އެމެރިކާގެ މަޝްހޫރު ޓީވީ ނެޓްވޯކް CBS އިން ދައްކަމުން އައި ރޭގަނޑުގެ އެންމެ މަގުބޫލު އެއް ޓޯކް ޝޯ ކަމަށްވާ "ދަ ލޭޓް ޝޯ" 33 އަހަރަށް ފަހު ނިންމާލައިފި އެވެ.
1993 ވަނަ އަހަރު ފެށި މި ޓޯކް ޝޯގެ ތާރީހުގައި ގިނަ ހޮސްޓުންތަކެއް ފެނިފައިވާއިރު މިހާރުގެ ހޮސްޓް ސްޓެފަން ކޮލްބާޓް އެ ޝޯ ހުށައަޅައިދޭތާ 11 އަހަރު ވެއްޖެ އެވެ.
މި ޝޯ ނިމުމަކަށް އައުމާއެކު ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ބެލުންތެރިންގެ މެދުގައި އެންމެ ހަނދާންވާނީ ސްޓެފަންގެ ސަކަ މިޒާޖުގެ އިތުރުން އޭނާގެ ތެދުވެރިކަމާއި އިހްލާސްތެރި ކަމެވެ.
"ދަ ކޮލްބާޓް ރިޕޯޓް" ގައި އޭނާ ކުޅުނު ސިޔާސީ ގޮތުން ހަރުކަށި ކެރެކްޓާ ދޫކޮށް، 2015 ވަނަ އަހަރު ޑޭވިޑް ހެޓަމަންގެ ފަހަތުން "ދަ ލޭޓް ޝޯ" އާ ހަވާލުވި އިރު ގިނަ ބަޔަކު ސުވާލު އުފެއްދީ އޭނާގެ އަސްލު މިޒާޖަކީ ކޮބައިތޯ އެވެ. ނަމަވެސް، ވޭތުވެދިޔަ 11 އަހަރުގެ ތެރޭގައި އޭނާ ވަނީ ބެލުންތެރިންނަށް އޭނާގެ ހަގީގީ އޯގާތެރި އަދި އިލްމީ ސިފަތައް ދައްކުވައިދީފަ އެވެ.
ފާޑުކިޔުންތެރިން ފާހަގަކުރާ ގޮތުގައި، އެމެރިކާގެ ސިޔާސީ މަޝްރަހު ގޯސްވެ، ހާއްސަކޮށް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސަތުގެ ދުވަސްވަރާއި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި، ކޮލްބާޓްގެ ޝޯ ވެގެންދިޔައީ ބެލުންތެރިންނަށް ހަމައެކަނި ހިނިތުންވުމެއް ގެނެސްދިން ޝޯއަކަށް ނޫނެވެ.
އެއީ ގައުމުގެ ހާލަތާމެދު ކަންބޮޑުވެފައި ތިބި ރައްޔިތުންނަށް ލިބުނު ނަފްސާނީ ހިތްހަމަޖެހުމަކާއި، ހިތްވަރެއް ކަމަށަ އެ މީހުން ބުނެ އެވެ.
ކޮވިޑްގެ ދުވަސްވަރު ގޭގެ ސިޓިންރޫމުގައި އިނދެ ބޭންޑެއް އަދި ބެލުންތެރިންނާ ނުލައި އޭނާ ޝޯ ކުރިއަށް ގެންދިޔަ ގޮތުން އޭނާގެ މަސައްކަތަށް ހުރި އިހްލާސްތެރިކަން ހާމަ ވެގެންދިޔަ އެވެ.
މީގެ އިތުރުން، ކޮލްބާޓްގެ އިންޓަވިއުތަކަކީ ހަމައެކަނި ފިލްމުތަކާއި ޝޯތައް ޕްރޮމޯޓްކުރާ ޕްލެޓްފޯމެއް ނޫނެވެ. އޭނާ ވަނީ ޖޯ ބައިޑަން، ބަރަކް އޮބާމާ ފަދަ ސިޔާސީ ބޭފުޅުންނާއި، ދީނީ އަދި އިލްމީ ދާއިރާގެ ބޭފުޅުންނާ އެކު ދިރިއުޅުމުގެ ހިތާމަތަކާއި، އީމާންތެރިކަމާއި، އުންމީދާ ގުޅޭގޮތުން ފުން އަދި މާނަފުން ވާހަކަތަކެއް ދައްކާފަ އެވެ.
މި ޝޯ ނިމުމަކަށް އައީ މާލީ ސަބަބުތަކާ ހުރެ ކަމަށް ސީބީއެސް އިން ބުނި ނަމަވެސް، މިއީ ސިޔާސީ ނުފޫޒުން ވީ ކަމެއް ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެ އެވެ.
ކޮލްބާޓްގެ ވަކިވުމާއެކު، އެމެރިކާގެ ލޭޓް-ނައިޓް ޓީވީގެ ރަންޒަމާނުގެ މުހިއްމު ބާބެއް ނިމުމަކަށް އައީ އެވެ. ކޮލްބާޓް ފަދައިން ބެލުންތެރިންނާ ހިތާއި ހިތުގެ ގުޅުމެއް ބޭއްވި، އަދި ކޮންމެ ރެއަކު ތެދުވެރިކަމާއެކު ވާހަކަ ދެއްކި ހޯސްޓެއް ނެތުމުގެ ފަޅުކަން ފިލުވުން ފަސޭހައެއް ނުވާނެ ކަމަށް މީހުން ގަބޫލު ކުރެ އެވެ.
ދިރާގުއެޕްއިން ބޮޑުމަސް ބާނައިގެން އީދަށް ހާއްސަ އިނާމުތަކެއް
"ރައީސްގެ އިތުބާރުނެތް ކަމަށް ވޯޓު ނެގުމުގެ ފުރުސަތެއް ނުދޭނަން"
8 ގަޑިއިރުގެ ނިދި ކޮންމެހެން ބޭނުން ވޭތަ؟ މާހިރުން ބުނަނީ ކީކޭ؟