ދީނީ މަޤާމަކަށް އެއް އާއިލާއެއްގެ ބައްޕަ އާއި ދަރިކަލުން ހަމަޖެއްސެވި ހާއްސަ ފަހަރެކެވެ.
ޝައިޚް އަލީ ހުޒައިފީ އަކީ 1399 (1979) ވަނަ އަހަރުން ފެށިގެން މަސްޖިދުއްނަބަވީގެ އިމާމެއްގެ ގޮތުގައި ހިދުމަތް ކުރައްވަމުން ގެންދަވާ، ދުނިޔޭގެ އިހްތިރާމް ލިބިވަޑައިގެންފައިވާ ބޮޑު އިލްމުވެރިއެކެވެ. އެމަނިކުފާނަކީ އިސްލާމީ ފިޤުހާއި ޝަރުއީ ސިޔާސަތުގެ ދާއިރާއިން ޑޮކްޓަރޭޓް ހާސިލުކުރައްވައި، ކީރިތި ޤުރުއާން ކިޔެވުމުގެ ދިހަ ރިވާޔަތުން އިޖާޒާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި މަސްޖިދުއްނަބަވީ މުޞްހަފް ރިވިއުކުރާ ކޮމިޓީގެ ރައީސްގެ މަޤާމުވެސް އެމަނިކުފާނު ފުރުއްވަ އެވެ.
އީދު ނަމާދު އިމާމުވެ ކުރައްވާ ޝައިޚް އަހްމަދު އަލްހުޒައިފީ އަކީވެސް ތައުލީމީ ގޮތުން މަތީ ދަރަޖަތައް ހާސިލުކުރައްވައި، މަސްޖިދުލް ގުބާގެ އިމާމުކަން ކުރެއްވުމަށްފަހު 1441 ވަނަ އަހަރުން ފެށިގެން މަސްޖިދުއްނަބަވީގެ ރަސްމީ އިމާމެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ބޭފުޅެކެވެ.
އަރަފާތް ދުވަހުގެ ހުތުބާ ދުނިޔޭގެ އެކި ބަސްބަހުން ވަގުތުން ތަރުޖަމާކޮށް، އެތައް މިލިއަން މުސްލިމުންނަށް އަޑުއިވޭނެ އިންތިޒާމު ސައުދީ ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ.
ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސްވާނެ: މެޓް އޮފީސް
ޓްރީޓޮޕްގެ ފާޓިލިޓީ ސެންޓަރުގައި 100 ކުދިން އުފަންވެއްޖެ
"ދްރިޝްޔަމް 3"އަށް 3 ދުވަހުން 100 ކްރޯޑް ރުޕީސް ލިބިއްޖެ