އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާންކުރައްވާފައިވާ އެއްބަސްވުމަކަށް އާދެވިފައިވާ ކަންކަމުގެ ދަށުން، އީރާނުން ފައްކާކޮށްފައިވާ ޔުރޭނިއަމް އެހެން ބަޔަކާ ހަވާލުކުރުމަށާއި، ކުރިއަށް އޮތް 10 އަހަރު ދުވަހު 3.6 އިންސައްތައަށްވުރެ މަތީ މިންވަރަކަށް ޔުރޭނިއަމް ފައްކާކުރުން ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ބުނެ، ނިއުޔޯކް ޓައިމްސްއާއި އެމެރިކާގެ ބައެއް އޮފިޝަލުން ކުރާ ދައުވާތައް އީރާނުން ދޮގުކޮށްފި އެވެ.

ތަސްނީމް ނިއުސް އެޖެންސީއަށް މައުލޫމާތު ދިން އީރާނުގެ އޮފިޝަލަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެކެވެ. އަދި މިހާރު ކުރިއަށްދާ މަޝްވަރާތަކަކީ ހަމައެކަނި ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ބާއްވާ މަޝްވަރާތަކެއް ކަމަށާއި، ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ އެއްވެސް ތަފްސީލީ ކަމަކާ މެދު މަޝްވަރާ ކުރެވެމުން ނުދާ ކަމަށް އީރާނުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މީގެ އިތުރުން، އެއްވެސް ހާލަތެއްގައި ނުވަތަ އެއްވެސް އެއްބަސްވުމެއްގެ ދަށުން ނަމަވެސް އީރާނުގެ ޔުރޭނިއަމް އެ ގައުމުން ބޭރުކޮށްގެން ނުވާނެ ކަމަށް ބުނެ، އީރާނުގެ އެންމެ މަތީ ވެރިޔާ މުޖްތަބާ ޚާމަނާއީ މިދިޔަ ހަފުތާގައި ވަނީ ހާއްސަ އަމުރެއް ނެރުއްވާފަ އެވެ.

ރައީސް ޓްރަމްޕް ވަނީ އީރާނާއެކު މަޝްވަރާ ކުރެވި ގިނަ ކަންކަމަށް އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުންވެސް ހިމެނޭކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ނަމަވެސް އޭގެ ފަހުން އީރާނުން ބުނެފައިވަނީ ކަނޑުއޮޅި އޮތީ އީރާނުގެ ބެލުމުގެ ދަށުގައި ކަމަށާއި އަދި ކުރިއަށް އޮތްތާންގައިވެސް ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އޮންނާނީ އީރާނުގެ އަތުގައި ކަމަށެވެ.